އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝާރާތް ކުރެއްވުމާ ގުޅިގެން، މެދުއިރުމަތިން ތެޔޮ ސަޕްލައި ކުރުމަށް ހުރި ހުރަސްތައް ނެތިގެންދާނެ ކަމުގެ އުންމީދުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ޖެހިޖެހިގެން ދެވަނަ ދުވަހަކަށް ދަށްވެއްޖެއެވެ.
ބުދަ ދުވަހު ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 1.52 ޑޮލަރު ނުވަތަ 1.38 އިންސައްތަ ދަށްވެ، ފީފާއެއްގެ އަގު ވަނީ 108.35 ޑޮލަރަށް ވެއްޓިފައެވެ. މީގެ އިތުރުން އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއު.ޓީ.އައި) ފިއުޗާސްގެ އަގު 1.50 ޑޮލަރު ނުވަތަ 1.47 އިންސައްތަ ދަށްވެ، ފީފާއެއްގެ އަގު ވަނީ 100.77 ޑޮލަރަށް ތިރިވެފައެވެ.
އަންގާރަ ދުވަހު ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެހީތެރިވުމަށް ހިންގާ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށް ކުއްލި ގޮތަކަށް އިއުލާނު ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މި ނިންމުން ނިންމެވީ އީރާނާއެކު ފުރިހަމަ އެއްބަސްވުމަކަށް އައުމަށް ކުރިއެރުންތަކެއް ލިބެމުންދާތީއެވެ. ނަމަވެސް އެ އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ޓްރަމްޕްގެ މި ނިންމުމާ ގުޅޭގޮތުން އީރާނުގެ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވަނީ، "ބްލޮކޭޑް ނުވަތަ ބަންދުކޮށްފައި އޮތް އޮތުން ދެމިއޮތް ނަމަވެސް، 'ޕްރޮޖެކްޓް ފްރީޑަމް' ކުރު މުއްދަތަކަށް މެދުކަނޑާލުމަށް ދެފަރާތުން އެއްބަސްވެފައިވާ" ކަމަށެވެ. މީގެ ބޭނުމަކީ އެއްބަސްވުމުގައި ސޮއިކުރެވޭތޯ ބެލުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅި ވަނީ ބޮޑުބައެއް ބަންދުވެފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، މިދިޔަ ހަފްތާގައި ބްރެންޓް ކްރޫޑްގެ އަގު ވަނީ 2022 ވަނަ އަހަރުގެ މާޗް މަހަށްފަހު އެންމެ މަތީ މިންވަރަށް ގޮސްފައެވެ.
އެމެރިކާގެ ތެލުގެ ރިޒާވްތަކަށް ބަލާއިރު، މެއި 1 އަށް ނިމުނު ހަފްތާގައި ސާފުނުކުރާ ތެލުގެ ރިޒާވް 8.1 މިލިއަން ފީފާ ދަށްވެފައިވާ ކަމަށް މާކެޓް މަސްދަރުތަކުން ބުނެއެވެ. މީގެ އިތުރުން ޕެޓްރޯލާއި އެހެނިހެން ތެލުގެ ބާވަތްތަކުގެ ރިޒާވް ވެސް ވަނީ ފާހަގަކުރެވޭ މިންވަރަކަށް ދަށްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!