މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފެށިތާ ހަފްތާއެއް ވެފައިވާއިރު ފުރަތަމަ ހަފްތާގައި 48،370 މީހުން ދަތުރުކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މީޑިއާތަކާ ހިއްސާ ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ބަސް ދަތުރުކުރާ މީހުންގެ އަދަދު ވަނީ އެއް ދުވަހަށް ވުރެ، އަނެއް ދުވަހު އިތުރުވެފައެވެ.
އެގޮތުން ފުރަތަމަ ހަފްތާގެ ބަސް ދަތުރުތަކަށް ބަލާއިރު ހޯމަ ދުވަހު 2257 މީހުން ދަތުރު ކުރިއިރު އަންގާރަ ދުވަހު 3255 މީހުން، ބުދަ ދުވަހު 8024 މީހުން، ބުރާސްފަތި ދުވަހު 8349 މީހުނ، ހުކުރު ދުވަހު 8063 މީހުން، ހޮނިހިރު ދުވަހު 9329 މީހުން އަދި އާދިއްތަ ދުވަހު 9093 މީހުން ވަނީ ދަތުރުކޮށްފައެވެ.
އާރުޓީއެލް މިނީ ބަހުގެ ހިދުމަތް މާލޭގައި ދެމުން އަންނަނީ ތިން ރޫޓެއްގައެވެ. އެއީ އޯކިޑު ރޫޓާއި ސޯސަން ރޫޓާއި އަމީނީ ރޫޓެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ދަތުރުކޮށްފައިވަނީ އޯކިޑު ރޫޓުންނެވެ.
ތަފށްހިސާބުތައް ދައްކާގޮތުގައި އޯކިޑު ރޫޓުން މިދިޔަ ހަފްތާގައި 18،463 މީހުން ދަތުރު ކުރި އިރު އަމީނީ ރޫޓުން 18،261 މީހުން އަދި ސޯސަން ރޫޓުން 11،646 މީހުން ވަނީ ދަތުރުކޮށްފައެވެ.
ބަސް ދަތުރުތައް ފެށި ފުރަތަމަ ހަފުތާގެ ތެރޭގައި ބަސްތަކުން ވަނީ ޖުމުލަ 2000 ދަތުރުކޮށްފައެވެ. ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ދަތުރުތައް ކުރަނީ މުޅިން ހިލޭއެވެ. އަންނަ ހޯމަ ދުވަހުން ފެށިގެން ޓިކެޓް ނަގަން ޖެހޭނީ އާރުޓީއެލް އެޕް އަދި ވެބްސައިޓް މެދުވެރިކޮށެވެ.
މިނީ ބަހުގެ ޓިކެޓެއްގެ އަގަކީ ހަތް ރުފިޔާއެވެ.
މިނީ ބަހުގެ ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45އިން ދަންވަރު 00:15 އަށެވެ.
ކޮންމެ ބަސް ސްޓޮޕަކުން ވެސް 10 މިނެޓާއި 15 މިނެޓާ ދެމެދު ބަހެއް ދަތުރުފަށާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!