ހދ. ކުޅުދުއްފުއްޓަކީ އުތުރުގެ ހިތެކެވެ. އެ ހިތުގެ ހިތަކީ އެ ރަށުގެ ރީތި މަށި ކުޅި އެވެ. މަށި ކުޅިއަށް ބަލަން ތިބި އެ ރަަށުގެ ރައްޔިތުންނާއި މުޅި އުތުރު ވެސް އެކަމަކަށް އެދިއެދި އޮތް ކަމެއް އޮތެވެ. އެއާޕޯޓެވެ. ކުޅުދުއްފުށީ އެއާޕޯޓެވެ.
ކުޅުދުއްފުށީ އެއާޕޯޓް މުހިންމުވި އެތައް ސަބަބެއް އޮތެވެ. ކުޅުދުއްފުއްޓަކީ އުތުރުގެ ރައްޔިތުންނަށް "ކުޑަ މާލެ" އެވެ. އަސާސީ ބޭނުންތައް ހޯދުމަށާއި ވިޔަފާރި ކުރުމަށް ވެސް އުތުރުގެ ތިން އަތޮޅުން މީހުން ޖަމާވާ ރަށަކީ އެއީ އެވެ. ކާރުބާރު ބޮޑު ރަށަކަށް ކުޅުދުއްފުށި ވަނީ އެހެންވެ އެވެ.
ހަމައެހެން ކުޅުދުއްފުއްޓަކީ އެ ރަށެއްގެ ރަށްވެހިން އެ ރަށެއްގައި ވަޒަންވެރިގެން އެންމެ ގިނަ އަދަދަކަށް އުޅޭ ރަށެކެވެ. ހިޖުރަކުރުމުގެ ރޭޓް އެންމެ ދަށް ރަށަކަށް ކުޅުދުއްފުށި ވާނެ އެވެ. ރަށުގެ އާބާދީ 10،000 އަށްވުރެ ވަނީ މަތިވެފަ އެވެ. މިއީ ރަށެއްގެ އާބާދީ މިހާ މައްޗަށް އެރި ފުރަތަމަ ރަށެވެ. މީގެކުރިން އެ އަދަދު ފަހަނަ އެޅީ މާލެ ފިޔަވައި އައްޑޫ މުޅި އަތޮޅާއި ފުވައްމުލަކުގަ އެވެ. އެއީ ދެ އަތޮޅެވެ.
ކުޅުދުއްފުއްޓަކީ ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ހާއްސަ ކަމެއް ދީގެން ތަރައްގީ ކުރަމުންދިޔަ ރަށެކެވެ. އެމަނިކުފާނުގެ 30 އަހަރު ނިމުނުއިރު ގިނަ ހިދުމަތްތައް އޮތީ ކުޅުދުއްފުއްޓަށް އައިސްފަ އެވެ. އޭގައި އައިސިން ޖެހުމުގެ މަސައްކަތް ފެއްޓެވީ ރައީސް ނަޝީދެވެ. މަގުތައް ރަނގަޅު ފެންވަރަށް ހަދައި، ބިން ހިއްކައި ފްލެޓްގެ މަޝްރޫއު އެވެ. އޭގެ ފަހުން ވަޑައިގެންނެވި ރައީސް ޔާމީން ބޭނުންފުޅުވީ ކުޅުދުއްފުށި އެއް ދަރަޖަ މައްޗަށް ހިއްލާށެވެ. ކުޅުދުއްފުށީގައި ހަމައެކަނި މަދު ވަނީ އެއާޕޯޓެކެވެ. ލޯކަލް ބަނދަރަކާއި ސަރަހައްދީ ބަނދަރެއް ވެސް އެބަ އޮތެވެ. ރީޖަނަލް ހޮސްޕިޓަލާއި ބޮޑެތި ސްކޫލްތައް އެބަހުއްޓެވެ.
ރައީސް ޔާމީންގެ ކުޅުދުއްފުށީ އެއާޕޯޓްގެ ވައުދާއެކު ރައްޔިތުން ހެއްވާލި އެވެ. ރައްޔިތުން އެކަން ބޭނުންވެފައި ތިއްބަސް އެއީ ވެދާނެ ކަމަކަށް އެއްވެސް އިރަކު ރައްޔިތުން ނުދެކެ އެެވެ. އެހެންވެ އެ ވާހަކަ ރައްޔިތުން ނުވެސް ދައްކަ އެވެ. އެއާޕޯޓްގެ ނަން ކުޅުދުއްފުށީ ރައްޔިތުންގެ ދުލު ކުރީގައި ގުގުމަން ފެށީ ރައީސް ޔާމީންގެ އެ ރިޔާސީ ވައުދާއެކު އެވެ. އެހެން ނޫންނަމަ، ހަނިމާދޫ އެއާޕޯޓުން ފުއްދާލައިގެން ރައްޔިތުން ތިބީހީ އެވެ.
ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތްނަމަވެސް އޭގެ ތަކުލީފް ކުޅުދުއްފުށީ ރައްޔިތުންނަށް ވަރަށް ބޮޑެވެ. ކުޅުދުފުއްޓާއި ހަނިމާދޫއާ ދެމެދި ދަތުރުކުރާ ގިނަ ލޯންޗުތަކެއް އޮތް ނަމަވެސް އަގު އެހާ ބޮޑެވެ. އަނެއްކާ ބަލި މީހަކު މާލެ ގެންދަން ޖެހިއްޖެނަމަ ލޯންޗުގައި އުފުލަން ޖެހެނީ ބޮޑު ވޭނެކެވެ. މި ތަކުލީފް ހަމަ އެކަނި އުފުލީ ކުޅުދުއްފުށީ ރައްޔިތުންނެއް ނޫނެވެ. ކައިރި ރަށްރަށުގެ އެންމެންނެވެ.
ކުޅުދުއްފުށީ އެއަޕޯޓް އަދި ރަށުގެ މަޝްހޫރު ކުޅި - ފޮޓޯ: މިހާޒް
ކުޅުދުއްފުއްޓަށް ފެރީގައި 25 ރުފިޔާއަށް ގިނަ ރަށްރަށުން އާދެވެ އެވެ. ށ. އަތޮޅުން ވެސް އާދެވެ އެވެ. އެކަމަކު ހަނިމާދޫއަށް ދާން ހިފަން ޖެހެނީ ލޯންޗެވެ. އެއް ހާހުން ފެށިގެން ތިން ހާހުން މައްޗަށް އެ ދަތުރުގެ އަގުތައް އަރަ އެވެ. މޫސުން ކިރިޔާ ވެސް ގޯސްވެއްޖެނަމަ، ލޯންޗުގެ އަގު އަތް ނުފޯރާނެ އެވެ.
މިހުރިހާ ސަބަބަކާހުރެ ކުޅުދުއްފުށީ އެއާޕޯޓް މުހިންމުވި އެވެ. އެކަމަކު އެއާޕޯޓް އަޅަން ރައީސް ޔާމީން ނިންމެވީ މާ ހިތްހަމަޖެހޭ ތަނެއްގަ ނޫނެވެ. ކުޅުދުއްފުށީގެ ރަމްޒު ކަމަށްވާ ކުޅި ހިއްކައިގެންނެވެ. މިކަންވީ ރަށުގެ ހާއްސަކޮށް ޒުވާނުން މާޔޫސްކޮށްލި ކަމަކަށެވެ. ރަށުގައި ޓޫރިޒަމް ފުޅާކޮށް ރަށަށް އާމްދަނީ ވައްދަން ތިބި ޒުވާނުންނާއި ތިމާވެއްޓަށް ލޯބިކުރާ ޒުވާނުން މިކަމާ ދެކޮޅަށް އަތުކުރި އޮޅާލި އެވެ. އެމީހުން ވެސް އެއާޕޯޓާ ދެކޮޅު ހެދީއެއް ނޫނެވެ. އެކަމަކު ކުޅި ހިއްކަން ދެކޮޅެވެ. ފުއްޓަރު ފަރާތުގައި އެކަން ކުރެވެން ނެތްތޯ ސުވާލުތައް އަ އެވެ.
އެކަމަކު، އޭރުގެ ސަރުކާރުން ގޮތްދޫނުކުރި އެވެ. ފުއްޓަރު ފަރާތުގައި އެއާޕޯޓަށް ބިން ނުލިބޭނެ ކަމަށް ބުނެ ކުޅި ހިއްކި އެވެ. އެ ރީތި މަންޒިލަށް ވެލި އަޅާ ފޮރުވާލި އެވެ. ކުޅީގެ އެންމެ ރީތި އެއް ސަރަހައްދު ވަޅުލެވުނީ އެވެ. އޭގެ މަތީގައި ރަންވޭ އަޅާ ނިންމި އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ކުޅުދުއްފުށީ އެއާޕޯޓް ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނިންމަންވީ ވައުދު ރައީސް ޔާމީނަށް އޮތީ ނުފުއްދިފަ އެވެ. މާލެއަށް މާބޮޑު ސަމާލު ކަމެއް ދެއްވުމުން ކަމަށް ވެދާނެ އެވެ.
