މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލޭގައި ފެށި މިނީ ބަހުގެ ޙިދުމަތުން މާދަމާއިން ފެށިގެން އަގު ނަގަން ނިންމައިފިއެވެ.
މި ހިދުމަތް ފާއިތުވި ހަތަރު ހަފްތާއިން ފެށިގެން އެމްޓީސީސީއިން އައީ ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން ހިލޭ ދަތުރުތައް ކުރީ ބަސް ރޫޓުތަކަށް ކަސްޓަމަރުންނާއި ބަސްތައް އަހުލުވެރިކުރުވުމަށެވެ.
ބަހުގެ ހިދުމަތުން އެމްޓީސީސީން ނަގާނީ ޓިކެޓަކަށް ހަތް ރުފިޔާއެވެ. ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކަށް އާރުޓީއެލް މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މީގެ އިތުރުން މާލޭގައި ދުއްވާ މިނީ ބަސްތަކުން ކަރުދާސް ޓިކެޓް ވެސް ލިބެން ހުންނާނެއެވެ. ނަމަވެސް މިގޮތަށް ޓިކެޓް ނަގާ ފަރާތްތަކުން ސީދާ އަގު ގެންދިއުމަށް އެމްޓީސީސީން އިލްތިމާސް ކުރެއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކާ އެއްގޮތަށް މިނީ ބަހުގެ ހިދުމަތުގައިވެސް ކަރުދާސް ޓިކެޓް ނަގާއިރު މާރު ކުރެވެން ނުހުންނާނެ ކަމަށެވެ. އަދި މާރު ކުރެވޭ ގިތް ހަދައިފިނަމަ ދަތުރުތައް ލަސްވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
“އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ހުރިހާ ބޭފުޅުން ވެސް ސީދާ އަދަދު ހިފައިގެން ވަޑައިގަތުމަށް. ސީދާ ހަތް ރުފިޔާ ހިފައިގެން ވަޑައިގަންނަވައްޗޭ. އަޅުގަނޑުމެން އެތެރޭގައި ޗޭންޖު ދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައި ނުހުންނާނެ. އެގޮތަށް އެކަން ކުރަން ޖެހިއްޖެއްޔާ އެ ބަސް ދަތުރު ހުއްޓިގެން އެތާ ތިބެން ޖެހޭނެ. 10 ވަރަކަށް މީހުންނަށް ޗޭންޖު ދެންޏާ ކޮންމެ ތަނެއްގައި ފަސް ވަރަކަށް މިނެޓް މަޑު ކުރަން ޖެހޭނެ،” އާޒިމް ވިދާޅުވިއެވެ.
އާރުޓީއެލްގެ ކިޔުއާރު ޓިކެޓް މިހާރު ބަލްކް ކޮށްވެސް ނަގާލެވޭނެއެވެ. އެގޮތުން 60 ޓިކެޓާ ހަމައަށް ޓިކެޓް ނަގާލެވޭނެއެވެ. އަދި މި ޓިކެޓުތައް 30 ދުވަހުގެ ތެރޭގައި ބޭނުން ކުރެވޭނެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި ބަލްކްކޮށް ޓިކެޓް ނެގޭ ގޮތް ހެދީ ގިނަ ދަތުރު ކުރާ ފަރާތްތަކަށް ލުއިފަސޭހަ ހޯދައިދިނުމަށެވެ.
އާޒިމް ވިދާޅުވީ މިވަގުތު ވެބްސައިޓާއި އެޕްލިކޭޝަނުން ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހިފައިވީ ނަމަވެސް މި މަހުގެ ތެރޭގައި އީއެމްވީ ކާޑު ބޭނުން ކުރެވޭ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މި ޚިދުމަތާއެކި ވިސާ، އެމެކްސް އަދި މާސްޓަކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އެ ކާޑުތައް ބޭނުންކޮށްގެން ޓިކެޓަށް ފައިސާ ދެއްކޭނެއެވެ.
މި ޚިދުމަތުގެ އިތުރުން ކޯ ބްރޭންޑެޑް ކާޑު ވެސް ތައާރަފު ކުރުމަށް އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ. މި ކާޑު ތައާރަފު ކުރުމާއެކު މިހާރު އެމްޓީސީސީގެ ބަސް ދަތުރުތަކުގައި ބޭނުން ކުރާ ދަތުރު ކާޑުތައް އުވާލެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިހާރު އެ ކާޑު ބޭނުން ކުރުމުގައި ހުރި ގިނަ ދަތިތަކަކަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ކާޑު މިއަހަރު ނިމުމުގެ ކުރިން ތައާރަފު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އާރުޓީއެލްގެ މިނީ ބަހުން އަގު ނަގަން ފެށި ނަމަވެސް 65 އަހަރުން މަތީގެ މީހުންނާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދައްކައިގެން ހިލޭ ދަތުރު ކުރެވޭނެއެވެ. އަދި ހއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެންސްޕާގެ ކާޑު ދައްކައިގެންނާއި ޔުނިފޯމުގައި ތިބޭ ސްކޫލް ކުދިންނަށް ވެސް ހިލޭ ބަހުގައި ދަތުރު ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!