ރާއްޖެ-ޗައިނާ ގުޅުމުގެ އެންމެ ބޮޑު އަސާސަކީ ޗައިނާގެ ވެރިކަންކުރާ ޕާޓީ، ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) އާއި، ރާއްޖޭގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ދެމެދު އޮތް އިތުބާރާއި ގުޅުން ކަމުގައި ޕީޕީއެމްގެ އެއް ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީގެ މޭޔަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ޗައިނާގެ ސީޕީސީއިން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
"ޕްރޮމޯޓިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، ޓުގެދާ ފޯރ އަ ބްރައިޓާ ފިއުޗާ" ތީމްގެ ދަށުން ބޭއްވި މި ބައްދަލުވުމުގައި މުޢިއްޒު ވަނީ ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފައެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން މީގެ އަށް އަހަރު ކުރިން ރާއްޖެއަށް ކުރެއްވި ޒިޔާރަތާގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވިއެވެ.
މުޢިއްޒު ވަނީ ޗައިނާގެ ތާއީދާއި، އެހީތެރިކަން އަދި ވެސް މެދުކެނޑުމެއްނެތި ލިބެމުންދާކަން ފާހަގަ ކުރައްވާފައެވެ. މިގޮތުން މި ހަފްތާގެ ކުރީކޮޅު ޗައިނާއިން މާލެ ސިޓީ ކައުންސިލަށް 3،000 ޕްލެޓް އަދި މަގު ބައްތި (ޒަމާނީ ލެޑް ލައިޓް) ހަދިޔާ ކުރިކުރުން ފާހަގަ ކުރަށްވާފަވެއެވެ.
ޑރ. މުއިއްޒުގެ ވާހަކާގައި ވަނީ، ރާއްޖެ-ޗައިނާ ގުޅުމުގެ އެންމެ ބޮޑު އަސާސަކީ ސީޕީސީ އާއި ޕީޕީއެމް އާ ދެމެދު އޮތް އިތުބާރާއި އެއްބާރުލުން ކަމަށް ސިފަކުރަށްވާފައެވެ. އަދި ދެގައުމުގެ ގުޅުން ބަދަހިވެގެން ދިޔައީ ޕީޕީއެމްގެ ވެރިކަމުގައި ކަމަށާއި، ދެ ޕާޓީގެ ދެމެދުގައި އޮތް ދުވަސްވީ ގާތް ގުޅުމުގެ ސަބަބުން ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހުގެ ޕީޕީއެމަށް ގިނަ ފައިދާތަކެއް ލިބިގެން ދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވަނީ 2023 ވަނަ އަހަރު ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް އެނބުރި ވެރިކަމަށް ވަޑައިގެން، ދާހިލީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން ޗައިނާ-ރާއްޖެއާ ދެމެދުގައި އޮތް ގުޅުން ވަރުގަދަކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!