ޗުއްޓީއެއް ނުވަތަ ބަންދު ދުވަހެއް ލިބުނަސް ގިނަ މީހުން ބޭނުންވާނީ މާހައުލު ބަދަލުކޮށްލުމަށެވެ. ދަތުރެއް ދިޔުމަށް ނުވަތަ އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށެވެ. ކުރިޔާލާ އެކަން ތާވަލު ކުރެވިގެން އެކަމަށް ވަގުތާއި ފައިސާ ހަމަޖައްސައިގެން ކުރާމީހުން މި ރާއްޖޭގައިވެސް މަދެއް ނޫނެވެ. ތަނަވަސްކަން ހުރި މިންވަރަކުން އެކަން ކުރާ ގޮތްވެސް ތަފާތެވެ. ބައެއް ފަރާތްތަކުން ބޮޑު ޚަރަދުކޮށްފައި ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އަގުބޮޑު ރިސޯޓުތަކަށް ދާއިރު 'އަތް ފޯރާފަށުން' އެ ހިތްހަމަ ޖެހުމާއި އުފާވެރިކަން ހޯދާ މީހުންވެސް މަދެއް ނޫނެވެ. ކައިރީގައިވާ ފަޅުރަށްރަށަށް ދަތުރުދާ މީހުން އެކަން ކުރަނީކީ އަތުގައި ރުފިޔާ ނެތީމައެއް ނޫނެވެ. މީގެ ތެރެއިންވެސް ހދ. އަތޮޅުގައި މިކަން ކުރާ ގޮތް ތަފާތެވެ.
ހދ. އަތޮޅަކީ ނިސްބަތުން ރީތި ފަޅުރަށްތަކެއް ހިމެނޭ އަތޮޅެކެވެ. އެ ރަށްތަކުގެ ރީތިކަމުގެ ފައިދާ އަތޮޅުގެ އެންމެންހެން ހިފަމުން އަންނަ ކަމީ ހަގީގަތެކެވެ. ސަބަބެއްނެތިއެއް ނޫނެވެ. ރާއްޖޭގެ އިގުތިސާދުގެ ރަންބިސް އަޅާ ކުކުޅުކަމަށް މަޝްހޫރުވެފައިވާ ފަތުރުވެރިކަމުގެ ހަގީގީ މަންފާ ލިބިފައިނުވާ އަތޮޅަކަށް މި އަތޮޅުވުމާއި އެ މަންފާ ލިބެން ފެށުމާއެކު އެ ނަލަނަލަ ފަޅު ރަށްތަކަށް ދިޔުން ހުއްޓޭނެކަން އެނގޭތީއެވެ. ރިސޯޓުތައް އައުމާއެކު އެފަޅު ރަށްތަކުގައި ރަސްކަން ކުރާނީ ބޭރުގެ މީހުންކަން އެނގޭތީއެވެ.
މި ބަލައިލަނީ ލިބޭ ހަފްތާ ބަންދެއްގައި ޚަރަދު ކުޑަކޮށް ޗުއްޓީއެއް ހޭދަކޮށްލެވިދާނެ ރަށްތަކަކަށެވެ. ތިލަދުންމަތީގެ ހާދާލުންނެވެ.
ކަނަމަނަ
މީހުން ދަތުރުގޮސް އުޅޭ އެއް ރަށަކީ ކަނަމަނައެވެ. ސައިޒުގެ ގޮތުން ކުޑަ މިރަށަކީ ޕްރައިވެޓް ޕިކްނިކް އައިލެންޑެކޭ ބުނެވިދާނެއެވެ. މޫދު އެރިލާން މާރީތި މޫދެއް ނެތެއްކަމަކު މިނިވަން ޖައްވެއްގައި އެކަހެރިކޮށް ޗުއްޓީ ހޭދަކޮށްލަން މިރަށަކީ މަރެކެވެ. އޯވަނައިޓަށް މީހުން ގޮސް މަޖާކޮށްލާ މިރަށަކީ ރީތި ފަސްގަނޑެއް އޮންނަ ރަށެކެވެ.
މުއިރި
ހދ. ކަނަމަނަ:
ގައުމަތީ ރަށަކަށްވިޔަސް މިރަށަކީވެސް ހިތްފަސޭހަ މާހައުލެއްގައި ދަތުރުދާން އަތޮޅުގެ ގިނަ ބަޔަކު ބޭނުންކުރާ ރަށެކެވެ. ޚާއްސަކޮށް އޯވަނައިޓްތަކަށް ދަތުރު ދިޔުމަށް މިރަށަކީ އަތޮޅުގެ ޒުވާނުންގެ އެއް މަންޒިލެވެ. އާއިލާއާއެކު ދަތުރު ގޮސް މަޖާ ވަގުތުތަކެއް ހޭދަކޮށްލުމަށް މިރަށަކީވެސް މީހުންގެ މެދުގައި މަގުބޫލުރަށެކެވެ. ކައްކާ، ނިދޭނޭ އިންތިޒާމް ފަސޭހައިން ހަމަޖައްސާލެވޭން ހުރި ރަށެކެވެ. ކުރިން އެކި ބޭނުންތަކަށް އެރަށް ބޭނުން ކުރި އިރު ހަދާފައިވާ ތަންތަން ހުރީތީއެވެ.
