ސްޕްރީމްކޯޓުގެ ފަޑިޔާރުކަމަށް ގދ.މަޑަވެލި، މޭނާ، އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި ގދ.މަޑަވެލި، މޭނާ، އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ ވޯޓާއިއެކުއެވެ. މަހާޒު އާއިއެކު ތަޅުމަށް ކުރީގެ ބަންޑާރަނައިބް ސ.ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅުވެސް މަޖިލީހަށް ހުށަހަޅާފައިވެއެވެ. ނަމަވެސް މަޖިލިސް ޤަވާއިދު ހަމަޖެހިފައިވާގޮތުން ފުރަތަމަ ވޯޓަށް އަހާ ފަރާތަށް މެމްބަރުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ އިތުރުބޭފުޅަކަށް ވޯޓަށް އަހާކަށް ނުޖެހޭނެއެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއްވެސް ނެރެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަޤާމަށް ޢައްޔަންކުރުމަށް ރައީސް ފޮނުއްވެވި މަހާޒް ޢަލީ ޒާހިރާއި، ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅު ދިރާސާކުރެއްވުމަށްފަހު ޖުޑިޝަރީ ކޮމެޓީން އެކުލާލި ރިޕޯޓް ފުރަތަމަ މަޖިލީހަށް ހުށަހެޅުމުން މަޖިލިސް ރައީށްވަނީ އަލުން ކޮމިޓީއަށް ފޮނުވާފައެވެ. ނަމަވެސް މަޖިލީހުގެ ކައުންސިލާ ޖެނެރަލް ގެ ލަފާގެ މަތިން އެމައްސަލަ އަލުން ބަލައިގަތުމަށް މަޖިލިސް ރައީސް ވަނީ ނިންމަވާފައެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަޤާމަށް ޢައްޔަންކުރެއްވުމަށް މަޖިލީހުން ރުހުންދެއްވި މަހާޒް ޢަލީ ޒާހިރަކީ ޑްރަގް ކޯޓުގެ ޤާޒީއެކެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވަނީ ފަނޑިޔާރުކަމުގެ މަޤާމުން އަލްއުސްތާޛް ޢަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!