ނަމަވެސް ދައުރު ނިމުމުގެ ކުރިން އެކަން ކުރުމަށް އަޒުމު ކަނޑައަޅައި އިންތިހާބުގެ އެންމެ ފަހު ދުވަހަށް އެއާޕޯޓް ރަމްޒީކޮށް ހުޅުވި އެވެ. ވެހުނު ވާރޭގައި ވެސް ރައީސް ޔާމީން އެ ރަންވޭ މަތީ ހުންނެވީ އެއީ އެންމެ އާބާދީ ބޮޑު އުތުރުގެ ރައްޔިތުންގެ ވޯޓު ލިބޭނެ އެންމެ މުހިންމު ބިނާ ކަމަށްވާތީ އެވެ.
އާ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކެމްޕެއިންގެ ތެރޭގައި ވަނީ ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީ ކުރައްވަން ވައުދުވެފަ އެވެ. އެމަނިކުފާނު އެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވީ އެކަމުގެ މުހިންމު ކަމާއި އެ އެއާޕޯޓް އުތުރުގެ ރައްޔިތުންގެ ހިތާ ގުޅިފައިވާ މިންވަރު އެނގޭތީ އެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން ގިނަ މަޝްރޫއުތަކެއް އަދި ފެށިފައި ނުވީ ނަމަވެސް ކުޅުދުއްފުށީ އެއާޕޯޓް ހުޅުވަން ރައީސް ސޯލިހު ވެސް ސަމާލުކަން ދެއްވި އެވެ.

އީދާ ދިމާކޮށް ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ފްލައިޓްތައް ޖައްސަން ވަނީ ފަށާފަ އެވެ. އަދި އޮތީ ހަފުތާއަކު ތިން ފްލައިޓެވެ. މުވައްޒަފުން ވެސް ނެތެވެ. އެކަމަކު ޑިމާންޑް ވަރަށް ބޮޑެވެ. އެންމެ ފުރަތަމަ ޓިކެޓް ވިއްކަން ހުޅުވާލުމާއެކު ދެ ފްލައިޓަށް 800 އަށްވުރެ ގިނަ މީހުން ނަން ނޯޓްކުރި އެވެ. އޭގެ ފަހުން އީދު ނިމި، ހަމައަކަށް އެޅުން ފަހުން ވެސް ފްލައިޓްތަކުން ޖާގަ ހޯދަން ވަނީ އުނދަގޫވެފަ އެވެ. ފްލައިޓްތައް މުޅިން ފުރިފަ އެވެ.
ށ. އަތޮޅާއި ހދ. އަތޮޅުގެ އެހެން ރަށްރަށުގެ މީހުން އިހްތިޔާރު ކުރަނީ ކުޅުދުއްފުށީ އެއާޕޯޓެވެ. ހަނިމާދޫއަށް ދަނީ އެހެން ގޮތެއް ނުވިއްޔާ އެވެ. ހަނިމާދޫ އެއާޕޯޓްގެ ބޭނުން ދެން ބޮޑަށް ހިފާނެ ކަމަށް ބެލެވެނީ ހއ. އަތޮޅުގެ ރައްޔިތުންނެވެ.
ކުޅުދުއްފުށީ އެއާޕޯޓަށްކައި ކުޅީގެ ބޮޑު ބައެއް ގުރުބާން ކުރަން ޖެހުން އެއީ ދެރައެކެވެ. އެކަމަކު، އެއަށްވުރެ ރައްޔިތުން އުފާވަނީ އެ ތަނަށް ފްލައިޓް ޖައްސާތަން ފެނުމުންނެވެ. ކުޅީގެ ބާކީ ބަޔާއެކު ރާއްޖޭގެ އެންމެ ރީތި އެއާޕޯޓްގެ ގޮތުގައި ތަރައްގީވެގެން ދިޔުމަކީ މިހާރުގެ އުއްމީދެވެ. މިހާރު ކުޅުދުއްފުށި އޮތީ މަތިންނާއި ތިރިން ހުޅުވާލެވިފަ އެވެ. ކުޅުދުއްފުއްޓަށް އޮތީ ފެހި މާދަމާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!