ޓިކްޓޮކް ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ބަންދުން ދޫކޮށްލުމުން އޭނާ އަލުން ބަންދުކުރަން ދައުލަތުން އަނެއްކާވެސް ހައި ކޯޓަށް ހުށަހަޅައިފި އެވެ.
މަސްތުވާތަކެތި ޓްރެފިކްކުރި ކަމަށް ބުނެ ދައުލަތުން ހުނޫގެ މައްޗަށް ދައުވާކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާ ކުރިން ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލާގައި ހައި ކޯޓުން ކުރިން ކްރިމިނަލް ކޯޓަށް އެންގީ އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށެވެ.
ބަންދު މުރާޖާކުރުމަށްފަހު ކްރިމިނަލް ކޯޓުން ވެސް ދެވަނަ ފަހަރަށް ނިންމީ ހުނޫ ބަންދު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ ނިންމުން އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅުމަށްފަހު އެދިފައިވަނީ ހުނޫ ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.
އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ ނިންމައިފަ އެވެ. ދެން އޮންނާނީ ހުކުމް އިއްވުމެވެ.
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ހުނޫ އާއި އިތުރު ބައެއްގެ މައްޗަށް އޮތީ އުފުލައިފަ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!