އައްބާސީ ޚިލާފަތުގެ ރަންދުވަސްވަރުގައި، އެ ޚަލީފާކަމުގެ ވެރިރަށް ކަމުގައިވާ ބަޣުދާދުގައި ވަރަށް ވިސްނުންފުޅު ތޫނު އިލްމުވެރިއަކު ދިރިއުޅުއްވިއެވެ.

އެއްދުވަހަކު ޝޭޚްގެ އަރިހުގައި ދިރިއުޅޭ މީހަކު ޝޭޚްގެ ގާތަށް ހާޟިރުވެ ދެންނެވިއެވެ.

Ad
rt

"އޭ ޝޭޚްއެވެ، ޝޭޚްގެ ރަޙްމަތްތެރިޔާއާއި ގުޅޭގޮތުން ދެންމެ އަޅުގަނޑަށް އަޑުއިވުނު ވާހަކައެއް ދަންނަވަންތޯއެވެ؟"
ޝޭޚް ކުއްލިއަކަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ. "އެހަށް މަޑުކޮށްލައްވާށެވެ." ތިބާ ތިޔަ ވާހަކަ ބުނުމުގެކުރިން ތިމަންނާ މިދޭ އިމްތިޚާނުން ތިޔަ ވާހަކަ ފާސްވޭތޯ ބަލާލަން ބޭނުމެވެ. މި ޓެސްޓަކީ ތިން ފުރޭނީގެ އިމްތިޚާނެކެވެ."

"ތިން ފުރޭންޏޭތޯއެވެ؟" އޭނާ ޚައިރާންވެފައި ސުވާލުކުރިއެވެ.

"ތިޔަ އަޑުއިވުނީ ރަނގަޅަށެވެ." ޝޭޚް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އާނ އެކެވެ! ތިބާ އަހަރެންގެ ރަޙްމަތްތެރިޔާގެ ވާހަކަ ބުނުމުގެ ކުރިން ތިޔަ ބުނަންއުޅޭވާހަކަ މި ތިން ފުރޭނިން ފުރާނާލުން ރަނގަޅުވާނެއެވެ.

"އަހަރެން މި އިމްތިޚާނަށް އެނަން ދިނީ އެހެންވެގެންނެވެ."
"ފުރަތަމަ ފުރޭންޏަކީ ތެދުދޮގުގެ ފުރޭންޏެވެ. ތިބާ ތިޔަ ދައްކަންއުޅޭ ވާހަކައަކީ ސާފު ހަޤީޤަތްތޯ ތިބާ ބެލިންހެއްޔެވެ؟
"ނޫނެކެވެ" އޭނާޖަވާބުދިނެވެ. "ހަޤީޤަތުގައި އަހަރެންނަށް އެވާހަކަ އަޑުއިވުނީ ހަމަ ދެންމެއެވެ."
"އެންމެ ރަނގަޅެވެ. އެހެންވީމާ ކަލެއަށް އެއީ ހަޤީޤީ ތެދެއްކަން ބުނެދޭކަށް ޔަޤީނެއްނޫނެވެ." ޝޭޚް މަޑުމައިތިރިކަމާއެކު ޖަވާބުދިނެވެ.

"ދެވަނަ ފުރޭނިން ތިޔަ ވާހަކަ ފުރާނާލަމާތޯއެވެ. މިއީ ހެޔޮކަމުގެ ފުރޭންޏެވެ. ތިބާ ބުނަން ތިޔައުޅޭ ވާހަކައަކީ ތިމަންގެ ރަޙްމަތްތެރިއާއާއިމެދު ހެޔޮ ރަނގަޅު ވާހަކައެއްހެއްޔެވެ"

"ނޫނެކެވެ. ބަލާބެލުމަށް އެހެނެއް ހިއެއްނުވެއެވެ" އޭނާ ވިސްނާލުމަށްފަހު ޖަވާބުދިނެވެ.

"ވީމާ ތިޔަބުނަން އުޅޭ ވާހަކައަކީ ތިމަންގެ ރަޙްމަތްތެރިޔާއާއި ބެހޭ ނުބައި ވާހަކައެއް ތާއެވެ! އަދި އެއީ ހަޤީޤަަތެއްކަމެއްވެސް ތިބާއަކަށް ޔަޤީކުރެވިފައެއް ނެތެވެ." ޝޭޚް އޭނާގެ އެ ވާހަކަ އިމްތިޚާންކުރަމުން ދިޔައެވެ.

"ދެން އޮތީ އެންމެ ފަހުގެ ފުރޭނިން ފުރާނާލުމެވެ. މި ފުރޭނިން ފުރާނާލެވިއްޖެނަމަވެސް ތިބާގެ ތިބަސްތައް މި އިމްތިޚާނުން ފާސްވެދާނެއެވެ." އަދި އުންމީދު އޮބައޮތްކަން ހާމަކޮށްދިނުމުގެ ގޮތުން ޝޭޚް ޖަވާބުދިނެވެ.

"ތިބާ ބުނަން ތިއުޅޭ ވާހަކައަކީ އަހަރެންނަށް އެއިން އެއްވެސް ފައިދާއެއް ކުރާނޭ ވާހަކައެއް ހެއްޔެވެ." ޝޭޚް އޭނާގެ ތިންވަނަ ފުރޭނިން އެވާހަކަ ފުރާނާލުމަށް އެދުނެވެ.

"ނޫނެކެވެ. ޝޭޚް އެވެ. މިއީ ތިބާއަށް އެއްވެސް ފައިދާއެއްހުރި ވާހަކައެއް ނޫނެވެ." އޭނާ މަޑުމައިތިރިކަމާއެކު އިސްދަށަށް ޖަހައިގެންހުރެ ބުންޏެވެ.

"އެންމެ ރަނގަޅެވެ. ތިބާ މިއަދު އަހަރެންގެ ގާތުގައި ބުނަން ތިޔަ އައި ވާހަކައަކީ، ތެދުވާހަކައެއް ކަމެއް ތިބާއަކަށް ނޭންގެއެވެ. އަދި އެއީ ރަނގަޅު ހެޔޮ ވާހަކައަކަށް ނުވިތާނގައި އަހަރެންނަށް އެއްވެސް ފައިދާއެއް ކުރާނޭ ވާހަކައަކަށްވެސް ނުވޭނޫންހެއްޔެވެ؟ ވީމާ ތިޔަ ވާހަކަ އެއްގޮތަކަށްވެސް ނުދެއްކުން މާ ރަނގަޅުނޫންހެއްޔެވެ."

ޝޭޚް އޭނާގެ ޚިޔާލް ފާޅުކުރިއެވެ.

يَاأَيُّهَا الَّذِينَ ءَامَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ހަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވެދާނެއެވެ.

(الحُجرَات 6)

يَاأَيُّهَا الَّذِينَ ءَامَنُوا لاَ يَسْخَرْ قَومٌ مِنْ قَوْمٍ عَسَى أَنْ يَكُونُوا خَيْرًا مِنْهُمْ وَلاَ نِسَاءٌ مِنْ نِسَاءٍ عَسَى أَنْ يَكُنَّ خَيْرًا مِنْهُنَّ وَلاَ تَلْمِزُوا أَنْفُسَكُمْ وَلاَ تَنَابَزُوا بِالأَلْقَابِ بِئْسَ الاِسْمُ الْفُسُوقُ بَعْدَ الإِيمَانِ وَمَنْ لَمْ يَتُبْ فَأُولَئِكَ هُمُ الظَّالِمُونَ

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ ފުރައްސާރަކުރި މީހުންނަށްވުރެ، ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުން އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ ފުރައްސާރަކުރި މީހުންނަށްވުރެ، ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި ތިޔަބައިމީހުން އަމިއްލަ ނަފުސުތަކަށް އައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް އައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާ ނުވިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ އަނިޔާވެރީންނެވެ.

(الحُجرَات 11)

يَاأَيُّهَا الَّذِينَ ءَامَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلاَ تَجَسَّسُوا وَلاَ يَغْتَبْ بَعْضُكُمْ بَعْضًا أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَحِيمٌ

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަ ކަންތަކާއި ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސު ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަހީމްވަން ރަސްކަލާނގެއެވެ."

(الحُجرَات 12)

ލިޔުނީ އަބްދުﷲ ޝާކިރު މުޙައްމަދު