ކުރީގެ ބައިތަކުގައި ބަޔާންކޮށްފައިވާ ފަދައިން ކީރިތި ޤުރްއާނަކީ އެންމެހާ އިންސާނުން ދުނިޔަވީ ޙަޔާތުގައި އުޅެންވީމަގު ދައްކުވައިދޭ އިލާހީ ދުސްތޫރެވެ. މި އިލާހީ ދުސްތޫރުގައި އިންސާނާގެ ދުނިޔަވީ ކޮންމެކަމެއްގައިވެސް ޢަމަލުކުރަންވީ ގޮތްވަނީ ބަޔާންކުރައްވާފައެވެ.
މިހަފްތާގެ ލިޔުމުގައި އަލިއަޅުވާލަން މި ޤަޞްދުކުރަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ބައެއް ޖިނާއީ ކުށްތަކާއި އެފަދަ ކުށްތަކުގެ އަދަބުގެ ބައިތަކުގެ މައްޗަށެވެ.
ބައެއްޖިނާއީ ކުށްތަށްކުރާ މީހުންގެ ހައްދު ޤުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ.
ކުށްތަކަށް އަރައިގަތުމަކީ އިންސާނާގެ ޠަބީޢަތުގައި ލައްވާފައިވާކަމެކެވެ. އިންސާނާ ކުށަކަށް އަރައިގެންފިނަމަ އެކުށެއްގެ އަދަބު ކޮންމެވެސް ގޮތަކަށް (ކުށްކުރިމާިހާއަށް) ލިބެންޖެހޭނެކަމީ ހަމަކޮންމެ އިންސާނަކުވެސް ޤަބޫލުކުރާކަމެކެވެ. އެކަމަކު އަދަބުލިބެންޖެހޭ ގޮތާއި މިންވަރު އެކިއެކި ދީންތަކުގައި ޤަބޫލުކުރާގޮތް ތަފާތެވެ.
މާތްވެގެންވާ އިސްލާމްދީން ބިނާވެގެންވަނީ ކީރިތި ޤުރްއާނުގައިވާ ހިދާޔަތުގެ މައްޗަށް ކަމަށްވާއިރު، އިސްލާމްދީނުގައި ބައެއްކުށްތައް ކުރާމީހުންނަށް ދެވޭނެ ބައެއް އަދަބުތައްވެސް ޤުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ. (މި ލިޔުމުގައި އަލިއަޅުވާލާނީ ހަމައެކަނި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ދަލީލުތަކުގެ މައްޗަށެވެ.)
1- ވައްކަންކުރާ މީހުންގެ އަދަބު:
ވައްކަންކުރުމުގެ އަދަބަކީ އަތްކެނޑުންކަން ސޫރަތުލް މާއިދާގެ 10 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. " وَالسَّارِقُ وَالسَّارِقَةُ فَاقْطَعُواْ أَيْدِيَهُمَا جَزَاء بِمَا كَسَبَا نَكَالاً مِّنَ اللّهِ وَاللّهُ عَزِيزٌ حَكِيمٌ "
މާނައީ "ވައްކަންކުރާ ފިރިހެނާ އާއި ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ ތިޔަބައިމީހުން އެދެމީހުންގެ އަތްތައްބުރިކުރާށެވެ. އެއީ އެދެމީހުން ކުޅަކަންތަކުގެ ޖަޒާ އަކަށް ﷲގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބްރަތްތެރި ޢުޤޫބާތެއްގެ ގޮތުންނެވެ."
މި އާޔަތަށް ވިސްނާލުމުން ބައެއްފަރާތްތަކަށް ދޭހަވަނީ ވައްކަންކުރާ ކޮންމެ މީހަކަށްވެސް އަތްބުރިކުރުމުގެ ޙައްދު ޤާއިމްކުރަން ޖެހޭނެކަމަށެވެ. އެހެންނަމަވެސް ކަންއޮންނަނީ މިގޮތަކަށްނޫނެވެ. ވައްކަން ކުރާމީހާގެ އަތްބުރިކުރުމުގެ ޙައްދު ޤާއިމްކުރެވޭނީ، އެމީހާ ވައްކަންކުރިކަން އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ޘާބިތުވުމުންނެވެ.
