މާލޭގައި މިނީ ބަހުގެ ހިދުމަތް މިއަދު ފަށައިފިއެވެ.

މި ދަތުރުތައް ފެށީ މިއަދު ފަތިހު ދަރުމަވަންތަ ހޮސްޕިޓަލުގެ ކައިރިންނެވެ. އެގޮތުން ފުރަތަމަ ދަތުރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް އާއި ސީއޯއޯ ޝާހިދު އަލީ އާއި މޯލްޑިވިއަން އެއާލައިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވަނީ ބަހުގެ ޙިދުމަތުގެ އަޖުމަ ބައްލަވާލައްވައިފައެވެ.

Ad
rt

މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45 އިން ދަންވަރު 12:15 އަށް ބަސް ދަތުރުތައް އެމްޓީސީސީން ބާއްވާނެއެވެ.

ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ގެ ދަށުން ފެށި މި ހިދުމަތް ފުރަތަމަ ދެ ހަފްތާގައި ދޭނީ ހިލެއެވެ. އެއަށްފަހު، ދަތުރަކަށް 7 ރުފިޔާ ނަގަން ވަނީ ނިންމާފައެވެ.

ރަސްމީކޮށް ދަތުރު ފަށައި ފީ ނަގަން ފެށި ނަމަވެސް ސްކޫލްތަކުގެ ދަރިވަރުންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ.

މާލޭގެ ތިން ރޫޓަކަށް ބަސް ދަތުރުކުރާނެއެވެ. ސޯސަން މަގުގެ ރޫޓް އިން އަށް ތަނަކަށް ބަސް މަޑުކުރާނެއެވެ. އަމީނީ މަގާއި އޯކިޑް މަގުގެ ރޫޓްގައި 18 ތަނަކަށް ބަސް މަޑު ކުރާނެއެވެ.

މާލޭގައި މި ޚިދުމަތް ދިނުމަށް އާރުޓީއެލް އިން 18 ބަސް ބޭނުން ކުރާނެއެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ލ. އަތޮޅުގައި ވެސް ވަނީ މިނީ ބަހުގެ ޙިދުމަތް ފަށައިފައެވެ.