މިހާރަކަށް އައިސް ހައްދާ ގަސްގަހުގެ ޅަކުރި ޖެހުމަށްފަހު، އެކުރިތައް ނުހެދި، ކޮންމެވެސްވަރަކަށް ފަތްތަކުގައި ރޫޖެހި، އެހެން ހުރެލާފައި ފަތްތައް ރަތްކުލައަކަށް ބަދަލުވެ އަދި ފަހުން ކަޅުވެ އަނދާގޮތް މެދުވެރިވާ މައްސަލަތައް ތަކުރާރުކޮށް އަޅުގަނޑުމެނާ ހަމައަށް އާދެއެވެ.

މި މައްސަލަ ކުރިމަތިވަނީ މައިގަނޑު 2 ސަބަބަކާ ހުރެއެވެ.

Ad
rt

ފުރަތަމަ ސަބަބަކީ ގަހުގެ ދިފާޢީ ބާރު ކުޑަވުމެވެ. މިހެން ދިމާވަނީ ގަހުގެ ސެލްތަކުގެ ފާރު ތުނިވުމުން އަވަހަށް އަދި ފަސޭހައިން ގަހަށް ބައްޔަށް ސަވާރުވެވޭތީއެވެ.

ސެލްފާރު ތުނިވަނީ ކެލްސިއަމް މަދުވީމަވެ. ރާއްޖޭގެ ފަސްގަނޑުގައި މަތީ މިންވަރަކަށް ކެލްސިއަމް އެކުލެވުނު ކަމުގައިވިޔަސް ގަހަށް ބޭނުންވާ މިންވަރަށް މި އުންސުރު ނަގައިނުދެވޭ ޙާލަތްތައް ކުރިމަތިވެއެވެ.

އަޅުގަނޑުމެންނަށް ގިނައިން ލިބިފައި ހުންނަ ފޮޓޯތަކުން ފެންނަނީ މިރުސް ގަހަށް މި މައްސަލަ ކުރިމަތިވެފައި ހުއްޓައެވެ. ދެވަނައަށް އެންމެ ގިނައިން ފެންނަނީ ބޯގަންވިލާ ގަހުގެ ކުރިތައް މިގޮތަށް ރަތްވެފައި ހުއްޓައެވެ.

ކެލްސިއަމް މަދުވާ ޙާލަތްތަކުގައި ގަހުން އިތުރު 2 ޢަލާމާތެއް ފެންނަން ހުރެއެވެ. ފުރަތަމަ ޢަލާމާތަކީ ގަހުގެ އެހެން ފަތްތަކުންވެސް ގުރުނޑުގެ އަސަރު ފެނުމެވެ. އަނެއް ޢަލާމާތަކީ ގަހުގެ ބައެއް ފަތްތަކުގައި ލައްޖަހައި އެލައްތައް ހިކި ފަތްތަކުން ތަންތަންކޮޅު ވީދިފައި ހުންނަގޮތަށް ހުރުމެވެ.

ކެލްސިއަމް މަދުވެގެން ދިމާވާ މިފަދަ މައްސަލަތައް އަދި ކުރި ނުހެދި ރަތްވެ އެނދުމުގެ މައްސަލަ ޙައްލުކުރުމަށް ގަހަށް ފަސޭހައިން ނެގޭނެ ފަދަ ގޮތަކަށް ކެލްސިއަމް އުންސުރު ދެވިދާނެއެވެ. މިގޮތުން ބިސް ތޮށި އަވީލައި ހިއްކުމަށްފަހު ބްލެންޑަރުން މުގުރާފައި ކޮންމެ 15 ދުވަހަކުން ގަހެއްގެ ބުޑަށް 1 މޭޒުމަތީ ސަމުސަލުގެ މަގުން ބިސްތޮށި ކުނޑި އަޅަމުން ގެންދެވިދާނެއެވެ.

ކެލްސިއަމްގެ އިތުރުން ގަހަށް ބޭނުންވާ އިތުރު މުހިއްމު އުންސުރުތައް ހިމެނޭ މަސްކަށި ކުނޑި ވެސް މިގޮތަށް ދެވިދާނެއެވެ. ނަމަވެސް ކަަށިކުނޑި އަޅާނަމަ ސައިސަމުލެއްގެ ހަތަރު ބައި ކުޅަ އެއްބައި އަޅާށެވެ.

