ރުކަކީ އަހަރެމެންގެ ދިރިއުޅުމާ އެތައްގޮތަކުން ގުޅުންހުރި އަހަރެމެން އެއަށް ބަރޯސާވާ ގަހެކެވެ. ނަމަވެސް ރުކަށް ޖެހޭ ބަލިތައް ރާއްޖޭގައި ތަޙުލީލުކުރެވި ޙައްލު ހޯދުމަށް މަސައްކަތްކުރެވެނީ ވަރަށް ކުޑަ މިންވަރަކަށެވެ.

ތަފާތު އެކި ފަހަރުމަތިން ރުއްތަކަށް މާބޮޑަށް ބަލިޖެހުމުން ކަމާބެހޭ ވުޒާރާއިން އެބަލިތަކަށް ޙައްލު ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވެސް އެބަހުއްޓެވެ.

Ad
rt
ހިސްޕިޑް ބީޓްލް އިން ހަލާވެފައިވާ ރުކެއް

މިގޮތުން ދެހާހުގެ ފުރަތަމަ ކޮޅު ސަންއައިލެންޑް ރިޒޯޓަށް އެތެރެކުރި ބަގީޗާ ރުއްތަކަކުން އަރިއަތޮޅަށް ފެތުރެންފެށި ހިސްޕިޑް ބީޓްލް (ކުދި ރުކުމަޑި) އިން ރުއްރުކުގެ ފަންތައް ކައި ހަލާކުކުރާ ބަލި ހައްލުކުރުމަށް ޕެސްޓިސައިޑް ބޭނުންކޮށް އަދި ފަހުން ވިއެޓްނާމުން އެ މަޑިއަށް ހަމަލާދޭ ކުޑަ ސޫއްޕެއް ރާއްޖެ ގެނެސް އާލާކޮށްގެން ބަލި ފެނުނު ރައްތަކަށް ދޫކޮށްފައި ވެއެވެ.

ހިސްޕިޑް ބީޓްލް

ނަމަވެސް މި މަޑި ކޮންޓްރޯލް ނުވެ މިހާރުވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދޭތެރެދޭތެރެއިން ރުއްތައް ހަލާކުވުމުގެ މައްސަލަ ދަނީ ކުރިމަތި ވަމުންނެވެ.

އެއް ފޮޅޭއިރު މާތަކުގައި ބަލީގެ ނިޝާން ހުރޭ , ފޮޓޯ: ބަސީރު

މިފަދަ ދެވަނަ ބައްޔަކީ އެއްމައު ހަޑިކުރާ ބައްޔެވެ. މި ބައްޔާ ބެހޭ ފުރިހަމަ ދިރާސާއެއް ތައިލެންޑްގެ ކަމާބެހޭ މާހިރުންތަކެއް 2022 ވަނަ އަހަރު ކުރުމަށްފަހު އެމީހުންގެ ރިޕޯޓް ވަނީ އޯޕަން އެކްސެސް ޖާނަލްއެއްގައި އިންޓަނެޓްގައި ޝާއިޢު ކޮށްފައެވެ.

އެއްމައު ހަޑިކުރާ ބަލީގެ ނަތީޖާ, ފޮޓޯ: ބަސީރު

މި ރިޕޯޓުގައި ތަޙުލީލުކޮށް ނަތީޖާ ގެނެސްދީފައިވާ ބައްޔަކީ ރާއްޖެއިންވެސް ރުއްތަކުން ފެންނަ ބައްޔެކެވެ. ބަލީގެ ނަމަކީ 'ޑަރޓީ ޕެނިކްލް ޑިޒީޒް އިން ކޮކޮނަޓްސް' އެވެ. އެއްމައު ހަޑިކުރާ ބައްޔެވެ.

ބަލި ޖެހުމުން ކުރުނބާ ޖަހާވަރު ބޮޑުތަނުން މަދުވޭ, ފޮޓޯ: ބަސީރު

ބަލީގެ އަލާމާތްތައް

މި ބަލި ޖެހުމުން އެތް ފޮޅޭއިރު އެއްމައުތަކުގައި ކުދި، ގަދަ މުށިކުލައިގެ ތިކިތަކެއް ޖަހާފައި ހުރެއެވެ. އަދި އެތް ފޮޅޭ ވަރަކަށް އެހެން މައުތަކައް ވެސް މި ބަލި އަރައި، އެއްމައުތައް ފައިބާގޮތް ވެއެވެ.

އެއްމައު ހަޑިކުރާ ބަލީގެ އަލާމާތްތައް

ނަތީޖާއެއްގެ ގޮތުން މައު ގޮބޮޅިވުމައްފަހު ވެސް ގިނަ އަދަދަކަށް ގޮބޮޅި ވަޅޯވެގެން ފައިބައެވެ. އާޚިރުގައި އިހަލެއްގައި ގަންނަނީ ވަރަށް މަދު ކުރުނބައެކެވެ.

ބަލީގެ އަސްލު

ބަލީގެ އަސްލެއްގެ ގޮތުގައި މާހިރުން ދެނެގަނެފައިވަނީ ދެ ފަންގަސް އެކެވެ. އެއީ އެހެން ގަސްގަހުގައިވެސް ލައްޖަހާ ފީކުރާ 'އޯލްޓަނޭރިއާ' އަދި 'ފިއުޒޭރިއަމް' ފަންގަސް އާއިލާގެ ފަންގަސް ތަކެވެ.

އެއްމައު ހަޑިކުރާ ބަލި ޖައްސާ ފަންގަސް

މިގޮތުން ބަލި ތަޙުލީލު ކުރިއިރު، ބަލިޖެހިފައިވާ ރުއްތަކުން، މި ދެވައްތަރުން 20 ފަންގަސް ވެރައިޓީ ދެނެގަނެވިފައި ވެއެވެ. އޭގެތެރެއިން ބަލި ޖައްސާކަމަށް ފާހަގަ ވެފައި ވަނީ 3 ފަންގަސް ވެރައިޓީ އެކެވެ.

ބަލީގެ ޙައްލު

ތައިލެންޑުގެ މާހިރުން ކޮއްފައިވާ މި ދިރާސާގައި، ބަލީގެ ޙައްލުގެ ގޮތުގައި ވަކި ކަމެއް ފާހަގަ ކޮއްފައެއް ނުވެއެވެ. އަޅުގަނޑުމެންނަށް ދޭތެރެ ދޭތެރެއިން މިބަލިޖެހިފައިވާ ރުއްރުކުގެ ފޮޓޯ، ޙައްލު ބުނެދިނުމަށް އެދި ލިބެމުން ދެއެވެ.

Copper Oxychloride

ދާދި ފަހުން މިބަލީގެ ޙައްލަކަށް، 'ކޮޕާ އޮކްސިކްލޮރައިޑް' ރުކުގެ ކޮޅަށް ރަނގަޅަށް ސްޕްރޭ ކުރުމަށް، އަޅުގަނޑުމެން ވާނީ ބޭފުޅަކަށް ލަފާ ދީފައެވެ. މިގޮތުން މި ބަލި ރަނގަޅު ވެއްޖެނަމަ، އަނެއްކާވެސް ޙައްލު ލިބިފައި ނެތް ބައްޔަކަށް ޙައްލު ހޯދުނީއެވެ.

މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.

ހުބާ ޕްލާންޓްސް ފޭސްބުކް

ހުބާ ޕްލާންޓްސް ޓެލެގުރާމް ޗެނަލް