އިންސާނާ ދުނިޔޭގައި ލައްވާފައިވަނީ އިރު އެރުމުން މަސައްކަތްތެރިވެ، އިންސާނާގެ ބުއްދީގެ ނިޢުމަތް ހެޔޮ ގޮތުގައި ބޭނުންކޮށް ދުނިޔެ އާރާސްތުކުރުމުގައި އުޅުމަށެވެ. އަދި މިއާއި އެކު، ދުވާލުގެ ބުރަ މަސައްކަތަށް ފަހު ރޭގަނޑުގެ ނިންޖަކީ ނަގާލާ ވަރަށްވުރެ، މާ މުހިންމު އެއްޗެކެވެ.
ނިންޖަކީ ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ނުހަނު މުހިންމު އެއްޗެކެވެ. ހަށިގަނޑު ހެދި ބޮޑުވުމަށް ކާނާއާއި އެއްވަރަށް ނިދިވެސް ބޭނުންވެއެވެ. އިންސާނާއަށް ރަނގަޅަށް ނުނިދުމުން ރުޅިގަދަވެ، ދުވާލުގެ ވަގުތުތަކުގައި އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ކުރުމަށް ހުރަސް އެޅެއެވެ. މީގެ އިތުރުން ނިދި ނުލިބުމަކީ އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެއްކަން އެނގެނީ ކޮންބަޔަކަށް ހެއްޔެވެ؟
ގިނަ މީހުންނަކީ 8 ގަޑިއިރުގެ ނިދި ބޭނުންވާ މީހުންނެވެ. ނިދި ބޭނުންވާ މިންވަރަށް ނުލިބިއްޖެނަމަ، ދުވާލު ގަޑީގައި ވަރުބަލިވެ، ކޮންމެވެސް ވަރަށް ނިދާލަން ބޭނުންވާނެއެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ހަމަ ނިދި ނުލިބުމަކީ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ކުރުވާ ކަމެކެވެ. އަދި ލޭގެ ޕްރެޝަރ އިތުރު ކޮށްދީ، ހަކުރު ބަލި ޖެހުމަށްވެސް މަގުފަހި ކުރުވައެވެ. މީގެ އިތުރުން މާބޮޑަށް ފަލަވުމަކީވެސް ނިދި މަދުވުމުން ދިމާވެދާނެ ސިއްހީ މައްސަލައެކެވެ. ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި، ނިދި މަދުވުމަކީ ދުވާލުގެ ވަގުތު ތަކުގައި ރަނގަޅަށް ވިސްނައި ކަންކަމަށް ސަމާލުކަން ދިނުމަށްވެސް އުނދަގޫވާ ކަމެކެވެ.
ނަމަވެސް ގިނަ މީހުންނަކީ ރޭގަނޑު ނިދަން އުނދަގޫ މީހުންނެވެ. އަދި ބައެއް ފަހަރު ނިދަން އުޅެ ނުނިދެއެވެ. އަދި އެކަމާ ކަން ބޮޑުވެ ހާސްވެއެވެ. އެފަދަ ވަޤުތުތަކުގައި ވެސް މާތްﷲ ހަނދުމަކޮށް، ދުޢާ ކުރުމަކީ އަރާމު ނިއްޖަކުން ނިދުމަށް މަގުފަހިވެގެން ދާނެ ކަމެކެވެ. އެފަދަ ވަޤުތުތަކުގައި ތިރީގައި މިވާ މިދުޢާތައް ކުރާށެވެ.
ނިދަން އުނދަގޫވާނަމަ އަންނަނިވި ދުޢާ ކިޔުއްވާށެވެ.
اللَّهُمَّ غارَتِ النُّجومُ، وَهَدَأَتِ العُيونُ وَأنْتَ حَيٌّ قَيُّومٌ يَا حَيُّ يَا قَيُّومُ أَنِمْ عَيْنِيْ وَأَهْدِئ لَيْلِيْ
މާނައީ: ހައްދަވާ ގެންގުޅުއްވާ އިލާހު!ތަރިތައް އޮއްސިއްޖެއެވެ. ލޯތައް މަޑުމޮޅިވެއްޖެއެވެ. އިބަ ﷲއީ ދިރިދެމިވޮޑިގެންވާ ދާއިމަށް ޤާއިމްވެވޮޑިގެންވާއިލާހެވެ. އޭ ދިރިދެމިވޮޑިގެންވާ ދާއިމަށްޤާއިމްވެވޮޑިގެންވާ އިލާހް! މިއަލާ ލޮލަށް ނިދި އަންނާނެގޮތް މެދުވެރި ކުރައްވާނދޭވެ. އަދި މިއަޅާގެ ރޭގަނޑު މަޑުމައިތިރި ކޮށްދެއްވާންދޭވެ.
” أَعُوْذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ، وَمِنْ شَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِيْنِ وَأَنْ يَحْضُرُوْنِ ”
މާނައީ: ” ﷲގެ ކޯފާއާއި އެކަލާނގެ ޢަޒާބާއި، އެކަލާނގެ އަޅުތަކުންގެ ނުބައިކަމުންނާއި ޝައިޠާނުންގެ އުނދަގޫތަކުންނާއި ނުބައިކަމުން ރައްކާތެރިކޮށް ދެއްވުން އެދި ﷲގެ ފުރިހަމަ ކަލިމަފުޅުތަކުން ރައްކާތެރިކަމަށް އެދެމެވެ. ”
ނިދީގައި ދަންވަރު ގަޑީގައި ހޭލެވިއްޖެ ނަމަ ތިރީގައި މިވާ ދުޢާތައް ކުރުމުން ނިދަށް ފަސޭހަ ވެގެން ދާނެއެވެ.
” لاَ إِلَهَ إِلاَّ اللَّهُ الْوَاحِدُ الْقَهَّارُ رَبُّ السَّمَاوَاتِ وَالأَرْضِ وَمَا بَيْنَهُمَا الْعَزِيْزُ الْغَفَّارُ “
މާނައީ: ” ﷲ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ އެއްކައުވަންތަ، ބަލި ކުރައްވައި، އުޑުތަކާއި ބިމުގެވެރި އަދި އެދެމެދުގައި ވާހާ އެއްޗެއްގެ ވެރި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ ޢިއްޒަތްވަންތަ ޢަފޫ ކުރައްވާ ރަސްކަލާނގެއެވެ.”
” اَلحَمْـدُ لِلَّهِ الَّذِي أَحْـيَانَا بَعْـدَ مَا أَمَاتَـنَا وَإِلَيْهِ النُّـشُوْرِ “
މާނައީ: ހުރިހާ ޙަމްދު ޘަނާއެއް ވަނީ މާތްﷲ އަށެވެ. އެކަލާނގެއީ އަހަރަމެން މަރުއްވުމަށް ފަހު ދިރުއްވާ ރަސްކަލާނގެއެވެ. އަދި ދެވަނަ ފަހަރަށް އަބުރާ ދިއުން ވެސް ވަނީ އެކަލާނގެ ޙަޟްރަތަށެވެ.”
އިންސާނުންނަށް މިދުނިޔޭގައި ލިބޭ ކޮންމެ އުފަލަކާއި އަރާމަކީ މާތްﷲގެ ޙަޟްރަތުން ލިބޭ ކަންތައްތަކެކެވެ. އިންސާނުން އަބަދުވެސް އެކަލާނގެއަށް މުހުތާދުވެ، ބޭނުންތެރިވެއެވެ. ދުނިޔޭގައި ދިމާވާ ދަތިތަކާއި މުޞީބާތްތަކުން ސަލާމަތްކޮށްދެއްވުށާއި، ކުށްފާފަތަކުން މިންޖުކޮށްދެއްވުން އެދި ދުޢާ ދަންނަވާ ވާގިއަށް އެދެންޖެހެއެވެ. މާތްﷲ ހަނދުމަކޮށް އެކަލާނގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަކީ މަތިވެރި އަޅުކަމެކެވެ. އިންސާނާ ޣާފިލުކަމުން ދުރުކޮށް ޙާލިޤުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއާ ގުޅުވައިދޭ އެންމެ މުހިއްމު އެއްވަޞީލަތަކީ ދުޢާކޮށް، އެކަލާނގެމަތީން ހަނދުމަކުރުމެވެ. އެއީ އަޅާއާ އޭނާގެ ވެރިރަސްކަލާނގެއާއި ދެމެދު ގުޅުން ދަމަހައްޓައި ދޭ ވާފަށެވެ.
މާތްﷲއަށް ދުޢާ ދެންނެވުމާއި އެކި ކަންކަމާ ބެހޭ ގޮތުން ވާރިދު ވެފައިވާ ދުޢާތައް ކިޔުމަކީ ޚާލިޤުވަންތަ ﷲއާ ދެމެދު ގައި އޮންނަށް ޖެހޭ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމެކެވެ. އަދި މާތްﷲގެ ރުއްސެވުމާއި މަޣުފިރަތުގެ އިތުރުން، ކަންކަމުގައި ބަރަކާތް ލައްވާނެކަމެވެ. ދުވާލުގެ މަސައްކަތަށް ފަހު ނިދަން އޮށޯންނަށް ހިނދު، އޭނާގެ ހުރިހާ ކަމެއް ހަވާލު ކުރެވެނީ މާތްﷲއާ އެވެ. އެހެންކަމުން އަރާމު ނިއްޖެ ލިބުމަށާއި ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތް ވުމަށްޓަކައި ދުޢާތައް ކިޔުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!