އާޖެންޓީނާގެ ގައުމީ ޓީމުން ރިޓަޔާވިތާ ހަތަރު ދުވަސް ފަހުން، ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު މޭޖާ ލީގު ސޮކާގައި އިންޓަ މިއާމީން 4-0 ގެ ބޮޑު ނަތީޖާއަކުން ޑީސީ ޔުނައިޓެޑް ބަލިކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުގައި މެސީގެ އިތުރުން ލުއިސް ސުއަރޭޒް ވެސް ވަނީ ދެ ލަނޑު ޖަހައިފައެވެ.

އާޖެންޓީނާގެ ގައުމީ ޓީމާއެކު ހޭދަކުރި 21 އަހަރުގެ ދިގު ކެރިއަރަށް ނިމުން ގެނައުމަށްޓަކައި އަލްވަދާއީ މެޗު ކުޅުމަށްފަހު، މި މެޗުގައި މެސީ ވަނީ ފުރިހަމަ 90 މިނެޓު ކުޅެފައެވެ. މި މެޗުގައި އޭނާ ކާމިޔާބުކުރި ދެ ލަނޑާއެކު، މި ސީޒަނުގައި ޖެހި ލަނޑުގެ އަދަދު ވަނީ 23 އަށް އަރައިފައެވެ. މިއާއެކު މެސީ ވަނީ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ދަމަހައްޓައިފައެވެ.

Ad
rt

މި ކާމިޔާބީއާ އެކު އިންޓަ މިއާމީން ވަނީ ވިދިވިދިގެން ފަސް މެޗުން މޮޅެއް ނުލިބި ދިޔަ ސިލްސިލާއަށް ވެސް ނިމުމެއް ގެނެސްފައެވެ. ހޮނިހިރު ދުވަހުގެ ރޭގެ ބޮޑު މޮޅުގެ ކުރިން އެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަދި އެއް މެޗުން ވަނީ ބަލިވެފައެވެ. މިއީ ސެޕްޓެމްބަރު 16 ގައި އެ ޓީމާ ހަވާލުވި އާ ކޯޗު ކްރިސްޓިއަން "ކިލީ" ގޮންޒާލޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމު ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. މީގެ އިތުރުން މިއީ އޮގަސްޓް 29 ގައި ސީއެފް މޮންޓްރިއާލް އަތުން 7-1 އިން މޮޅުވި މެޗަށްފަހު މިއާމީ މޮޅުވި ފުރަތަމަ ފަހަރެވެ.

މެޗު ފެށިގެން ތިންވަނަ މިނެޓުގައި އިންޓަ މިއާމީން އުފެއްދި ފުރަތަމަ ހަމަލާގައި ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. ޖާމަން ބެރްޓެރާމޭ ބޮލުން ޖައްސާލި ބޯޅައެއް ހޯދައިގެން ސުއަރޭޒް ވަނީ ޑީސީ ޔުނައިޓެޑްގެ ގޯލްކީޕަރު ޝޯން ޖޯންސަން ކައިރިން، ގޯލުގެ ވާތްފަރާތު ދަނޑި ކައިރިން ބޯޅަ ގޯލަށް ވައްދާލައިފައެވެ. އަދި މެޗުގެ 39 ވަނަ މިނެޓުގައި ސުއަރޭޒް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މެސީ ފޮނުވާލި ހަމަލާއެއް ކީޕަރު ޖޯންސަން ދިފާއުކުރުމުން، ހުހަށް ހުރި ބެރްޓެރާމޭ ބޮލުން ދިން ބޯޅަ ސުއަރޭޒް ވަނީ ގޯލުގެ ހަ ފޫޓު އޭރިއާ ތެރޭގައި ހުރެ ގޯލަށް ވައްދާލައިފައެވެ.

ފުރަތަމަ ހާފު 2-0 އިން މިއާމީ ކުރީގައި އޮވެ ނިމުނުއިރު، ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މެސީ ވަނީ އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. ސުއަރޭޒް ހަ ފޫޓުގެ އޭރިއާ ކައިރިން މެދަށް ދިން ބޯޅަ ހޯދައިގެން މެސީ ވަނީ ގޯލުގެ ކަނާތްފަރާތު ދަނޑި ކައިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

މެޗުގެ 60 ވަނަ މިނެޓުގައި މެސީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި މިއާމީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ރޮޑްރިގޯ ޑި ޕޯލް ދިން ޕާހަކުން ބޯޅަ ހޯދައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ޑީސީ ޔުނައިޓެޑްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު މެސީ ވަނީ 12 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން ކީޕަރު ޖޯންސަން ބަލިކޮށްފައެވެ.

މި މެޗުން ބަލިވި ޑީސީ ޔުނައިޓެޑް ވެސް މިހާރު ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުން މޮޅެއް ނުލިބިފައެވެ. އިންޓަ މިއާމީގެ މި ބޮޑު މޮޅުގައި ބެރްޓެރާމޭ ވަނީ ދެ އެސިސްޓް ހަދައި މުހިންމު ދައުރެއް އަދާކޮށްފައެވެ.