މިކަން ޘާބިތުކުރެވޭނީ ދެގޮތަކަށެވެ. ފުރަތަަމަގޮތަކީ ވައްކަންކުރިކަމަށް ބެލެވޭމީހާ، އޭނާ ވައްކަންކުރިކަމަށް އަމިއްލައަށް އިޢުތިރާފުވުމެވެ. އެބަހީ ބައްކަންކުރިކަމަށް ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވުމެވެ. (ނޯޓް: ޖިނާއީ ހުރިހާ ކުށެއްގައިވެސް މިކަންއޮންނަނީ މިގޮތަށެވެ.) ވައްކަން ކުރިކަން ޘާބިތުވާނެ ދެވަނަ ގޮތަކީ މީހަކު ވައްކަންކުރަނިކޮށް ފެނުނު ޢަދުލުވެރި ދެ ފިރިހެނުންގެ ހެކިބަހުންނެވެ. ކިތަންމެބޮޑު ވައްކަމެއް ކުރިޔަސް، އޭނާ ވައްކަން ކުރިކަން މިދެގޮތުންކުރެ ގޮތަކަށް ޘާބިތުނުވާހާ ހިނދަކު ވައްކަމުގެ ޙައްދު ޤާއިމެއް ނުކުރެވޭނެއެވެ.
ވީޑިއޯ ފުޓޭޖާއި، ފޮޓޯ ފަދަ ތަކެއްޗާއި، ބޭންކް ސްލިޕްފަދަ ތަކެއްޗަކީ ވައްކަންކުރިކަން ޝަރީޢަތުގައި ޘާބިތުކުރެވޭނެ ގޮތްތަކެއްނޫނެވެ.
ވައްކަމުގެ ޙައްދު ޤާއިމްކުރުމުގައި، ވައްކަންކުރިކަން ޘާބިތުވިޔަސް އޭނާގެ ކިބައިގައި އަދި ވައްކަމުގެ ޙައްދު ޤާއިމެއް ނުކުރެވޭނެއެވެ. ޙައްދު ޤާއިމްކުރުމަށްޓަކައި ވައްކަންކުރި މީހާގެ ކިބައިގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާން ޖެހެއެވެ. ހަމަ އެހެންމެ ވަގަށްނެގި މުދަލުގައިވެސް ވަކި ޝަރުޠުތަކެއް ފުރިހަމަވާން ޖެހެއެވެ. މި ހުރިހާ ކަމެއް ފުރިހަމަވެގެންމެނުވީ ކީރިތި ޤުރްއާނުގައި އައިސްފައިވާ "އަތްބުރިކުރުމުގެ" ހައްދު ޤާއިމެއް ނުކުރެވޭނެއެވެ.
2- ޒިނޭކުރާ މީހުންގެ އަދަބު:
" الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِئَةَ جَلْدَةٍ" (ސޫރަތުއްނޫރު 2) މާނައީ "ޒިނޭކުރާ އަންހެންމީހާއާއި އަދި ފިރިހެންމީހާއާއި ދެމީހުންކުރެ ކޮންމެ މީހެއްގެ ގައިގައި ސަތޭކަ އެތިފަހަރުން ޙައްދުޖަހާށެވެ. މިއީ ޒިނޭކުރިކަން ޝަރީޢަތުގެ މަޖިލީހަށް ޘާބިތުވެފައިވާ ޣައިރު މުޙްޞަނުންގެ އަދަބެވެ. ޣައިރު މުޙްޞަނުންނަކީ ޝަރުޢީ (ޞައްޙަ) ކައިވެންޏެއް ކޮށްފައިނުވާ ނުވަތަ ކައިވެންޏެއް ކުރިނަމަވެސް، އެކައިވެނީގައި ޖިމާޢުނުކޮށް ވަރިކޮށްފައިވާ ދެމީހުންނެވެ.
