ކުޑަކުދީންނަށް ރަހުމުނުކުރާ މީހުންނަކީ އެބައެއްގެ ހިތްތަކުގައި ރަހުމަތާއި ކުލުނުވެރިކަން ނެތިކުރައްވާފައިވާ އަނިޔާވެރި ބައެއް ކަމަށާއި އެއީ އިންސާނުންގެ ސިފާގައި ތިބި ނުބައި މަހުލޫގުންތަކެއް ކަމަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
“ކުޑަކުދިންނަށް ޖިންމާނީ އަނިޔާދިނުމާއި ޖިންސީ ގޯނާކުރުމުގެ ނުބައިކަން” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، އިންސާނީ މުޖުތަމައުތަކުން މިއަދު ފެންނަމުންދާ މަންޒަރުތަކާއި އިވޭ އަޑުތަކާއި ހިނގާ ހާދިސާތަކުން އިންސާނިއްޔަތުގެ ޝުއޫރެއް ހިނގާ ކޮންމެ މީހަކު ފިއްކަޑައިގެންދާވަރުވާ ކަމެއް ކަމަށެވެ.
އެއީ މިއަދު މައިންނާއި ބަފައިންނާއި އަމިއްލަ ދަރީން ވަކި ކުރަން ނޭނގޭ އިންސާނުން، އިންސާނީ މުޖުތަމައުތަކުގައި އުޅޭތީ އާއި އިންސާނުންގެ ސިފާގައި އިންސާނީ ތަބީއަތު ގެއްލިފައިވާ މީހުން ވެސް ދިރިއުޅޭތީ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.
ކުޑަކުދިންނާ ދިމާކޮށްލާ ރަހުމުކުޑަ މީހުންކަމުގައި އެކުދިންގެ ބެލެނިވެރިންނާއި ގާތް މީހުން ވެގެން ދިއުމަކީ ބޮޑުވެގެންވާ މުސީބާތެއް ފާވެގެން ހިނގައިދާނެ ކަމުގެ އިންޒާރެއް ކަމަށްވެސް ހުތުބާގައި ވިދާޅުވެފައި ވެއެވެ.
ހުތުބާގައި އިތުރަށް ވިދާޅުވީ، އިންސާނިއްޔަތަށް އޯގާތެރިވުމަކީ އަޅުކަމެއްގެ ގޮތުގައި މުސްލިމުން އަމަލުކުރަމުން އައި ކަމެއް ކަމަށާއި އެބަޔަކަށް އެންމެ އޯގާތެރިވާންޖެހޭ ބަޔަކީ ބޮޑެތި މީހުންގެ އޯގާތެރިކަމާއި ކުލުނާއި ހަމްދަރުދީއަށް އެދި އެދި ތިބި ކުޑަކުދިން ކަމަށެވެ.
އަދި ދަރިން ތަރުބިއްޔަތުކުރުމުގެ ބޭނުމުގައި ވިޔަސް އެކުދިންނަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް އަމަލެއް ހިންގުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި ވަކީން ހާއްސަގޮތެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި އަދި އެކުދިންނަށް ތެދުމަގު ދެއްކުމުގެ ޒިންމާ އުފުލުމާއި ރިވެތިވެގެންވާ ނަމޫނާ ދައްކަންޖެހޭ މީހެއްގެ ފަރާތުން އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަކީ ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.
އެކަން ހަރާމްކަމެއްގެ ކަމުގައި ލެއްވުމުގެ އިތުރުން އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ﷲގެ ކޯފާއަށް ހުށަހެޅިގެންދާނެކަން ދަންނަންޖެހޭ ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެފަދަ އަނިޔާވެރި އަމަލުތައް ހިންގުމުން ހަމައެކަނި އަނިޔާ ލިބެނީ އެ ކުޑަ ކުއްޖާއަށް ނޫން ކަމަށައި އެ އަނިޔާ އަމާޒުވަނީ އެކުއްޖާ ނިސްބަތްވާ ގައުމަށާޢި އެ ގައުމުގެ ހުރިހާ ފަރުދުންނަށް ކަމަށެވެ.
ކުޑަކުދިންނަކީ އިލާހީ ނިއުމަތެއް ކަމަށާއި ކާއިނާތުގައި ވެރިރަސްކަލާނގެ އިންސާނުންނަށް ދެއްވާ އަގުބޮޑު ހަދިޔާއެއްކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ކީރިތި ޤުރުއާނުގައި މާާތް ﷲ، ދަރީން ސިފަކުރައްވާފައިވަނީ ދުނިޔޭގެ ޒީނަތެއްގެ ގޮތުގައި ކަމަށެވެ.
ނަމަވެސް ދުނިޔޭގެ އެ ރީތި ޒީނަތުން ފުރިގެންވާ ނިއުމަތަށް އެކި އިންސާނުން ގަދަރުކުރަނީ އެކި މިންވަރަށް ކަމަށާއި އޭގެ ނަތީޖާއިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ޖެހިލުންނުވާ އިންސާނުން މުޖުތަމުގައި ވެސް އުޅޭކަމީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ކާރިސާއެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި އެ ކާރިސާ ދިވެހި މުޖުތަމައުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށް އަދާކުރެވިދާނެ ދައުރެއް އެބައޮތް ކަމަށެވެ.
އެގޮތުން ޒިންމާދާރު ހެޔޮލަފާ މުސްލިމެއްކަމުގައިވުމައި މަރުވާނެކަން ހަނދާންކުރުމާއި މަރުވުމަށްފަހު ކުޅަ އަމަލުތަކާއި ކޮށްފައިވާ ކުށްތަކާއި ފާފަތަކުގެ ހިސާބުތައް ބެލެވޭނެ ކަމާމެދު ގާފިލުނުވުން ކަމުގައި ހުތުބާގައި ވިދާޅުވިއެވެ.
ހުތުބާގައި އިތުރަށް ވިދާޅުވީ، ދިވެހި މުޖުތަމައުގައި ފާޅުވަމުންދާ ކަންކަމާއި ކުޑަކުދިންނާމެދު ހިންގޭ ލާއިންސާނީ އަމަލުތަކާމެދު ފުންކޮށް ވިސްނައިނުލައި ތިބެން ހެޔޮ ނުވާނެ ކަމަށާއި އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެ ޒިންމާއެއް އޮތްކަން ހަނދާންނުކޮށް ތިބެން ހެޔޮ ނުވާނެ ކަމަށެވެ.
އަދި އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ އިސްލާމްދީން ތަމްސީލުކުރާ މުސްލިމުންކަމަށްވާއިރު އަހަރެމެންގެ ދަރީންނާއި އައިލާތައް ތަމްސީލުކުރާ ޒިންމާދާރު ބައްޕައަކަށް ނުވަތަ މަންމައަކަށް ނުވަތަ ބެލެނިވެރިއަކަށް ވާންޖެހޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!