ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓްގެ 4 ވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ހުރި މީހަކު މަގުމައްޗަށް އެއްޗެހި ތަކެއް އުކާލުމުން މަގުމަތީގައި ޕާކުކޮށްފައި ހުރި ވެހިކަލް ތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ ހިޔާ ފުލެޓްގެ 4 ވަނަ ޓަވަރު ކައިރީގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓް މިއަދު މެންދުރު 12:53 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.
އެޓަވަރުގައި ދިރިއުޅޭ ފަރާތަކުން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ބުނީ ބޭރުބަލާލީ އަޑުގަދަވެގެން ކަމަށެވެ. އެވަގުތު މަތިން މަގުމައްޗާއި ވީ ދިމާއަށް ގަސް އިންދާ ޕޮޓާއި ޑަބިޔާ، ބަދިގޭގައި ގެންގުޅޭ ތެއްޔާއި ތާސް ފަދަ ސާމާނު މަތިން ފައިބަމުންދާތަން ފެންނަކަމަށެވެ.
އެވަގުތު މަގުމަތީގައި މީހުން އުޅޭކަމަށާއި އެމީހުން ހަޅޭއްލަވާ އަޑުވެސް އިވޭކަމަށް ބުންޏެވެ.
މަތިން އުކާލި ބައެއް އެއްޗެހި މަގު މެދުގައި ހުރި އިރު މަގުގެ އެއްފަރާތުގައި ޕާކު ކޮށްފައިވާ ކާރަކާއި ޕިކަޕެއްގެ ބިއްލޫރިގަނޑުވެސް ވަނީ ބައެއް އެޗެހިން ޖެހި ތަޅައިގެން ގޮސްފަ އެވެ.
ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް އަދި ސާފެއް ނުވެއެވެ.
އެވަގުތު އެސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!