ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް ކޮމެޓީ މަރުހަލާއިން ނިމިގެން އަންނައިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޕެންޝަން ފަންޑުން އިންވެސްޓް ކުރެވޭނެ މަގު ފަހިވެފައި އޮތުމަކީ އުންމީދެއްކަމަށް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބުދުލްގާދިރު (ހަސަނާ) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ހަސަނާ ވިދާޅުވީ، ކޮމެޓީ މަރުހަލާގައި ފަރުދުންނަށް ބޭނުންވާ މުހިންމު ކަންކަމަށް ރިއާޔަތްކޮށް، ޕެންޝަން ފަންޑުގެ ބޭނުން ހެޔޮގޮތުގައި ހިފަން ބޭނުންވާ ފަރާތްތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޕެންޝަން ސްކީމުން އިންވެސްޓް ކުރެވޭނެ ގޮތްތައް ހަމަޖެހިގެންދިޔުމަކީ ވަރަށް ގިނަ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ ކަމެއް ކަމަށެވެ.
ހަސަނާގެ ވާހަކާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕެންޝަން ފައިސާއަކީ ހަމައެކަނި އިންސާނާ ދުނިޔެ ދޫކޮށް ދިއުމުން ވާރުތަވެރިންގެ މެދުގައި ބަހަން ހުންނަ އެއްޗެއްގެ ބަދަލުގައި، ދިރިހުއްޓައި އެއިން ބޭނުންކުރެވޭނެ ގޮތަކަށް ބިލު ފަރުމާވެފައި އޮތުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، އިޖުތިމާއީ ވެލްފެއާގެ އުސޫލުތައް ބިލުގައި ހިމަނާފައިވަނީ ޤާނޫނުއަސާސީން އެކަން ބަލައިގަންނާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޯހިޔާވަހިކަމާއި އިޤްތިޞާދީ ކުރިއެރުން
އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ސިޔާސަތުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ހަސަނާ ވިދާޅުވީ، ޕެންޝަން ފަންޑުތައް އަނބުރާ ނެގުމުގެ ބަދަލުގައި ރަހުނު ކުރުމުގެ ފުރުސަތު ދިނުމަކީ ރިޓަޔަރމަންޓް ސެކިއުރިޓީގެ ދިގުމުއްދަތުގެ މަގުސަދާއި ވަކިވަކި ފަރުދުންގެ ބޭނުންތައް ރެގިއުލޭޓްކޮށް، އިގްތިސޯދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ އިސްލާހެއް ކަމަށެވެ.
ދީނީ ވާޖިބުތަކަށް މަގުފަހިކުރުން
މި ބިލުގައި ޕެންޝަން ފަނޑުން ހައްޖަށްދެވޭ ޖާގަ ރިޒާވްކުރުމަށް ހިމަނާފައިވާކަން ފާހަގަކުރައްވަމުން ހަސަނާ ވިދާޅުވީ، މިއީ ޤާނޫނުއަސާސީން ދީނީ މިނިވަންކަން ކަށަވަރުކޮށްދީ، ރައްޔިތުންގެ ސަގާފީ އަދި ދީނީ ވާޖިބުތައް ބަލައިގަންނަ އާންމު ސިޔާސަތުތަކާ އެއްގޮތަށް ތަރުތީބު ކުރެވިފައިވާ އިސްލާހެއް ކަމަށެވެ.
ޖުމްލަގޮތެއްގައި މި ބިލަކީ ދުސްތޫރީގޮތުން ހަރުދަނާ، އަދި ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާއި، މާލީ ޒިންމާއާއި އިޖުތިމާއީ ޝާމިލްކަން އިތުރުކޮށް، ޕެންޝަން ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓޭނެ ބިލެއް ކަމަށް މެންބަރު ހަސަނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!