ކޯވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ދަތުރުތައް ހުއްޓާލުމަށްފަހު އަލުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ޗައިނާއިން ނިންމައިފިއެވެ.
ސީދާ ދަތުރުތައް އަންނަ މަހު އަލުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ އިއްޔެ ޕީއެސްއެމްގެ ޕްރޮގްރާމެއްގައެވެ. ޗައިނާގެ ސަފީރު ވާންގް ލިޖިން ވިދާޅުވީ ރާއްޖެ އަކީ ޗައިނާގެ ފަތިރުވެރިންގެ މެދުގައި އަދިވެސް އެންމެ މަގުބޫލު މަންޒިލް ކަމަށެވެ. އެހެންވެ ދަތުރުތައް އަލުން ފަށަން އެ ޤައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ސަފީރު ވިދާޅުވީ ޗައިނާގައި ކޯވިޑުގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނާތީ ވަރަށް އަވަހަށް އެ ގައުމުގެ ފަތުރުވެރިންނަށް ދަތުރު ކުރެވޭ ގޮތް ހަދާނެ ކަމަށެވެ. އެހެންވެ ރާއްޖެ އާއި ޗައިނާއާ ދެމެދު ދަތުރުކުރާ ފަތުރުވެރިންނާއެކު ދަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖެ-ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަލުން ފެށުމުގެ މަސައްކަތް ވެސް އެބަކުރެވޭ. އަޅުގަނޑުމެން އުއްމީދުކުރަނީ އަންނަ މަހު އެ ދަތުރުތައް ފެށޭނެ ކަމަށް." ޗައިނާގެ ސަފީރު ވިދާޅުވިއެވެ.
ކޯވިޑުގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. ނަމަވެސް ކޮވިޑާއެކު އެ ގައުމުގެ ބޯޑަރުތައް ބަންދު ކުރުމުން އެ ގައުމުން ފަތުރުވެރިން އައުން ހުއްޓުމަކަށް އައެެވެ. އޭގެ އަސަރު މިދިޔަ ދެ އަހަރު ވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެވެ.
މިހާރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!