ލަންކާގައި ފަށާ ފޯނޭޝަންސް ކަޕުގައި ރާއްޖެ ކުޅޭ މެޗުތައް ސްޓެލްކޯގެ މާޓީވީގައި އަޅުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި މުބާރާތް މިރޭ ފަށާ ގޮތަށް ނިންމާފައި އޮތްނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން ވަނީ މާދަމާއަށް ބަދަލުކޮށްފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ރާއްޖެއާއި ލަންކާއެވެ.

Ad
rt

ސްޓެލްކޯއިން ބުނީ، މުބާރާތުގެ ފޯރި ގަދަކުރުމުގެ ގޮތުން އެ ކުންފުނީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން، ރާއްޖެ ކުޅޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން ފަސް ފަރާތަކަށް ހަދިޔާ ޕެކުތަކެއް ލިބުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގެސް އެންޑް ވިންގެ ދަށުން ސްޓެލްކޯއިން ދޭ ހަދިޔާ ޕެކުގައި އެސްޓީއޯގެ ގްރީންލައިފް ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނޭ ރީޔޫޒަބްލް ފުޅިއާއި، ޓޯޓް ބޭގާއި ކަރުދާސް ކޮތަޅު ހިމެނޭނެއެވެ.

މާދަމާ ފަށާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ދައުވަތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ލަންކާއަށް ވަޑައިގެންފައެވެ.

މި މުބާާރާތުގައި ބައިވެރިވަނީ ހަތަރު ޓީމެކެވެ. އެއީ ލަންކާ އާއި ރާއްޖެއާއި ބަންގްލަދޭޝް އަދި ސީޝެލްސްއެވެ. މި މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.