އެހެންނޫނީ ގަސް އެއްކޮށް މިލައި ހިކިދާނެއެވެ. ތައްޔާރީ ކާނާއެއް ދޭނަަމަ ސީދާ ކެލްސިއަމް އެކުލެވޭ ކާނާއެއް، އެކާނާއެއް ދޭން އޮންނަ ގޮތަށް ދެވިދާނެއެވެ. އެފަދަ އެއްކާނާއަކީ 'މެގްސިކަލް'ގެ ނަމުން ނަންދެވިފައިވާ ކާނާއެކެވެ. އަލިވިދާ މޯލްޑިވްސް އިން އެކާނާ ރާއްޖެގެނެސްގެން ވިއްކާފައި ވެއެވެ.

ދެން އޮތީ، ހަމައެކަނި ގަހުހެ ހެދޭކުރިއާއި ޖަހާކުރިތައް ރަތްވުމާއި އެނދުމުގެ މައްސަލައެވެ. މި މައްސަލަ ހުންނަ ނަމަ ގިނަ ފަހަރަށް ސްޕައިޑާ މައިޓްސް ނުވަތަ އެހެންވެސް ވައްތަރެއްގެ މައިޓްސްއެއް ގަހުން ފެންނާނެއެވެ. މައިޓަކީ ކިރިޔާ ލޮލަށް ފެންނަވަރުގެ ކުދި ފައިދިގުމަކުނުތަކެކެވެ.

މިސޮރުމެން ވައުފުރައިގެން ހާލި ހަދާފައި ހުއްޓާ ވެސް ފެނިދާނެއެވެ. މައިޓްސް ގަހުން، އަދި ޚާއްޞަކޮށް، ޅަކުރިތަކުން ދިޔަ ބޮއެ އުޅޭތީ ކުރިތައް ރަތްވެ އަނދަނީއެވެ.

މި މައްސަލަ ޙައްލުކުރުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ސަލްފާ ކުނޑި ފެނުގައި ގިރާފައި މުޅިގަހަށް ސްޕްރޭކުރުމެވެ. ސަލްފާއަކީ ކާނާގެ ގިންތީގައި ހިމެނޭ، ގަސްކާނާ ފިހާރަތަކުން ވިއްކަން ހުންނަ، ވިހަ ގަދަ ކެމިކަލެއްގެ ގޮތުގައި ނުހިމެނޭ، މުށިކުލައިގެ މިނެރަލް ކުނޑިއެކެވެ.

2 ގްރާމް 1 ލިޓަރު ފެނުގެ ނިސްބަތުން ގިރާފައި، މައްސަލަ ޙައްލުވުމުގެ ނިޝާންތައް ފެންނަންދެން، ހަފުތާއަކު 1 ދުވަހު ސްޕްރޭކުރަމުން ގެންދެވިދާނެއެވެ. ދެން އޮތް ޙައްލަކީ މައިޓް ކޮންޓްރޯލްކުރަން ހުންނަ ޚާއްޞަ މައިޓިސައިޑެއް ބޭނުންކުރުމެވެ.

މިގެނެސް ދެވުނީ ގަހުގެ ކުރިތައް ރަތްވެ، އެނދުމާއި ގުރުނޑުވެ ލައްޖެހުމުން ގަސް ސަލާމަތްކުރުމަށް ބޭނުންތެރި މުހިއްމު މަޢުލޫމާތުކޮޅެއްކަމަށް އުންމީދުކުރަމެވެ.

ވަކިން ޚާއްޞަކޮށް މިރުސް ނުވަތަ ބޯގަންވިލާ ހައްދައި އުޅޭ ފަރާތްތަކަށެވެ. މަޢުލޫމާތުކޮޅު ބޭނުންވެދާނެ ފަރާތްތަކާ ޙިއްޞާކޮށްލައްވާށެވެ!

ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.

ހުބާ ޕްލާންޓްސް ފޭސްބުކް

ހުބާ ޕްލާންޓްސް ޓެލެގުރާމް ޗެނަލް