އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ނަޒަރުހިންގާލާއިރު ފެނިގެންދަނީ ހިތާމަކުރަންޖެހޭ ފަދަ ބައެއް މަންޒަރުތަކެވެ.
ދުވަސްތައް ވެއަތުވެގެން ދަނީ އެއް ކަންތައްތަކެއް ކުރުމުގެ ބުރަކަންމަތީ، ތިމާގެ ހަށިގަނޑާއި ދުޅަހެޔޮކަމަށް އެއްވެސް ވިސްނުމެއް ފަރުވާލެއް ނުދެވިއެވެ. ދެރަ ހަޤީޤަތަކީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް، މި ހަށިގަނޑަކީ އަޅުގަނޑުމެންގެ ފުރާނައާއި ހަވާލުވެފައިވާ އަމާނާތެއްކަން ހަނދާނުގައި ނުހުންނަކަމެވެ.
މި ނިކަމެތި ހަށިގަނޑަށް އަޅުގަނޑުމެނަށް ނޭނގިނަމަވެސް ދެވޭ ބައެއް އަނިޔާތަކަށް ނަޒަރު ހިންގާލަމާތޯއެވެ!
1. ބޯންޖެހޭ މިންވަރަށް ފެން ނުބުއިން
އަޅުގަނޑުމެންގެ ހަށިގަނޑުގައި %60 ހިއްސާކުރަމުންދަނީ ފެން ކަމަށްވާއިރު، އެކަށޭނަ މިންވަރަށް ފެން ނުބުއިމުން، މި ހަޑިގަނޑަށް މި ދެވެނީ ކިހާބޮޑު އަނިޔާއެއްކަން އެނގޭނަމަ، ތިމާގެ އަތުން ފެންފުޅި ދޫކޮށްލާނޭ އެކަކުވެސް ނުހުންނާނެކަން ކަށަވަރެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމުގެ ސަބަބުން، ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެ، މޫޑު ގޯސްވެ ކަންނެތްވާތަން އާދެއެވެ. ހަމުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަށް ޖެހުމަށް މަގުފަހިވެ އަދި، ހުޅުހުޅުގެ މައްސަލަތަށް ޖެހުންވެސް އެކަށީގެންވާކަމަށް ޑޮކްޓަރުން ލަފާދެއެވެ.
ސުވާލަކީ، އަޅުގަނޑުމެންގެ މި ނާޒުކު ހަށިގަނޑަށް ބޭނުންވަނީ ކިހާމިންވަރެއްގެ ފެނެއްބާއެވެ. އަޅުގަނޑުމެންނަށް އަބަދުވެސް އަޑުއިވިގެންދަނީ މަދުވެގެން 8 ތަށިފެން ބޯންޖެހޭނެ ވާހަކައެވެ. ނަމަވެސް ޑޮކްޓަރުންގެ އިލްތިމާސްއަކީ، ތިބާގެ ކުޑަކަމުދާ ތަކެތީގެ ކުލައަށާއި ފާޚާނާ ކުރެވޭ ޢަދަދަށް ބަލައި ފެނުގެ މިންވަރު އަމިއްލައަށް އިތުރުކުރުމެވެ. މިއީ އެއަށްވުރެ ހަމަޖެހޭ ގޮތެއްކަން ފާހަގަކުރެވެއެވެ. އާދެ، އެންމެން ގެންގުޅެނީ އެއް ސައިޒެއްގެ ފެންބޯތަށިތަކެއް ނޫންތާއެވެ.
2. މާ ދަންކޮށްފައި ކެއުން
ދިރާސާތަކުން ދައްކާގޮތުގައި ރޭގަނޑުގެ ކެއުމުގެ ވަގުތު އަވަސް ކުރުމަކީ ބަރުދަން ލުއިކޮށްދިނުމަށް އެހީވެދޭ ކަމެކެވެ. ހަމަ އެބީދައިން ދަންކޮށްފައި ކެއުމަކީ ހަށިގަނޑުގައި ސަރުބީ ރައްކާކުރުމަށް ފަހިވާ ސަބަބެއްކަމަށްވެސް ދިރާސާތަކުން ދައްކަ އެވެ.
