ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެވޭނެ ހުރިހާ މަގެއް ވަނީ ހޯދަން ޖެހިފައިކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ.

މެންބަރު ވަޙީދު މިހެން ވިދާޅުވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޛަރީރު ހުށަހަޅުއްވާފައިވާ "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު"އަށް ބަހުސް ކުރަށްވަމުންނެވެ.

Ad
rt

ވަޙީދު ވިދާޅުވީ، ކުދިއަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގިނަގުނަ މައްސަލަތައް ފާހަގަވެގެން ދާކަމަށާއި، ހަމަ އެއާއެކުގައި ކުދި މެދު ފަންތީގެ ގާނޫނު އިޞްލާޙުކުރެވިގެން ދާއިރު މި ދުވަސްކޮޅަކީ އެ ފަރާތްތަކުގެ ހާލަތު އެންމެ ބޮޑަށް ދަށްވެފައި އޮތް ދުވަސްކޮޅު ކަމަށެވެ.

"އެ ފަރާތްތަކަށް އެހީތެރިވެވޭނެ ހުރިހާ މަގެއް އެބަ ހޯދަންޖެހޭ. މިއަދުގެ ހާލަތާ ގުޅިގެން ސަރުކާރުން ވެސް އަދި ބޭންކުތަކުން ވެސް އެބަޖެހޭ އެ ފަރާތްތަކަށް ގިނަގުނަ އެހީތެރިވެވޭނެ ގޮތްތަކެއް ރާވަން. ކޯވިޑް ލޯނު އަޅުގަނޑުމެންނަށް އެ ފަރާތްތަކަށް ދޫކުރެވުނު. އެހެންނަމަވެސް، މިއަދު އެ ފަރާތްތަކުން އެ ލޯނު އަނބުރާ ދެއްކުމަށްޓަކައި ހުރި ދަތިތަކުގެ ވާހަކަ ކޮންމެ ދުވަހަކު އެބަ ދައްކާ. އަޅުގަނޑުމެންނަށް ސަރުކާރުން ވެސް އަދި ބޭންކުތަކުން ވެސް ކޮންގޮތަކަށްތޯ އެ ފަރާތްތަކަށް އެހީތެރިވެވޭނީ އެބަ ބަލަންޖެހޭ." ވަޙީދު ވިދާޅުވިއެވެ.

ވަޙީދު ވިދާޅުވީ، އެ ފަރާތްތައް އަލުން ރަނގަޅުގޮތް ހޯދައިދެވިގެން ނޫނީ، މި ޤައުމުގެ އިޤުތިޞާދީ ދުވެލި ވެސް އަދި ޤައުމުގެ ހާލަތު ވެސް ރަނގަޅު ކުރެވެން ނެތް ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު މަސައްކަތް ކުރެވެމުން ދާއިރު ބޮޑަށް ފާހަގަވެގެންދަނީ، އަތޮޅުތެރޭގައި މަސައްކަތްކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އެއީ، އެހާ ރަސްމީކޮށް ހިނގާ ވިޔަފާރިތަކެއް ނޫންކަން ވަޙީދު ފާހަގަ ކުރެއްވިއެވެ.

"އެ ފަރާތްތަކާ މެދުގައި އެހީތެރިވެވޭނެ ގޮތްތައް ވަރަށް މަދުކޮށް މި ހުންނަނީ، ބޭންކުތަކަށް ދާއިރުގައި ބޭންކުތަކުން އެބަ އަހާ، އެކައުންޓް ނަންބަރު ކޮބައިތޯ؟ ސަރުކާރަކުން ކަމެއް ކުރާކަމުގައި ވަންޏާ، އެ ފަރާތްތަކުގެ އޮޑިޓް ރިޕޯޓުތަކާއި ދެން ހުރި ރިޕޯޓުތައް އެބަ ހޯދާ އެހެންނަމަވެސް، އެ ވިޔަފާރިތައް ބައްޓަންވެގެން އައިއްސަ މި ހުރީ، މި ދެންނެވި ދުވަހަށް، މިއަދާ ހަމައަށް އައިއިރުގައި އެ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އިނާޔަތްތަކާއި ބޭންކުތަކުން ދޫކުރާ ފެސިލިޓީތަކުގެ ތެރެއަށް ވަދެވޭ ގޮތަކަށެއް ނޫން، އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ކައުންސިލުތަކާ ގުޅިގެން އެ ފަރާތްތަކުގެ ލިސްޓެއް ގާއިމުކޮށް، އެ ފަރާތްތައް ސަރުކާރުގެ ލެވަލްގައި ފާހަގަކުރެވި، އެ ފަރާތްތަކަށް ކޮންމެ ހާލަތެއްގައި ވެސް އެހީތެރިވެވޭނެ މެކޭނިޒަމެއް ގާއިމުކުރަން." ވަޙީދު ވިދާޅުވިއެވެ.

