އުރީދޫ މޯލްޑިވްސް އިން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން އެމްފައިސާ މެދުވެރިކޮށް ވަގުފު ފަންޑަށް ފައިސާ ޖަމާ ކުރެވޭ ގޮތް ހަދައިފިއެވެ.
މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ކ.ހިންމަފުށި، މަސްޖިދުލް އިނާރާ މިސްކިތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލްޙަމާދީއެވެ.
އުރީދޫގެ ސީއީއީ ޚާލިދު ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމައުތައް ބިނާކޮށް، އެ ކުންފުނީގެ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ތަރައްގީއަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އަދި ވަގުފު ފަންޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކަންކަމަށް ފަންޑުކުރުމުގައި އެންމެ ދެމެހެއްޓެނިވި އެއް ވަސީލަތް ކަމަށާއި ރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމާއި ތަރައްޤީކުރުމަށް އިސްލާމިކް މިނިސްޓްރީން އުފައްދާފައިވާ އެ ފަންޑަށް އެމްފައިސާ މެދުވެރިކޮށް ރައްޔިތުންނަށް ފައިސާ ޖަމާކުރެވޭ ގޮތް މަގުފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ރައްޔިތުންގެ ތެރޭގައި މިސްކިތްތަކަށް އެހީވުމަށްޓަކައި ޞަދާޤާތްކުރަން ބޭނުންވާ ގިނަ މީހުން ތިބުމާއެކު، މިނިސްޓްރީގައި އުފައްދާފައިވާ "މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑު" އަށް ފައިސާ ޖަމާކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ އަބަދުވެސް އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެގޮތުން އުރީދޫ އެމް ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވުމުގެ ފުރުޞަތު ހޯދައިދެވިގެން ދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނޭކަން ޤަބޫލުކުރައްވާ ކަަމަށް އޭނާ ވިދާޅުވިއެވެ.
“މިކަމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ފާހަގަކުރަން." މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގެ ވަޤުފް ފަންޑަށް ޞަދަގާތް ކުރުމަށް، މިސްކިތްތަކުގައި ބަހައްޓާފައިވާ ކިއުއާރު ކޯޑު އުރީދޫ އެޕްމެދުވެރިކޮށް ސްކޭން ކުރުމުން އެމްފައިސާ މެދުވެރިކޮށް ޞަދަގާތްކޮށްލެވޭނެއެވެ. މި ޙިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން ފުރަތަމަ ކިއުއާރު ކޯޑް ބަހައްޓާފައިވަނީ ކ.ހިންމަފުށީގައި ހުންނަ މަސްޖިދުލް އިނާރާގައެވެ.
އެމްފައިސާ މެދުވެރިކޮށް ޞަދަގާތް ކުރުމަށް ކިއުއާރު ކޯޑުތައް އެހެން މިސްކިތްތަކުގައިވެސް އަދި ކައިރި މުސްތަގުބަލެއްގައި ބަހައްޓާނެކަން އުރީދޫއިން ޔަގީންކޮށްދެއެވެ.
ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށް އުރީދޫ މޯލްޑިވްސް އިން ގެންގުޅޭ ތަސައްވުރާއި އެއްގޮތަށް، ފެށުނީއްސުރެވެސް އެކުންފުނިންދަނީ ފަސޭހަކަމާއި ރައްކާތެރިކާމާއެކު އެމް-ފައިސާ ޕްލެޓްފޯމް މެދުވެރިކޮށް ސަރުކާރާއި، ޖަމިއްޔާ ޖަމާޢަތްތަކާއި، ފައުންޑޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހި ކޮށްދެމުންނެވެ. އެގޮތުން އެމް-ފައިސާ މެދުވެރިކޮށް މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެވޭ ފަރާތްތަކުގެ ތެރޭގައި ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އާއި ޕީސް ފައުންޑޭޝަން ހިމެނެއެވެ.
މިސްކިތްތަކަށް އެހީވާ ވަޤުފް ފަންޑަކީ މިސްކިތްތައް އިމާރާތްކުރުމަށާއި މިސްކިތްތަކުގެ މަރާމާތަށާއި މިސްކިތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް މިސްކިތްތަކަށް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ ވަޤްފް ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އުފައްދާފައިވާ ފަންޑެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!