ވިހި ވަނަ ރައްޔިތުންގެ މަޖިލިހަކީ ބަރުލަމާނު ހަޔާތުގައި މިހާތަނަށް ތަމްސީލް ކުރައްވާ އެންމެ ޒިންމާދާރު، އެންމެ މަންފާ ހުރި ކަންކަން ނިންމަވާ މަޖިލިހަށް ހެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.
ރައީސް މިގޮތަށް އެދިވަޑައިގަތީ 20 ވަނަ މަޖިލިހުގެ 93 މެމްބަރުން ހުވާ ކުރެއްވި ފަހުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ޑރ. މުއިއްޒު މިވަގުތު ހުންނެވީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެންޓިގާގައެވެ.
އެ ޕޯސްޓުގައި ވަނީ މަޖިލިހުގެ އާ މެމްބަރުންނަށް ހިތުގެ އިހްލާސްތެރިކަމާއެކުގައި މުބާރަކްބާދު ދަންނަވައިފައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވި ގޮތުގައި އުންމީދަކީ މި މަޖިލީހަކީ މިހާތަނަށް ފެންނަ އެންމެ ޒިންމާދާރު އަދި އިތުބާރު ހިފޭ މަޖިލީހަށް ވެގެން ދިއުމެވެ. އަދި، ރައްޔިތުންނަށް މަންފާ ހުރި ގިނަ ކަންތައްތަކެއް ނިންމާނޭ މަޖިލީހަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ އާ ދައުރުގެ މެންބަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ހެނދުނު 9:00 ގައެވެ. އެ މެމްބަރުންނަށް ހުވައިލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އިންތިހާބުކޮށްފައެވެ.
މަޖިލިސް އިންތިހާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ. އޭގެ ފަހުން އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންނެވި ނުވަ މެމްބަރަކު ޕީއެންސީއާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 75 އަށް އަރައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!