ހޯރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ނުކުރެވޭ ހާލަތުގައި ދެމިއޮވެއްޖެނަމަ، ކުރިއަށް އޮތް 14 ދުވަހާއި 21 ދުވަހާ ދެމެދު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އުފުލިގެންދާނެކަމުގެ އިންޒާރު ގަތަރުން ދީފިއެވެ.
މި އިންޒާރުދެއްވީ ޤަޠަރުގެ އެނާޖީ މިނިސްޓަރު ސާދު އަލް-ކާބީ، މިއަދު ''ފައިނޭންޝަލް ޓައިމްސް''އަށް ދެއްވި އިންޓަވިއުއެއްގައެވެ.
އަލް-ކާބީ އިންޒާރު ދެއްވި ގޮތުގައި، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ނުކުރެވޭ ހާލަތުގައި ދެމިއޮވެއްޖެނަމަ، ކުރިއަށް އޮތް 14 ދުވަހާއި 21 ދުވަހާ ދެމެދު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އުފުލިގެންދާނެއެވެ. އަދި މިއީ "ދުނިޔޭގެ އިގްތިސާދުތައް އިނދަޖައްސާލާނެ" މިންވަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި އިންޒާރު އައިސްފައިވަނީ ދުނިޔޭގެ ހަކަތައިގެ އެންމެ މުހިންމު މަގުން ދަތުރުފަތުރު ކުރުން ގާތްގަނޑަކަށް މުޅިން ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.
މޮނިޓަރިން އެޖެންސީތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ބުދަ ދުވަހާ ހަމައަށް އެ ކަނޑުއޮޅިން އެއްވެސް ތެޔޮ ޓޭންކަރެއް ދަތުރުކޮށްފައެއް ނުވެއެވެ. މިއީ ހަނގުރާމައިގެ ކުރިން ދުވާލަކު އެވްރެޖްކޮށް 65 އުޅަނދު ދަތުރުކުރަމުންދިޔަ މިންވަރާ އަޅާބަލާއިރު އައިސްފައިވާ ބޮޑު ހީނަރުކަމެކެވެ. މީގެ އިތުރުން، ޤަޠަރުގެ މައި އެލްއެންޖީ ހަބް ކަމަށްވާ ރަސް ލައްފާން އަށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެން، އެ ގައުމުން ވަނީ ގޭސް އެކްސްޕޯޓް ކުރުމުގައި 'ފޯސް މެޖޫރާ' އިއުލާންކޮށްފައެވެ.
ހަކަތައިގެ ބާޒާރުގައި މިހާރުވެސް އަގުތައް ދަނީ ބާރަށް އުފުލެމުންނެވެ. އެގޮތުން ބްރެންޓް ކުރޫޑްގެ އަގު ފީފާއެއް 87.60 ޑޮލަރަށް (+19%) އުފުލިފައިވާއިރު، ޑަބްލިޔުޓީއައި ގެ އަގު ވަނީ 84.20 ޑޮލަރަށް (+25%) އަރާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކަނޑުގެ ސިފައިން މެދުވެރިކޮށް ޓޭންކަރުތަކަށް ހިމާޔަތް ދިނުމަށް ހުށަހެޅުއްވި ނަމަވެސް، ޤަޠަރުން ވަނީ އެއީ ފުދޭވަރުގެ ހައްލެއް ނޫން ކަމަށް ބުނެފައެވެ. އަލް-ކާބީ ވިދާޅުވީ މިހާރުގެ ހާލަތުގައި އެ މަގަކީ ވިޔަފާރި އުޅަނދުތަކަށް މާ ނުރައްކާތެރި މަގެއް ކަމަށެވެ. މި ނުރައްކާތެރި ދަނޑިވަޅުގައި، ދުނިޔޭގެ އިގްތިސާދު އިނދަޖެހިގެން ދިޔަ ނުދިނުމަށްޓަކައި އެމެރިކާގެ ޓްރެޜަރީން ވަނީ 30 ދުވަހުގެ ވަގުތީ ހުއްދައެއް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!