ގަސްގަހުގައި ކޫޑި އެޅުމަކީ ގަސްހެއްދުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ރާއްޖޭގެ ވެށީގައި ތަފާތު ވައްތަރުގެ ކޫޑި އުޅެއެވެ. ހުދު ކޫޑި، ހުދުހޭ ކުދި ހުދު ކޫޑި، ތަތް ކޫޑި، ފުށް ކޫޑި އަދި އުކުނު ކޫޑިއަކީ އެންމެ ގިނައިން ފެންނަ ބާވަތްތަކެވެ.

ކޫޑި ފަތުގައާއި ގަހުގެ އެހެން ބައިތަކަށް ސަވާރުވެ ތިބެ ގަހުން ދިޔަ ބޮނީއެވެ. މީގެ ސަބަބުން ގަސް ގުރުނޑުވެ، ގަހުގެ ހެދުން ހުއްޓި ގަސް ނިކަމެތި ކޮށްލައެވެ. އަދި ކޫޑި ބޯ ދިޔާގައި ކަޅުކުލައިގެ ފަންގަސްއެއް ޖަހައެވެ. ބައެއް މީހުން މިއަށް ކަަޅު ކޫޑިއޭ ކިޔައެވެ. މީގެ އިތުރުން ކޫޑިއަކީ ތަފާތު އެހެނިހެން ބަލިތައް އެސޮރުމެންގެ ހަށިގަނޑުން އުފުލާ އެއްޗެއްވެސް މެއެވެ. މިގޮތުން ގަހަށް ބަލިޖައްސާ ތަފާތު ވައިރަސްތައް އެއްގަހުން އަނެއް ގަހަށް އުފުލައެެވެ.

Ad
rt

ކޫޑި ނައްތައިލުމަށް ރާއްޖޭގައި އާއްމުކޮށް ބޭނުންކުރަނީ ކެމިކަލް ބޭހެވެ. ނަމަވެސް، އަހަރެމެންގެ ހޭލުންތެރިކަމާއި ގޮތް ހުންނަ ގޮތުން، އެފަދަ ބޭސްތައް މާގިނަ މިންވަރަކަށް އާދަވެގެން ބޭނުންކުރާތީ، މިހާރު ގިނަ ވައްތަރުގެ ކޫޑިތައް ވަނީ އެ ބޭސްތަކަށް ހޭނިފައެވެ. އެހެންކަމުން ކެމިކަލް ބޭހަށްވެސް މިހާރު އޮންނަނީ ކޫޑި ނުގުޑާފައެވެ.

މި ސަބަބާ ހުރެ ގުދުރަތީ ބޭސް ބޭނުންކުރުން އިތުރު ކުރަން ޖެހެއެވެ. މިގޮތުން ބަތް ބޭހަކީ ކޫޑި ކޮންޓްރޯލްކުރުމަށް ރަނގަޅު ފަރުވާއެކެވެ. ބަތް ބޭހަކީ ވަރަށް ފަސޭހައިން ހުދު ކޫޑި ފިލުވައިލެވޭ އަދި ތައްޔާރުކޮށްލަން ފަސޭހަ، ރައްކާތެރި ބޭހެކެވެ. ބޭހެކޭ ދެންނެވުމުން ބައެއް ފަރާތްތަކަށް ޤަބޫލުކުރަން ދަތިވެދާނެ އެވެ.

ބަތްބޭސް ތައްޔާރުކުރުމަށް މަތިޖެހޭ އެއްޗަކަށް 500 އެމްއެލް ފެން އެޅުމަށްފަހު، މޭޒޫމަތީ ސަމުސަލުގެ 2 ސަމުސާ ބަތް އަޅާފައި 10 ދުވަހު ބަހައްޓާށެވެ. ދެން ފެން ފޮދު ފުރާނާލައިލުމަށްފަހު އިތުރު 500 އެމްއެލް ފެނާ އެއްކޮށްގެން ގަހުގައި ކޫޑި ހުރި ތަންތަނަށް ރަނގަޅަށް ސްޕުރޭކޮށްލާށެވެ. ހަމަ ވަގުތުން ކޫޑިތައް ގަސް ދޫކޮއްލާފައި ފައިބަންފަށާނެ އެވެ.

މިއީ ކެމިކަލް ބޭހެއް ނޫންކަމަށް ވާތީ، ބޭސް ޖެހުން އަވަސް އަވަހަށް ތަކުރާރުކުރެވިދާނެއެވެ. އަދި ބޭސް ޖެހުމަށްފަހު ވަކި ދުވަހެއް ވަންދެން ގަހުން ތަކެތި ބޭނުންނުކޮށް މަޑު ކުރާކަށް ނުޖެހެއެވެ. އަދި މިއީ އިންސާނުންގެ ޞިއްޙަތަށް ރައްކާތެރި ގޮތެއްވެސް މެއެވެ.

ތަޖުރިބާ ކޮށްލައްވާށެވެ!

މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.

ހުބާ ޕްލާންޓްސް ފޭސްބުކް

ހުބާ ޕްލާންޓްސް ޓެލެގުރާމް ޗެނަލް