އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން ކުރިއަށްދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ދެ ވަނަ އަދި ތިން ވަނަ ފިޔަވަހީގެ ސްޕީޑް ފެރީ ހިދުމަތަށް ބޭނުންވާ ލޯންޗުތައް ބަނުމަށް އަލް ޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީ)ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އަލް ޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަބްދުﷲ ހުސައިން މުހައްމަދު އަލް ޝާލީއެވެ.
އެ އެއްބަސްވުމުގެ ދަށުން، ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި 65 ސްޕީޑް ފެރީ ބަނުމަށް ވަނީ ހަވާލުކޮށްފައެވެ. އަލް ޝާލީ މެރިންއާ މި މަސައްކަތް ހަވާލު ކުރީ 537 މިލިއަން ރުފިޔާއަށެވެ.
ދެވަނަ ފިޔަވަހި އަދި ތިންވަނަ ފިޔަވަހީގެ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެއް ކަމަށާއި އެ ބަނުމުގައި އިސްކަންދޭނީ ފަސޭހަކަމާއެކު ދަތުރުވެރިންނަށް ލޯންޗު ތަޖުރިބާކޮށްލެވޭނެ ގޮތަކަށް ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މިހާރުގެ ފެރީތަކާ އެއްގޮތަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފާހަނައާއި ރޭމްޕަކާއި ސްޓްރެޗާ އަދި ފުރޮޅުލީ ގޮނޑި ބަހައްޓަން ޖާގަ އެ ފެރީތަކުގައި ހުންނާނެއެވެ.
ޖާގައިގެ ގޮތުން ފަހުގެ ލޯންޗުތައް ބޮޑުވި ނަމަވެސް، ހުރިހާ ލޯންޗެއްގައި ވެސް ހުންނާނީ އެއް ޑިޒައިނެއްކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަސައްލަތް ދެ އަހަރުގެ މުއްދަތަކަށް ހަވާލު ކުރި ނަމަވެސް ވީހާވެސް އަވަހަށް އެ މަސައްކަތް ނިންމަން އަލްޝާލީއާ ވާހަކަދައްކަމުން އަންނަ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ. އަދި ލޯންޗުތައް ބަންނަވަރަކަށް ހިދުމަތް ފަށަމުން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އާރުޓީއެލްގެ ފެރީ ނިޒާމުގެ ދަށުން ފުރަތަމަ ފިޔަވަހީގެ ލޯންޗުތައް ވެސް ބަދެފައިވަނީ އަލްޝާލީންނެވެ. މި ލޯންޗުތައް ބަދެ މިހާރު ވަނީ ހއ. ހދ. އަދި ށ. އަތޮޅުގައި ހިދުމަތް ފަށައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!