ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މުހިންމު ތިން ބިލަކަށް ވޯޓަށް އެހޭވަރަށް ތަޅުމުގައި މެންބަރުން ހާޟިރުވެވަޑައިގެން ނެތުމުގެ ސަބަބުން އެ ތިން ބިލަށް މިއަދު ވޯޓަށް އެހޭ ގޮތެއް ނުވިއެވެ.

އެ ބިލުތަކަށް ވޯޓަށް ނޭހުނީ މަޖިލީހުގެ ގަވާއިދު ބުނާގޮތަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ބިލުތައް ވޯޓަށް އަހާގަޑީގައި ހާޟިރުވެ މަޖިލީހުގެ ތަޅުމުގައި ތިއްބަވަންޖެހޭއިރު އެ އަދަދަށް މެންބަރުން ވަޑައިގެން ނެތުމުންނެވެ. އެ ބިލުތަކަށް ވޯޓަށް އަހާގަޑީ ތަޅުމުގައި 44 މެންބަރުން ތިއްބަވަންޖެހެއެވެ.

Ad
rt

އެ ބިލުތަކަަކީ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުއަށް އިޞްލާޙު ގެނައުމުގެ ބިލާއި އަދި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުއަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

އެ ބިލުތައް ދިރާސާ ކުރެއްވި ކޮމެޓީތަކުން ވަނީ ބިލުތަކުގެ މަސައްކަތް ނިންމާ، ކޮމެޓީ ރިޕޯޓުތައް މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. އެ ރިޕޯޓުތައް މިއަދުގެ އެޖެންޑާގައި ހިމަނައި، ބަހުސްކުރުމަށް ފުރުޞަތު ދިނުމަށްފަހު ތަޅުމުން ފާސްކުރަން ވޯޓަށް އެހުމުގެ ވަގުތުގައި އެ ބިލުތަކަށް ވޯޓަށް އެހޭވަރަށް ތަޅުމުގައި މެންބަރުން ހާޟިރުވެވަޑައިގެން ނެތްކަމަށް މަޖިލީހުގެ ރިޔާސަތުން، މަޖިލީހު ނައިބު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވި އެވެ.

މިއަދުގެ ވޯޓުގެ ވަގުތުގައި ވޯޓުގެ ތަރުތީބުން އެ ބިލުތަކާއި އަރާއި ހަމަވިއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ 39 މެމްބަރުން ނެވެ. އެ ބިލުތައް ފާސް ކުރަން މަޖިލީހުގައި މަދުވެގެން 44 މެމްބަރުން ތިއްބަވަން ޖެހެ އެވެ.

"އެހެންކަމުން މި ބިލުތަކަށް ވޯޓަށް އެހޭކަށް ނެތް،" ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި އެވެ.

އެ ބިލުތަކަށް ވޯޓަށް އެހޭގޮތް ނުވީ، ވޯޓަށް އެހުމަށް ބޭނުންވާ ޢަދަދަށް މެންބަރުން މަޖިލީހުގައި ތިއްބަވާމެ، ގަސްދުގައި ބައެއް މެންބަރުން ތަޅުމަށް ވަދެ ވަޑައިނުގަތުމުން ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރަކު "ތިލަދުން"އަށް ވިދާޅުވިއެވެ.

"ވަކި ފެކްޝަނެއްހެންއުޅޭ ބޭފުޅުންކޮޅެއް އަޅުގަނޑުމެންތެރޭ އެބައުޅުއްވާ ނޫންތޯ، އެ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން އެ ބިލުތަކަށް ވޯޓަށް އެހިގަޑީ މަޖިލީހުގައި ތިއްބެވި، ކުޑަ ދޮށުގައި ވެސް ތިއްބެވި، ހަމަ ގަސްދުގައި ތަޅުމަށް ވެދެވަޑައިނުގަތީ" އެ މެންބަރު ވިދާޅުވިއެވެ.

ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހަކުން ސަރުކާރުގެ ވައުދުތައް ފުއްދަން ބޭނުންވާ ބިލުތައް އަދި ފާސްކުރަން ފުރުޞަތު ނުދީ ސަރުކާރު ހިންގުމަށް ދަތިވާ ގޮތަށް މިއަދު ތަޅުމަށް ނުވެންނެވި މެންބަރުން އަމަލުކުރެއްވީ ގަސްދުގައި ކަމަށް މި ނޫހަށް މައުލޫމާތު ދެއްވި މެންބަރު ވަނީ ތުހުމަތު ކުރަށްވާފައެވެ. އެވަގުތު ތަޅުމަށް ނުވަދެވަޑައިނުގެން ކުޑަ ދަށުގައި ތިއްބެވި ފަސްވަރަކަށް މެންބަރުންގެ ނަން ވެސް އެ މެންބަރު ވިދާޅުވެ ދެއްވިއެވެ.

ކޯރަމް ހަމަނުވުމުގެ ސަބަބުން ތިން ބިލަކަށް ވޯޓަށް ނޭހުނު ނަމަވެސް މިއަދު ނެގި އެންމެ ފަހު ވޯޓަށް ކޯރަމް ހަމަވި އެވެ. މިގޮތުން ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ދެކޭ ގޮތް ބައިނަލްއަގުވާމީ މުޖުތަމައަށް ހާމަ ކުރުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި 44 މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ.

މަޖިލީހުގައި ތިއްބަވާ 87 މެންބަރުން ތެރެއިން 65 މެންބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ.