ކޮންމެ ދުވަހަކީވެސް އާދުވަހެކެވެ. އާތަޖުރިބާއެކެވެ. އާކަންތައްތަކެއް ފެނި، ތަޖުރިބާކުރެވި، އިވި، ފެނި، ހަނދާންތަކެއް ހިތާއި ސިކުނޑީގައި ބިންވަޅު ނެގޭ ދުވަހެކެވެ. އެއީ އިންސާނީ ހަގީގަތެވެ. އެ ހަނދާން ތަކާއި އެތަޖުރިބާތަކުން އެކިމީހުންނަށް އަސަރުކުރަނީ އެކިމިންވަރަށެވެ. އެކިގޮތަށެވެ. މިފަދަ ބައެއް ތަޖުރިބާތަކަކީ ކޮންމެހެން ފެންނަން ހުންނަ ހާދިސާތަކެއް ނޫނެވެ. ހަމައެކަނި ކުރެވޭ އިހްސާސަކަށް ވެސް ވެދާނެއެވެ.

ބައެއް ހާދިސާތަކަކީ ހިތްދަތި ތަޖުރިބާ ތަކެވެ. ހިތުގެ އެންމެ ފުނަށް އޭގެ ހިތްދަތިކަމުގެ ރަހަ ލައްވާލާ ތަޖުރިބާތަކެވެ. އެއީ ކޮންމެހެން ބަޔަކަށް ފެންނަ ތަޖުރިބާތަކެއް ނޫނެވެ. ހަމައެކަނި ހިތްދަތިކަމުގެ އިހްސާސެކެވެ. އޭގެ ސަބަބުން ބަސްހުއްޓި ވިސްނުމާއި ފިކުރަށް ލޮޅުން އަރުވާލައެވެ. ނުވަތަ ހަމައިން ނެއްޓި އަތުން ފައިން ގޯސް ހެދެއެވެ. އެހެންނަމަވެސް، އެއީ އެެކަން ވާންޖެހޭ ގޮތެއް ނޫނެވެ. މާތްﷲ އިންސާނާއަށް ބުއްދި ދެއްވައި އިންސާނާ ބާރުވެރި ކުރައްވާފައިވާތީއެވެ.

Ad
rt

ހިތްދަތިކަމެއް ދިމާވާ ވަގުތު، އެހެންމީހަކު ކަންކުރިގޮތާމެދު ވިސްނާފިކުރުކުރުމުގެ ބަދަލުގައި ތިމާއަށް ކަންކުރެވުނު ގޮތާއި މެދު ވިސްނާލާށެވެ. އެތަޖުރިބާ ކުރެވެން މެދުވެރިވީ ތިމާކުރި ކޮންކަމަކުން ތޯ ފިކުރު ހިންގާލާށެވެ. އަދި އެތަޖުރިބާ ތަކުރާރުވިޔަ ނުދިނުމަށްޓަކާ ތިމާ ކުރަންޖެހޭ ކަމަކީ ނުވަތަ ދޫކޮށްލަންޖެހޭ ކަމަކީ ކޮބައިތޯ ވިސްނާލާށެވެ. އަދި ތިމާގެ ބަހާއި އަމަލާއި ކަންކުރާގޮތަށް ބަދަލުގެނައުމުގެ އަޒުމު ކަނޑައަޅާށެވެ.

އަޅުގަޑުމެން ކޮންމެ މީހަކީވެސް އުފާވެރިކަމާއި ހިތްހަމަޖެހުމުގައި ދުވަސްތައް ވޭތުކުރާ މީހަކަށް ވެވިދާނެއެވެ. އެކަމަށްޓަކާ ބޭނުންވަނީ ބުއްދީގެ އަހުލުވެރިއަކަށް ވުމެވެ.