މިހެން މިކަން ވެގެންދާ ދެތިން ސަބަބެއް ވެއެވެ. ފުރަތަމަ ކަމަކަށް ދަންވަރު ކާ ކެއުމަކީ ގިނަފަހަރަށް ސިއްހަތަށް ފައިދާހުރި ކާނާ އަށް ވެގެންނުދާކަމެވެ. ދަންވަރު ގަޑީގައި ސެލެޑް އެއް ކާލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންބާއެވެ. ނުވަތަ ތަރުކާރީގެ ބާވަތެއް އިޚްތިޔާރު ކޮށްލެވޭބާއެވެ. ނުވަތަ މޭވާއަކާއި މެދު ވިސްނާލެވޭބާއެވެ.
މީގެ އިތުރުން ހަޖަމްވުމުގެ ކުރިން ނިދުމާއި އަދި އެތަކެތި ހަޖަމްވުމުގެ ކުރިން އަނެއްދުވަހުގެ ކެލަރީސްތަށް ހަށިގަނޑަށް އެތެރެކުރެވިގެން ދިއުމުގެ ސަބަބުން ސަރުބީގެ ގޮތުގައި އެކާނާ ހަށިގަނޑުގެ އެކި ސަރަހައްދުގައި ރައްކާކުރެވޭތަން އާދެއެވެ.
3. ކަސްރަތާއި ދުރުހެލިވުން
ކަސްރަތުކުރުމާއި އަދި ދުވާލަކު ވަކި ވަރަކަށް ހަރަކާތްތެރިވުމަކީ ދުޅަހެޔޮ ލައިފްސްޓައިލްއަކަށް މަޖުބޫރު ދެ މާއްދާއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަށް ދިމާވެފައިވާ ހިތްދަތިކަމަކީ، 24 ގަޑިއިރުވެސް މަދުވެފައި އޮތުމެވެ. ކުރަންޖެހޭ ކަންތައްތަށް ގިނަކަމުންނެވެ. ދުވަހުގެ ބުރަ ތާވަލުގެ ތެރެއަށް ހަރަކާތްތެރިވެލަން 20-30 މިނެޓްވެސް އެކުލަވާލެވޭ މީހުންނަކީ ހަމަ ފިސާރި ބަޔަކަށް ނޫނީ ނުވާނެއެވެ.
ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުންނަށް ހުސްވަގުތުގެ ނިޢުމަތް ލިބިގެންދާއިރުވެސް ހަށިގަނޑަށް އެއްވެސް ފައިދާހުރި ކަސްރަތެއް ކޮށްނުލެވުމަކީ މިއީ ވަރަށް މާޔޫސްކުރަނިވި ކަމެކެވެ. އޮފީސް ނުވަތަ ދުވަހުގެ މަސައްކަތް ނިންމާފައި ކޮންމެ މީހަކުވެސް އަރާމު ކޮށްލަން ބޭނުންވާނެއެވެ. ނަމަވެސް ފޭސްބުކް ޓްވިޓާގައި ނުވަތަ ގޭމިންގް ގައި ވަގުތު ބޭކާރުކުރުމަށްވުރެން އެންމެ 30 މިނިޓް ދުވާލަކު ކަސްރަތަށް ޚާއްސަކޮށްލުމުން ލިބޭ ފައިދާތަށް އިންތިހާއެވެ.
އޭގެ ތެރޭވައި، ބަރުދަން ރަނގަޅު މިންވަރެއްގައި ހިފެހެއްޓުމާއި، ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދިނުމާއި، ކޮރޮނިކް ބަލިތަކުން ދުރުކޮށްދިނުމަށް އެހީވުމާއި، ލޭ ދައުރުވުން ރަނގަޅުވުމާއި ލޭގައި ހިމެނޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން ކަންކަމަށް އަހަންމިއްޔަތުކަން އިތުރުވެ، ރަނގަޅު މޫޑެއްގައި ހުރުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.
4. ލަހުން ނިދުމާއި ލަހުން ހޭލުން.
އާދެ މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުންނަށް ކުރިމަތިލާން ޖެހޭ އެކަމަކު އެކަމަށް ތިމާމީހާގެ ޟަމީރު ކެހިދޭ ކަމަކަށްވަނީ ވެފައެވެ. ސަބަބަކީ، މިއީ މަޑުމަޑުންގޮސް ކަށީގައި ހަރުލާކަމަކަށް ވާތީއެވެ. އާދެ އެސައިންމެންޓެއް ހަދަން ނުވަތަ ޓެސްޓަކަށް ކިޔެވުމަށް ނުވަތަ ޕްރެސެންޓޭޝަންއެއް ހަދަން ނުވަތަ ކުޑަމީހާ ނިންދަވަން ހޭލާ ހުންނަން ޖެހިދާނެއެވެ.