އެސް.އެމް.އީ ބޭންކު މެދުވެރިކޮށް އެފަދަ ވިޔަފާރިތަކަށް ލޯނުތައް ދޫކުރެވެމުންދާކަން ފާހަގަކުރަށްވައި، އޭނާ ވިދާޅުވީ، އޭނާ ބޮޑަށް ތާއީދުކުރަށް ވަނީ ކައުންސިލުތައް މެދުވެރިކޮށް ރަށްރަށުގައި ތިބި ކުދި، މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި ބަޖެޓުގައި އަދަދުތަކެއް ކަނޑައެޅި، ކައުންސިލުތަކާ ހަވާލުކުރެވިގެން އެ ފަރާތްތަކަށް އެހީތެރިވުމަށް ކަމަށެވެ.

"އެސް.އެމް.އީ ބޭންކުން މިއަދު އެހީތެރިވުމުގައި ހުރި ލުއިފަސޭހަ ގޮތްތަކެއް ވެސް އެބަހުރި. އެހެންނަމަވެސް ޙަޤީޤަތުގައި ރަށްރަށުގައި ކުދި، މެދު ފަންތީގެ ވިޔަފާރިތަކަށް އެހާބޮޑަށް ޕްރޮގުރާމުގެ ތެރެއަށް ވަދެވޭ ގޮތަށެއް ނޫން މި ކަންކަން ހުރީކީ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މި ހުރިހާ އުސޫލުތަކެއް ވެސް ބަދަލުކޮށްގެން އެ ފަރާތްތަކަށް ސީދާ އެހީތެރިވެވޭނެ ގޮތެއް ގާއިމުކުރަން." ވަޙީދު ވިދާޅުވިއެވެ.

ޖުމުލަ 190 ޤައުމުގެ ތެރެއިން ދުނިޔޭގެ ވިޔަފާރިކުރުމަށް ފަސޭހަ ޤައުމުތަކުގެ އިންޑެކްސްގައި ދިވެހިރާއްޖެ މިއަދު ހިމެނެނީ 147 ވަނައިގައި ކަން ފާހަގަ ކުރަށްވަމުން ވަޙީދު ވިދާޅުވީ، ވިޔަފާރިކުރަން ފަސޭހަ މާޙައުލަކަށް މި ޤައުމު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

ގަވާއިދުތަކާއި ގާނޫނުތައް ހަދައިގެން އެ ވިޔަފާރިތަކަށް އުނދަގޫވާ ކަހަލަ ގޮތެއް ހަދާކަމުގައި ވަންޏާ، މި އިންޑެކްސްގައި ދިވެހިރާއްޖެ ދާނީ އަބަދުވެސް ދަށަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މި އިންޑެކްސްގައި ކުރި ހޯދޭނީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ކުދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަދި އިތުރު ވިޔަފާރިތަކަށް ފަސޭހަކަމާއެކު ވިޔަފާރި ފެށޭނެ ގޮތެއް ގާއިމުކުރުމުންކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ބޭރުގެ އިންވެސްޓަރުން ވެސް މިރާއްޖެ އަންނަން ބޭނުންވާ ކަމަށާއި، އެ ފަރާތްތަކަށް ވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން ލުއިފަސޭހަ މަގެއް ޤާއިމުކޮށްގެން ނޫނީ އެ ފަރާތްތައް ރާއްޖެ ގެނެސް ވިޔަފާރިކުރާކަން ނުބޭތިއްބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ވަޙީދު ވިދާޅުވީ، މިއަދު ލާމަރުކަޒީ ގާނޫނަށް ގެނެވިފައިވާ ބޮޑު ބަދަލާ އެކުގައި ބަޖެޓުގައި ކަނޑައެޅިގެން ކައުންސިލާ ވެސް އެ މަސައްކަތްތައް ހަވާލުކުރެވިގެން އެ ރަށްރަށުގައި މަސައްކަތްކުރާ ކުދި، މެދު ފަންތީގެ ވިޔަފާރިތަކަށް ސީދާ އެހީތެރިވެވޭނެ ގޮތެއް ގާއިމުކޮށް ދިނުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަމަށެވެ.