އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ.ކުޑަރިކިލަށް ތައާރަފްކޮށްފިއެވެ.
އުރީދޫ އިން ބުނީ ބާރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މިޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން، އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، އަންނަ މަސް ނިމުމުގެ ކުރިން މިޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗެއް ގަތަރުގައި ލައިވްކޮށް ބަލާލުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ފައިބަ ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވާ ޚިދުމަތާއެކު މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށެވެ. އަދި އިންޓަނެޓަކީ މިހާރު އާންމު ދިރިއުޅުމުގެ ކަންކަން ކުރުމަށާއި ދިރިއުޅުން އިތުރަށް މުއްސަނދިކުރުމަށްވެސް އެންމެ މުހިންމު އެއް ވަސީލަތެއް ކަމަށާއި އެހެން ކަމުން މިއަދު ކުޑަރިކިލުގެ ރައްޔިތުންނަށް ފައިބަ ސުޕަނެޓް ފޯރުކޮށްދީ އިތުރު ފުރުސަތުތަކާ ގުޅުވާލަދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
“ސުޕަނެޓްގެ ޚިދުމަތް އަލައް ނަގާ ފަރާތްތަކަށް ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ބަލާލަން ދިއުމުގެ ފުރުސަތުވެސް އިތުރަށް ހުޅުވިގެންދާނެ." ނިޔާޒް ވިދާޅުވިއެވެ.
ދާދި ފަހުން އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.
މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތާއާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.
މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ޚިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!