ހޮނޑައިދޫ / ފަރިދޫ / ކުނބުރުދޫ
ކުރިން މީހުން ދިރިއުޅުނު މިރަށްތަކަކީ މިހާރު ފަޅު އެހެނަސް ދަތުރު ދިޔުމަށް މީހުން އާންމުކޮށް ބޭނުންކުރާ ރަށްތަކެކެވެ. އޯވަ ނައިޓްތަކަށް ކަންކަން އިންތިޒާމްކޮށްލަން ފަސޭހަ ރަށްތަކެކެވެ. މިހާރު އެރަށްތަކުގެ ހާލަތު ބަލައިލުމަށާއި ކުރީގެ ހަނދާންތައް އައު ކޮށްލުމަށް ގިނަ ބަޔަކު ޚިޔާރުކުރާ ރަށްތަކެކެވެ. ރީތި ދޮންވެލި ގޮނޑުދޮށްތަކާއި ތާރީހީ ގިނަ ތަންތަން ފެންނާނެ ރަށްތަކެކެވެ. އިހުގެ މީހުންގެ ދިރިއުޅުން ކޮންމެވެސް ވަރަކަށް ވަޒަންކޮށްލެވޭނޭ ރަށްތަކެކެވެ.
މި ދެންނެވި ރަށްތަކުގެ އިތުރަށް މީހުން ދިރިއުޅޭ ރަށްތަކަށްވެސް މިދެންނެވި ބީދައިން ދަތުރު ދިޔުމަށް މީހުން ބޭނުންކުރެއެވެ. އެގޮތުން ނެއްލައިދޫ، ނާވައިދޫ، ނޮޅިވަރަން، ހަނިމާދޫ، ނޮޅިވަރަންފަރު ކަހަލަ ރަށްރަށަށް އާންމުކޮށް މީހުން ދަތުރުދާކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެރަށްރަށުގެ ގުދުރަތީ ރީތިކަމާއި ހެދިފައިވާ ތަންތަން ދެކިލުމަށެވެ. އެރަށްރަށުގެ މީހުންގެ މެހެމާންދާރީ ތަޖުރިބާ ކޮށްލުމަށާއި ތަފާތު މުނާސަބާތަކާއި ގުޅިގެނެވެ.
މަތީގައިވާ ރަށްތަކުގެ އިތުރުން ރިސޯޓް ހެދުމަށް ދޫކުރެވިފައިވާ ރަށްތަކާއި އެހެނިހެން ބޭނުންތަކަށް ދޫކުރެވިފައިވާ ރަށްތަކަށް މިހާރުވެސް ދަތުރު ގޮސް އުޅެއެވެ. ނަމަވެސް އެއީ އާންމު އުޞޫލުން ދަތުރު ދެވޭ ރަށްތަކަށް ނުވާތީ މި ލިސްޓުގައި ނުހިމެނީއެވެ.
ހދ. ނާގޮށި - ރިސޯޓް ހެދުމަށް ދޫކުރެވިފައިވާ ރަށެއް | ފޮޓޯ: ސިފާހް ސައީދް
މިރަށްރަށަށް ދަތުރެއް ދިޔުމަކީ މާބޮޑު ޚަރަދެއް ނުކޮށް ހިތްހަމަޖެހޭ ވަގުތުތަކެއް ހޭދަ ކޮށްލެވިދާނެ ރަށްތަކެކެވެ. ކުޑަ ބަޖެޓަކުން ނިންމާލެވިދާނެއެވެ. ލަގްޒަރީ ހޮޓެލް ނުވަތަ ރިސޯޓްތަކަށް ނުދެވުނެއްކަމަކު ހިތްހަމަ ޖެހޭ އުފާވެރި ވަގުތުތަކެއް ހޭދަކޮށްލެވިދާނެ ރަށްތަކެކެވެ. ފަތުރުވެރިންނަށްވެސް ތަޖުރިބާ ނުކުރެވޭނޭ އެތައް ތަޖުރިބާއެއް ތަޖުރިބާ ކޮށްލެވޭނޭ ގޮތެކެވެ. ވަގުތެއް ހޯދާލާފައި މިރަށްތަކަށް ދަތުރެއް އަޅާލަމާ ހެއްޔެވެ؟
ލިއުނީ: މޯހިރު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!