ހުޅުމާލެ ފަޅުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއަށް ވަންނަ ނެރާ ދިމާ ފަޅު ތެރޭގައި ލޯންޗަކާއި ޑިންގީއެއް ޖެހިގެން ކަމަށެވެ.
18:55 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވީ ޑިންގީގައި ތިބި ހަތަރު މީހުންނަށެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.
އެ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ދެ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އަނެއް ދެ މީހުން ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެކްސިޑެންޓު ހިނގި އިރު ޑިންގީގައި 7 މީހުން ތިބިކަމަށް މަޢުލޫމާތު ލިބެއެވެ. ލޯންޗުގައި ތިބީ ކިތައް މީހުން ކަމެއް ސާފެއް ނުވެއެވެ. ފުލުހުން ބުނީ މިއެކްސިޑެންޓުގައި ދެ އުޅަނދަށްވެސް ބޮޑެތި ގެއްލުންތައް ވެފައިވާކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!