ޒިނޭކުރާ މުޙްޞަނުންގެ އަދަބުވެސް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައި ވެއެވެ. މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ.
(الشيخُ والشيخةُ إذا زَنَيا فارجُموهما البتَّة نكالًا من اللهِ واللهُ عزيزٌ حكيمٌ) މާނަ: "ފިރިހެނަކު އަދި އަންހެނަކު ޒިނޭކޮށްފި ހިނދުގައި، الله ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބްރަތްތެރި ޢުޤޫބާތެއްގެ ގޮތުން ދެމީހުން ރަޖަމް ކުރާށެވެ. الله އީ ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހެވެ." މިއާޔަތަކީ ތިލާވަތު މަންޞޫޚުވެފައި އެހެންނަމަވެސް ޙުކުމް ދެމިއޮތް އާޔަތެކެވެ. ވީމާ މިއާޔަތާއި އެއްގޮތަށް ޢަމަލުކުރުމަކީ މުސްލިމުންގެ މައްޗަށް ލީޒިމުވެގެންވާ ކަމެކެވެ. މީގެ އިތުރުން ރަޖަމުގެ ޙުކުމް ޤުރްއާނުގައި އޮތްކަން އަންނަނިވި ޙާދިސާތަކުންވެސް ޘާބިތުވެއެވެ.
ނަބިއްޔާ ﷺ ދެ ޔަހޫދީއެއް ރަޖަމް ކުރެއްވިއެވެ. އަދި މާޢިޒް (ماعز)، ޣާމިދިއްޔާ (الْغَامديّة)، ޖުހަނިއްޔާ (الجُهَنِية) އަދި މަސައްކަތު މީހެއްގެ ގޮތުގައިވި މީހާ ، މި 6 މީހުން الله ގެ ރަސޫލާ ﷺ ރަޖަމް ކުރެއްވިއެވެ.
ޒިނޭކުށް ޘާބިތުވާނީ ދެގޮތަކަށެވެ. ފުރަތަމަ ގޮތަކީ ޒިނޭކުރި ދެމީހުންގެ އަމިއްލަ އިޢުތިރާފުންނެވެ. ދެވަނަ ގޮތަކީ ޒިނޭކުރަނިކޮށް ފެނުނު ޢަދުލުވެރި ހަތަރު ފިރިހެނުންގެ ހެކިބަހުންނެވެ. ނަމަވެސް ޒިނޭ ޘާބިތުކުރުމުގައި ބައެއް ޢިލްމުވެރިން ތިންވަނަ ގޮތެއް ބަޔާންކުރައްވައެވެ.
އެއީ، ކައިވެނިން ބޭރުގައި އަންހެނާ ބަލިވެ އިނުމެވެ. ނަމަވެސް، ތިންވަނަ ގޮތާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އެބައޮތެވެ. އެހެނީ، އެކަމުގައި ޝުބުހައެއް އޮތުމުގެ ފުރުޞަތު ވަރަށްބޮޑެވެ. ޝުބުހަ އޮތުމޭ މިދެންނެވީ، ރޭޕްކުރުންފަދަ ކަމެއްގެ ސަބަބުން އަންހެނާ ބަލިވެއިނުންފަދަ ކަމެއްގެ އިޙްތިމާލު އެކަމުގައި އޮތުމެވެ.
{ޙައްދަކީ ޝުބުހައެއް އޮވެއްޖެނަމަ، ޤާއިމުނުކޮށް ދޫކޮށްލެވޭ ކަމެކެވެ. އެހެންކަމުން، ޖުމްހޫރު (ގިނަ) ޢިލްމުވެރިންގެ ރައުޔަކީ ޝުބުހައެއް އޮވެއްޖެނަމަ، ކައިވެނިން ބޭރުގައި ބަލިވެ އިންނަ އަންހެނާގެ މައްޗަށް ޒިނޭގެ ޙައްދު ޤާއިމުނުކުރެވޭނެ ކަމެވެ.} (ޝައިޚް ޝަފީޢު ޢަބްދުﷲގެ ލިޔުމަކުން ނަގާފައި)
(ނުނިމޭ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!