ގދ. ތިނަދޫގައި ޕިކްނިކް އައިލެންޑް ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އިއްޔެ ޕްލޭނިން މިނިސްޓްރީން ވަނީ ޕިކްނިކް އައިލެންޑުގެ މަސައްކަތާއި ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް އެ ކުންފުންޏާ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫއުގެ ދަށުން 47,243 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއި 12,335 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 154 މީޓަރުގެ ބޭރުތޮށި ލުމާއި 227 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި 267 މީޓަރުގެ ވެލި ބަރުކޮށްފައިވާ ބޭރު ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދިބ22 މީޓަރުގެ ވެލި ބަރުކޮށްފައިވާ އެތެރޭ ރިވެޓްމެންޓެއް ޖެހުމާއި 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި 570 މީޓަރުގެ އެއްގަމުތޮށިލުމާއި މޫރިން ބޯއީސް ހަރުކުރުމުގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ކުރާނެއެވެ.
މީގެ އިތުރުން 20 މީޓަރު ދިގު ތިން މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި 1،365 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި 323 މީޓަރުގެ ކާބް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
އެމްޓީސީސީން ބުނީ ތިނަދޫ ޕިކްނިކް އައިލެންޑު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އީއައިއޭ ހެދުމަށްފަހު ކަމަށެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 79.83 ރުފިޔާއަށް 580 ދުވަހުން ނިންމާ ގޮތަށެވެ.
ތިނަދޫގެ ދެވަނަ ފިޔަވަހީގައި އިންޑަސްޓްރިއަލް ޒޯންގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 53.41 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ތިން ހެކްޓަރުގެ ބިން ހިއްކުމާއި 32,647 ކިއުބިކް މީޓަރުގެ ވެލި ރިވެޓްމެންޓަށް ބަރުކުރުމާއި 254 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން 89 މީޓަރުގެ ޕްރީކާސްޓް އާރްސީ ރީޓެއިނިން ފާރެއް ލުމާއި ބަނދަރު ބައްތި ހަރުކުރުމާއި އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި 47 މީޓަރު ދިގު ތިން މީޓަރު ފުޅާ ޓިމްބާ ޖެޓީއެއް ހެދުމާއި ޕިކްނިކް އައިލެންޑްގެ ދެ ހެކްޓަރުގެ ބިން ހިއްކުމާއި ޕިކްނިކް އައިލެންޑްގެ 474 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ޕިކްނިކް އައިލެންޑްގެ 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!