ދިރާސީ އަހަރުގެ ކިޔެވުންނިމި ދަރިވަރުންގެ ބޮޑުޗުއްޓީއެއް ފެށުނީއެވެ. ކިޔެވުމާއި، ކިޔަވަން ގެންގުޅުނު ފޮތްތަކާއި، މުދައްރިސުންގެ އަގުހުރި އިރުޝާދުތައްވެސް ދަބަހާއި، ފޮތްތަކާއިއެކު ގޭގެ ކޮންމެވެސް ކަނެއްގައި ބަހައްޓާފައި ހުރިހާ ކުދިންނާއި ބެލެނިވެރިން ދިގު ޗުއްޓިއަކަށް ދަތުރުފެށީއެވެ.
ކިޔެވުމާއި ފިލާވަޅުތައް ދަސްކުރުމުގެ ވަރުބަލިކަމާއި ލޮޑުކަން ފިލުވާލަން ލިބުނު ރަނުގެ ފުރުޞަތެކެވެ. ނަމަވެސް ދަންނަވަންތޯއެވެ؟
ޗުއްޓީގެ ދުވަސްތައް އެކުގައި ކިޔަވާފޮތްތަކާއި އެކަހެރިވެ، ދުރުގައި ހޭދަކުރުމަކީ ދަރިވަރުންނަށް އެންމެ ފައިދާބޮޑުގޮތަށް ވުމަށްވުރެ ނުވުންގާތެވެ. ބެލެނިވެރިން ވިސްނާލަންވީ ނުކުތާއަކީ ޗުއްޓީގެ ދުވަސްވަރުވެސް ކޮންމެވެސް ވަރަކަށް ފޮތްތަކުގެ ތެރޭގައި ދަރިވަރުން ގެންގުޅުމަށެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންކަން ލިޔެލާނަމެވެ.
ހަމައެކަނި ފިލާވަޅުތައް ޤަވާޢިދުން ކިޔުއްވުމުގެ ބަދަލުގައި ކުދިންގެ ޢުމުރުފުރާއާއި ގުޅޭ ވާހަކަފޮތް ކިޔަން ޙަވާލުކުރެވިދާނެއެވެ.
1- ކުދިންކީ ވާހަކައިގެ ޚުލާޞާއެއް ދަރިވަރުންލައްވާ ކިޔުއްވިދާނެއެވެ. މީގެ ސަބަބުން ލިޔުމުގައި ހިމެނުނު ކަންކަން ހަނދާނަށް ގެނުއުމަށް މަގުފަހިކޮށްދިނުން އިތުރުވާނެއެވެ.
1- ދަރިވަރުކީ ފޮތުން ސުވާލުކުރެވިދާނެއެވެ. މީގެ ސަބަބުން ދޭހައިގެ ބައި ރަނގަޅުވެގެން ދާނެއެވެ.
2- ކުދިންގޮވައިގެން ފިހާރައަށް ގޮސް އެކުދިންލައްވާ ވިޔާފާރި ކުރެވިދާނެއެވެ. ކުދިންއަމިއްލައަށް ތަކެތި ނެގުމަށް ޙަވާލުކޮށް، އެތަކެއްޗަށް ފައިސާ ދެއްކުން ކުދިންނާ ޙަވާލުކުރެވިދާނެއެވެ. މީގެ ސަބަބުން ފައިސާއަކީ ކިހާ އަގުހުރިއެއްޗެއްކަން، ފައިސާ ޚަރަދުވެގެންދާގޮތް ކުދިންނަށް ދަސްވާނެއެވެ.
3- ގޭތެރޭގެ ބައެއް ހިސާބުކިތާބު ބެލެހެއްޓުން ދަރިންނާ ޙަވާލުކުރެވިދާނެއެވެ. ބޮޑުވެގެން އަމިއްލަ ކަންކަން ކުރަން ދަސްވުމާއި ކަންކަން މެނޭޖްކުރަން ދަސްކުރުމަށް މިއީ ރަނގަޅުގޮތަށް ވުންވަރަށް ގާތެވެ.
4- އަންނަ ދިރާސީ އަހަރު ކިޔަވަންހުރި ފޮތްތަކުގައި ސެލޯފިންލެއްވުމާއި ނަންކާޑުކޮޅު ހަރުކުރުން ކަހަލަކަންކަން ދަރިންލައްވާ ކުރުވުން ކިހިނެއްވާނެތޯއެވެ. އަމިއްލަ ފޮތްތައް ރީތިކުރުމަށް ކުރަންޖެހޭ ބުރަމަސައްކަތް އިޙުޞާޞްވުމުން އެފޮތްތައް ރަނގަޅަށް ގެންގުޅުމަށް ބާރަކަށްވެދާނެތީއެވެ.
5- ކުރިއަށް އޮތް ދިރާސީ އަހަރުގައި ކިޔަވަންޖެހޭ ފޮތްތައްކުޑަކޮށް ކިޔާލަން ޙަވާލުކުރުން ރަނގަޅުކަމަށް ވެދާނެކަމަށް ފެނެއެވެ. އެފިލާވަޅުތަކަށް ކުދިން ކުރީބައިގައި ލޯހުޅުވާލުމަށް މިއީވެސް ރަނގަޅުކަމެކެވެ.
6- ޓައިމް މެނޭޖްކުރަން ދަސްކޮށްދިނުން ކިހިނެއްވާނެތޯއެވެ. ކުޅެންވެސް ވަކިވަޤުތެއް، ކިޔަވަންވެސް ވަކިވަޤުތެކެވެ. މުޅިދުވަސް އެއްކޮށް ކުޅުމަށް ހޭދަކޮށްލުން އެއީ އެންމެރަނގަޅުގޮތަށް ނުވެދާނެތީއެވެ.
7- ނަމާދުތައް ވަޤުތުގައި އަދާކުރުވާށެވެ! ޤުރްއާންކިޔެވުން ވެސް ޤަވާޢިދުން ކުރިއަށް ގެންދާށެވެ! އަދި ދަރިންލައްވާ ދުޢާކުރުވަން އާދަކުރާށެވެ! މިއީ އެންމެ މުހިންމު ތިންކަންތައްކަން ހަނދާންކޮށްދޭށެވެ!
އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދިރާސީ އަހަރު ވަރަށް ކާމިޔާބުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!