ކޯވިޑް-19އަށް މާލެއިން ފުރަތަމަ މީހަކު ފައްސިވުމާއި އެކު ސަރުކާރުން މާލެ ސިޓީ ލޮކްޑައުން ކުރިއެވެ. އަދި އެދުވަހުގެ 15:30 ގެ ކުރިން ރައްޔިތުން ގޭތަކަށް ވަނުމަށް ފުލުހުން އިލްތިމާސް ކުރިއެވެ.

ކުރިންވެސް ކިޔަމަންވީހެން އެ އަޑުއަހައި، ކިޔަމަންވީ ގިނަ ޢަދަދެއްގެ ބަޔަކު ތިއްބެވެ. އެ އަމުރަށް ބޯލެނބި އެތައް ބަޔަކު ތިއްބެވެ. ނަމަވެސް އެ އަމުރު މުގުރާލައި ރެޔާއި ހަމައަށް ދެއަތް ފުރާފައި ވިޔަފާރި ކުރި މީހުން ވަރަށް ގިނައެވެ.

Ad
rt

ކިޔަމަންވީ މީހުންނަކީ ކުރިންވެސް ކިޔަމަންތެރިކަން އިސްކުރި މީހުންނެވެ. ކާޑުގެ ބާވަތްތަކާއި، އެނޫންވެސް ޒަރުރީ ކާބޯތަކެތި ގަނޑުކޮށް ގަނެ ގޭގައި ގުދަން ނުކުރުމަށާއި، އޭގެ ސަބަބުން އެތައްބަޔަކަށް އެތަކެތި ލިބުން ދަތިވެ ތަކުލީފު ޖެހޭނެ ކަމަށާއި، ދަތި ނުވާ މިންވަރަށް ތަކެތި ފޯރުކޮށްދެވޭނެ ކަމުގެ ޔަޤީންކަން ސަރުކާރާއި ވިޔަފާރި ވެރީންވެސް ދިޔައީ ދެމުންނެވެ.

މާލެ ލޮކްޑައުން ކުރުމުންވެސް އިރުޝާދުދިނީ އެގޮތަށެވެ. ލޮކްޑައުން ކުރުމުގެ ކުރިން ޑެލިވަރީ ކުރެވޭނެ ތަންތަނާއި، އިންތިޒާމްތައްވެސް ހަމަ ޖެއްސިއެވެ. ލޮކްޑައުން ކުރީ ހާލަތަށް ތައްޔާރުވެ، ދުރަލާ ޕްލޭން ކޮށްގެންނެވެ.

ނަމަވެސް، އުސޫލުތަކާއި އެންގުން މުގުރާލި މީހުންގެ ސަބަބުން ރޭވުން ތަކާއި ޕްލޭންތަކަށް އެތައް ދައްޗެއް ކުރިމަތި ވެއްޖެއެވެ. ފިހާރަތަކަށް ޖަމާވެ، ޚިދުމަތްދޭން ތިބި މީހުންނަށްވެސް ނުކަތާ ވަރުކޮށްލީއެވެ. ބަސް އެހުމެއްނެތި އެމީހުންގެ ގޭ ތަކުގެ ސިޓިނގ ރޫމްކާއި، ހުސްކޮށް އޮތް ކޮންމެ ޖާގައެއް ފުރައިލީއެވެ.

ބަޔަކު އެގޮތަށް ކަން ކުރި އިރު، ގޭގައި މަޑުކުރަން އެންގުމުން ގޭގައި މަޑުކޮށް، މުދާ ގުދަން ނުކުރަން ބުނުމުން އެހެން އެގޮތަށް އަމަލު ކުރިމީހުން އަދިވެސް ތިބީ ޑެލިވަރީ ނަމްބަރުތަކަށް ޑައިލް ކޮށްލަ ކޮށްލައެވެ. ކިޔަމަންނުވި މީހުން ހިތް ފުރެންދެން ބާޒާރުކޮށްގެން ތިބި އިރު ކިޔަމަންވި މީހުން ތިބީ ކިޔަމަންތެރި ކަމުގައިއެވެ.

މިކުރަހާލި މަންޒަރުން މިދައްކަނީ އެއްގޮތަކަށްވެސް ބަސްނޭހި މީހުން ހޯދި މޮޅުގެ ވާހަކައެއް ނޫނެވެ. މިދައްކަނީ އެމީހުންގެ އެ އަމަލުތަކުގެ ސަބަބުން އެހެން މީހުންނަށާއި، ޚިދުމަތް ދޭން ތިބި މީހުންނަށް ކުރިމަތިވި ތަކުލީފުތަކުގެ ވާހަކައެވެ.

އެތައް ބަޔަކު ގޭގައި ކާބޯތަކެތި ބޭނުން ވެފައި ނުލިބި އެބަތިއްބެވެ. ޚިދުމަތް ދޭ މީހުންނަށްވެސް ޚިދުމަތް ދެވޭނީ ވާ ވަރަކުންތާއެވެ. ނަމަވެސް ހަމަ ފާހަގަ ކޮށްލަން ބޭނުންވީ ކިޔަމަން ނުވި މީހުންގެ ސަބަބުން ކިޔަމަންވި މީހުންނަށް ލިބުނު ތަކުލީފެވެ.

އެހެންނަމަވެސް، ކިޔަމަންވި މީހުން ދައްކުވައި ދިނީ ރިވެތި މިސާލެކެވެ. އެމީހުންގެ ހިތުގައި އެނެކާއަށް އޮތް އިހްތިރާމާއި، އަޅާލުމެވެ. ޚިދުމަތްދޭ ފަރާތްތަކަށް އެއްބާރުލުން ދިނުމުން އެންމެނަށްވެސް އޭގެ ރަނގަޅު ނަތީޖާ ލިބޭނެ ކަމުގެ މިސާލެވެ. އެ ކިޔަމަންތެރި ކަމަކީ ޤައުމީ ކިޔަމަންތެރި ކަމެކެވެ. ޝަކުވާއެއް ނެތެވެ.