12 މަހަށްވުރެ ގިނަ ދުވަހު ދިރިހުރުން ނާދިރުކަމަށް ޚާއްޞަ ޑޮކްޓަރަކު ކަނޑައަޅާ ބަލިމީހުންނަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު (ހަސަނާ) އެވެ.

Ad
rt

މެމްބަރު ހަސަނާގެ އިސްލާޙްގައިވާގޮތުން މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިއަކު ޓަރމިނަލް އިލްނަސް ހާލަތެއްގައި އޭނާގެ ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކޮށްދިނުމަށްއެދި ހުށަހަޅައިފިނަމަ އެ ފައިސާ ދޫކުރެވިދާނެކަމަށް ބަޔާންކޮށްފައި ވެއެވެ.

'' ޓަރމިނަލް އިލްނަސް ހާލަތެއް'' ކަމުގައި އެ އިސްލާހުގައި ބުނެފައިވަނީ އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިން ނަމަވެސް، 12 މަހަށް ވުރެ ދިގު މުއްދަތަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް އެފަދަ ބައްޔަކާ ބެހޭ ސްޕެޝަލިސްޓު ޑޮކްޓަރަކު ކަނޑައަޅާފައިވާ ޞިއްޙީ ހާލަތްތަކަށެވެ.

މި އިސްލާހްގައިވާގޮތުން އެފަދަ ހާލަތެއްގައިވާ މީހަކު ޕެންޝަން ސޭވިންގްސް އެކައުންޓްގައިވާ ފައިސާ ދޫކުރަން ހުށަހަޅާ ހާލަތުގައި އެމީހަކު ކަނޑައަޅާ އަދަދެއްގެ ނުވަތަ އެ އެކައުންޓްގައި ހުންނަ ހުރިހާ ފައިސާއެއް އެކި ފަހަރުމަތިން ނުވަތަ އެއްފަހަރާ ވެސް ދޫކުރެވިދާނެ އެވެ.

މި އިސްލާހްގެ ބޭނުމަކީ ފުރާނައަށް ނުރައްކާވާފަަދަ ބޮޑު ބައްޔެއް ނުވަތަ ޓާމިނަލް އިލްނަސްގެ ޙާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރުމަށް ކަނޑައެޅުމާއި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ޤާނޫނުގައި ހިމެނުމެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި ބިލަށް ބަހުސްކުރުން ދައުރުން ބޭރުން މިއަދު ބާއްވާ ޚާއްޞަ ޖަލްސާގައި ކުރިއަށް ގެންދިޔުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.