މުހައްމަދު ރަޝީދޭ ބުނެފިނަމަ، ނޭނގިދާނެއެވެ. ނުވަތަ އެމްއެންޑީއެފް ގައި އުޅޭ މުހައްމަދު ރަޝީދު ނުވަތަ މޯޑޭ ބުނީމަވެސް ނޭނގުން އެކަށީގެން ވެއެވެ.
އެހެންނަމަވެސް "ރަނިން މޯޑު" އެއީ ކާކުން ނޭނގޭ މީހަކު ވަރަށް މަދުވާނެއެވެ. ޚާއްސަކޮށް އެތްލެޓިކްސް ނުވަތަ ދުވުމުގެ ފަންނުގައި އުޅޭ މީހުންނަށް އެއީ ދެކިފަރިތަ މޫނެކެވެ. އަބަދު ވެސް އިވޭ އަޑެކެވެ. ދުވުމުގައި ކޮންމެ ދުވަހަކު ވެސް ބައްދަލުވާނެ ފަރާތެކެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދުވެ، ރާއްޖެއަށް ރީތިނަން ހޯދައިދީ ރާއްޖޭގެ ބައެއް ރެކޯޑުތައް ވެސް ހިއްސާކުރާ މޯޑުގެ މިހާރުގެ އަމާޒަކީ އޭނާ ދުވާ ކޮންމެ ފުލް މެރަތަނެއް (42.195 ކިލޯމީޓަރު) ނުވަތަ މާލެވަށައި 8 ބުރު ތިން ގަޑިއިރަށް ވުރެ އަވަހަށް ނިންމުމެވެ.
މިއީ ފަސޭހަ ކަމެއް ނޫން ނަމަވެސް، އޭނާގެ އަޒުމަކަށް ބަދަލެއް ނާންނަކަން ހާމަވަނީ މިހައިތަނަށް އޭނާ ދުވެފައިވާ ހުރިހައި ފުލް މެރަތަން ވެސް 3 ގަޑިއިރަށްވުރެ އަވަހަށް ނިންމާފައިވުމެވެ.
އެގޮތުން 2017 ޖަނަވަރީ 20 ގައި ދުބާއީގައި ދުވި މެރަތަން 2:51:19 އިން ނިންމިއިރު، މިހައިތަނަށް އޭނާ ވަނީ 14 މެރަތަން ދުވެފައެވެ. އަދި އެ ހުރިހައި މެރަތަނެއް ވެސް ނިންމާފައިވަނީ 3 ގަޑިއިރަށްވުރެ އަވަހަށެވެ.

ރާއްޖޭގެ 5 ކިލޯމީޓަރުގެ ގައުމީ ރެކޯޑު ހަދާފައިވާ މޯޑު ވަނީ ޕުކެޓު މެރަތަން ގައި 2019 ވަނަ އަހަރު ދުވެ 5 ކިލޯމީޓަރުގެ ދުވުމުން އެއްވަނަ ހޯދާފައެވެ. އަދި 2020 ވަނަ އަހަރު ދަ ރަކަލް ހާފުމެރަތަން ގައި ދުވެ ރާއްޖެއަށް ވަނަ ހޯދައިދީފައިވާއިރު، 2021 ވަނަ އަހަރު ރަނަތާލިއާ މެރަތަންގައި ފުލް މެރަތަން ގައި ވެސް އޭނާ ވަނީ އެއްވަނަ ހޯދާފައެވެ.
އެމްއެންޑީއެފް ގެ ސާޖެންޓުގެ މަގާމު އަދާކުރަމުން ދުވާލު ދެ ދަޅައަށް، ތަމްރީނު ހަދަމުންދާ މޯޑު 'ތިލަދުން' އަށް ބުނީ އޭނާ މި އަމާޒަށް ވާސިލިވުމަށް ކަނޑައެޅީ މީހަކަށް ކުރި ޗެލެންޖަކާއެކު ކަމަށާއި އެއީ މީގެ އަހަރުތަކެއް ކުރި ކަމަށެވެ. ނަމަވެސް މިހައިތަނަށްދުވި ހުރިހައި މެރަތަނެއް ވެސް ތިން ގަޑިއިރަށްވުރެ އަވަހަށް ނިންމިފައިވާތީ، މިހާރު އެއީ އަމާޒެއް ކަމަށް ނިންމާފައިވާ ކަމަށެވެ.
ދުނިޔޭގެ ނިސްބަތުން ވެސް މިއީ މަދު ބަޔަކަށް ނުހަނު ބުރަކޮށް ތަމްރީނު ހަދައިގެން ނޫނީ ހާސިލުކުރެވޭ ކަމަކަށް ނުވާއިރު، މޯޑު މިހާރު ވެސް ތަމްރީނުތައް ހަދަމުންދާ ގޮތަށް ބަލާއިރު، މިއީ ނުވާނެ ކަމެއް ނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!