ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީގެ އިތުރުން މުގު، ބިސް އަދި އަލުވި އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެކޮށް ވިއްކުމަށް ސަރުކާރުން ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް އަޅުއްވާ ފިޔަވަޅެއްކަމަށްވެސް ވިދާޅުވިއެވެ.
މި ނިންމެވުމުގެ ދަށުން، ޒަމާނުއްސުރެ އެސްޓީއޯއިން އެތެރެކުރަމުން އަންނަ ކާޑުގެ އަސާސީ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން، އިތުރު ގިނަ ބާވަތްތަކެއްގެ މޭވާ އާއި ތަރުކާރީ އެސްޓީއޯއިން އެތެރެކުރަން ފަށާނެއެވެ.
މި ނިންމެވުމަކީ ފާއިތުވި ދުވަސްތަކުގައި ބާޒާރުގައި މޭވާ އާއި ތަރުކާރީގެ އަގުތައް އުފުލެމުން ދިއުމާ ގުޅިގެން އަޅުއްވާފައިވާ ފިޔަވަޅެކެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު، ކާބޯތަކެތީގެ އަގުތައް ވަނީ 1.96 ޕަސެންޓް އުފުލިފައެވެ.
އެސްޓީއޯއިން މިހާރުވެސް ބާޒާރުގައި އަގު އުފުލޭ ބާވަތްތައް އެތެރެކޮށް ހެޔޮ އަގުގައި ވިއްކަމުން ގެންދެއެވެ. އެގޮތުން ދާދިފަހުން އޮރެންޖުގެ އަގު އުފުލުމާ ގުޅިގެން އެސްޓީއޯއިން ވަނީ އޮރެންޖު އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ. މި އައު ނިންމެވުމާއެކު، ރައްޔިތުންނަށް އިތުރު ގިނަ ބާވަތްތަކެއްގެ މޭވާ އާއި ތަރުކާރީ ހެޔޮ އަގުގައި ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!