މައްސަލައަކަށް މިވަނީ ބޭކާރުގޮތުގައި ދަންވަރުގެ ވަގުތު ހޭދަކުރުމުގެ ސަބަބުން ލަހުން ނިދުމެވެ. އޭގެ ސަބަބުނަ ލަހުން ހޭލެވި ދުވަސް ނިމިގެންދަނީ އޮއްޓަރުހުރި ކަމެއް ނުކުރެވިއެވެ.
މީގެ އިތުރުން ލަހުން ނިދުމަކީ، އޭގެ ސަބަބުނަ ތިމާމީހާގެ ދިފާއީ ނިޒާމު ބަލިކަށިކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކުވައިދެއެވެ. އަދި ރަނގަޅަށް ނިދިހަމަނުވެ ދުވަހުގެ ކަންކަމުގައި އުޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރުވާ، ހިތާއި ސިކުނޑީގެ ބަލިތަކަށް މަގުފަހިކޮށްދޭ ކަމަކަށް މިވަނީވެފައެވެ.
އަވަހަށް ނިދުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ރޭގަނޑުގެ ކެއުން އަވަސް ކުރުމާއި، ނިދުމުގެ ކުރިން ފޯނު ނިދާތަނާއި ދުރުގައި ބޭއްވުން ހިމެނެއެވެ. ބުނެލަން ފަސޭހަ އެކަމަކު ކޮށްލަން އުނދަގޫ ދެކަންތައްދެއްތޯއެވެ.
5. ހެނދުނުގެ ނާސްތާ ނުނެގުން
މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ސްކޫލް ދަރިވަރުންނާއި ހެނދުނު އޮފީހަށް ދާމީހުންނަށް ގަސްތުގައި ނޫން ނަމަވެސް ނުވަތަ މަދުން ނަމަވެސް ކުރެވިގެންދާ ޢަމަލެކެވެ. އަދި ބައެއްމީހުންނަށް ހެނދުނުގެ ނާސްތާއެއީ އެހާ މުހިންމު ނުވަނީއެވެ. އަނެއްބައި މީހުންނަށް ވިސްނިފައި ވަނީ މިއީ ބަރުދަން ލުއިކުރުމަށް ކުރެވިދާނެ ކަމެއްގެ ގޮތުގައެވެ. މުޅިއަކުން އެހެނެއްނޫނެވެ.
ދިރާސާތަކުން ދައްކާގޮތުގައި، ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ކެއުމެވެ. ހުސްބަނޑާހުރެ އެކާ ފުރަތަމަ ކެއުމަކީ ހަށިގަނޑަށް އެންމެ ގިނައިން ނިއުޓްރީޝަން ނަގައިދޭ، އަދި ބަރުދަން ލުއި ކުރުމަށް އެހީވެދޭ ކަމެއްގެ ގޮތުގައިވެސް ފާހަގަ ކޮށްލެވެއެވެ. ސަބަކީ ހެނދުނުއްސުރެ ހަށިގަނޑަށް ނިއުޓްރީޝަންއާއި ހަކަތަ ލިއްބައިދޭ ކާނާ ކެއުމުގެ ސަބަބުން ރޭގަނޑު ލުއި ގޮތެއް ހަދާލައިގެންވެސް ހިތްހަމަޖައްސާލެވޭތީއެވެ.
އާދެ މަތީގައި ނަންގަނެވިފައިވާ ގިނަ ކަންކަމަކީ ނޭންގި ނަމަވެސް، ނުވަތަ ގަސްތަކާއި ނުލައި ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކަށް ކުރެވޭ ކަންކަމޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތެއް ނަމަ އެކަންވެސް ހުއްޓާލަން މަސައްކަތް ކުރަން ޖެހެއެވެ. މާގިނަ ވަގުތު ސްކްރީން ކައިރީ އިނުމާއި މާ ގިނައިން ފޯނު ބޭނުން ކުރުމަކީ ވެސް މަދުކުރަން ޖެހޭ އާދަ އެކެވެ.
ވީމާ، ދުޅަހެޔޮ އޮއްޓަރު ހުރި ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ހަށިގަނޑުގައި ނޭދެވޭ ކަމެއް ހަރުލާފައިވާނަމަ އަމިއްލައަށް އެކަން ފާހަގަކުރުމަށްފަހު ނުގުޑާ އަޒުމަކާއިއެކެ އިސްލާހުވާން މަސައްކަތް ކުރަމާތޯއެވެ.
މަޢުލޫމާތު ނަގާފައިވަނީ: އީޓިންގހެލްތީ.ކޮމް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!