ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި "މަސް ބޮނޑި" އަކީ ވަރަށް މަގުބޫލު ކެއުމެކެވެ. އެކި ކަންކޮޅުތަކުގައި "މަސް ބޮނޑި" ފިހަނީ ތަފާތުކޮންނެވެ.

މިއަދު މި ހިއްސާ ކޮށްލަނީ، ދުނބުރި ފަތަށް ލައި، ފަންވަތަކުން އޮޅާލުމަށްފަހު ފިހެލާ ކުޅުދުއްފުށްޓަށް ހާއްސަ "މަސް ބޮނޑި" އެވެ.

Ad
rt

މާލޫދަށް ކޭން ގެންދިޔަ ޒަމާނުންސުރެއް ދިވެހިން އައީ މަސްބޮނޑި ފިހަމުން ނެވެ. ދިވެހި ރަހައެއް ދޭ "މަސް ބޮނޑި" އަކީ، ހާއްސަކޮން ޢީދު ދުވަހުގެ މެންދުރަށް ސުފުރާމަތި ފަޅުފިލުވަދޭ ކެއުމެކެވެ.

ބޭނުންވާ ތަކެތި

1 ގަނޑު ވަޅޯމަސް (ތުނިކޮށް ކޮށާފައި)
1 ކާށި ހުނި
2 ސަމްސާ ކޮތަނބިރި ހަވާދު
1 ސަމްސާ ދިރި
1 ސަމްސާ އަސޭމިރުސް
1 ސައި ސަމްސާ ދަވިއްގަނދު
1 ސައި ސަމްސާ ކޮތަނބިރި
1 ގިތެޔޮ މިރުސް
1 ލުބޯ
3 ލޮނުމެދު
2 ފިޔާ
ރަހަލާވަރަށް ލޮނު
ކުލަ ހުންނަ ވަރަށް ރީދޫ
4 ދުނބުރި ފަތް
އައްސާނެ ފަންކޮޅެއް

ތައްޔާރުކުރާނެ ގޮތް

1 ފިޔާ، މަސް، ލުނބޯ، ރީދޫ ފިޔަވާ ބާކީ ހުރި ހުރިހާ އެއްޗެހި އެއްކޮށް މިކްސްޗަރ އިން ހިމުން ވަންދެން މުގުރާލާށެވެ. މުގުރަން އުދަގޫ ނަމަ ކުޑަ ފެން ފޮދެއް އަޅާށެވެ. މާ ދިޔާ ނުވާ ވަރަށެވެ.

ހިމުން ވީމާ ބާކީ އޮތް ފިޔާ ތުނިކޮށް ކޮށާފައި ލުނބޯ އަދި ލޮނު ލާއިގެން މޮޑެލާށެވެ. މޮޑެވުނީމަ މަސްގަނޑު އަޅާފަ ހިމުން ވަންދެން މޮޑެލާށެވެ. އެއަށްފަހު މިކްސްޗަރ ގައި ހުރި ތަކެއްޗާ އެއްކޮށްލާށެވެ. މާހިކި ނަމަ ކުޑަ ފެން ފޮދެއް އަޅާށެވެ. ނަމަވެސް ދިޔާ ވާވަރަށް ނާޅާށެވެ.

ފަތުގެ ނާރު ނަގާފަ ފަތް ކުޑަކޮށް މިލުވާލާފަ މަސްގަނޑު ހަތަރެސްކަނައް ވާގޮތަށް ގުޅަ ޖަހާލާށެވެ. ފަތް ފައްޖަހާލާފައި މަސްގަނޑު ނިވާ ކޮއްލާފައި ފަން ކޮޅުން އައްސާފައި ރޮށި ފިހާ ތަވާ މަތީ މަޑު ގިނީގައި ފިހެލާށެވެ. ފިހެވޭވަރު ބަލާ ފުށުން ޖަހަން ވާނެއެވެ.

އަވަނުން ވެސް ފިހެވޭނެއެވެ. އަވަނުން ފިހުނީމަ އެތެރެ ހިކޭގޮތް ވާނެއެވެ. އުނދުނުން ފިހުމުން ލާމީރު ރަހަ ނުލާނެއެވެ. ދުނބުރި ފަތް ނުލިބޭނަމަ ފޮއިލްގައިވެސް ފިހެވި ދާނެ އެވެ.