ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަނޑިޔާރުގެއިން ނުފޫޒު ފޯރުވިކަން ވަރަށް ސާފުކަން އެނގެން އެބައޮތްކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ގައި ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ފަނޑިޔާރުންގެ ގާނޫނުގެ 64 ވަނަ މާއްދާއަށް ހުށަހެޅިފައި މިއަދު ބަހުސް ހިންގަމުންދާ އިސްލާހަކީ މާކުރިން ވެސް ގެންނަންޖެހޭ އިސްލާހެއް ކަމަށާއި، ރައީސުލްޖުމްޙޫރިއްޔާގެ ޙާއްޞަ ނިންމެވުމަކުން ސިވިސް ސާވިސްގައި މަސައްކަތްކުރަށްވާ އަންހެން މުވައްޒަފުންނަށް އެ އިސްލާހުގައިބުނާ ގޮތަށް ޗުއްޓީ ހަމަޖެހިފައިވާއިރު ފަނޑިޔާރުންނަށް އެގޮތަށް ހަމަނުޖެހި އޮތުމުން ހިތާމަކުރަށްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙް ހުށަހެޅި، އެބަދަލުގެނެވޭތީ އުފާކުރަށްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަޒީފާގެ ޤާނޫނަށް ވެސް މި އިސްލާޙް ގެނެސް ޤާނޫނަކުން ސިވިލްސާވިސް މުވައްޒަފުންނަށް ވެސް މިލުއި ގެނައުމަށް މަސައްކަތްކުރުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ފަނޑިޔާރުގޭގެ ވާހަކަ ދައްކާއިރު، ނިމުނު ކޮމަންޑޫ ދާއިރާގެ މި ބައި-އިލެކްޝަންގައި ފަނޑިޔާރުގެ ހިމެނޭހެން ދިވެހި ދައުލަތުގެ ނުފޫޒު އޮތް މިންވަރު ފެނިގެން ދިޔަކަމަށެވެ.

"ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ނިމިގެން ދިޔައިރު ސަރުކާރުގެ ނުފޫޒު އޮތްވާހަކަ އަދި އޭގެތެރޭގައި ފަނޑިޔާރުގޭގެ ނުފޫޒު އޮތްކަންވެސް ހާމަވެގެން ހިނގައްޖެ، އިނގިވަޑައިގަންނަވާނެ މައްސަލަތައް ތާވަލުކުރުމުގެ އުސޫލާ ޚިލާފަށް ވަކިބޭފުޅަކު ނަން ކިޔާލަން ހިނގާ ދެއްތޯ މިތާގައި، މި ސަރުކާރުގެ ޔޫތު މިނިސްޓަރު ކޮމަންޑޫ ދާއިރާގައި ވަރަށް ހަރަކާތްތެރިކަމާއެކީގައި އިންތިޚާބުގައި މަސައްކަތްކުރަށްވަން ދޫކުރެއްވިކަން އެބަ އިނގޭ، ފަނޑިޔާރުގެއިން ވަކިގޮތެއް ނިންމާފައި އޮއްވައި، ވަކިވަކި ފަނޑިޔާރުން ވަކި އުސޫލުތަކަށް ކަންކަން ނިންމާތަން ފެނިގެންދިޔަ" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޯވިޑްގެ ހާލަތުކަމަށް ބުނެ ޔޫތު މިނިސްޓަރު މަޚްލޫފްގެ މައްސަލަ ތާވަލުނުކޮށް ފަސްކުރިކަމަށާއި، ނަމަވެސް އިންތިޚާބުގެ ކެމްޕޭނަށް ވަޑައިގަންނަވަން ނިންމެވުމުން ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ މައްސަލަ ތާވަލުކުރިތަން ފެނުނުކަމަށެވެ.

"ރައީސް ޢަބުދުﷲ ޔާމީންގެ މައްސަލަ ތާވަލުކުރެވިފައި، އެހެންނަމަވެސް ކޯވިޑްގެ ހާލަތޭ ކިޔާފައި ޔޫތު މިނިސްޓަރު މަޚްލޫފްގެ މައްސަލަ ތާވަލުނުކުރެވި ދިޔަދިޔުމަކީ ނިމިދިޔަ އިންތިޚާބަށް ފަނޑިޔާރުގެއިން ނުފޫޒު ފޯރުވިކަން ސާފުކޮށް ފެންނަންއޮތްކަމެއް،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އެކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކުއްވެރި ކުރަށްވާ ކަމަށާއި، އެކަމުގައި އެ ކޮމިޝަން ނުކުޅެދިފައިވާތަން ފެންނަކަމަށާއި، އަދި އެއީ އެ ކޮމިޝަނުން ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.

ޝިޔާމް ވަނީ ފަނޑިޔާރުގެ އިސްލާހް ކުރުމަށް އެމްޑީޕީން ވަރަށް ގިނަ ވާހަކަ ދެއްކި ކަމަށާއި، 2018 ވަނަ އަހަރު ވެރިކަމަށް އައުމަށްޓަކައި އެންމެ އަޑުހަރުކޮށް އެމްޑީޕީން ދެއްކިވާހަކައަކީ ވެސް ފަނޑިޔާރުގެ އިސްލާހް ކުރާވާހަކަ ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ކުރުމަށް އެންމެ މުހިންމުކަމެއް ކަމަށް އެމްޑީޕީން އަޑުހަރުކޮށް ބުނަމުން ދިޔައީ، ޖޭއެސްސީ އިސްލާޙް ކުރާވާހަކަ ކަމަށާއި، އެ ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރާ ވާހަކަ ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް އެކަންކޮށްފައި ނުވާކަމަށާއި، އެކަން ކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ޤާނޫނު އަސާސީ އަށް ދެވަނަ ފަހަރަށް މިހާރު އިސްލާޙް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، އެ އިސްލާޙް އަންނަންޖެހޭނީ ޠާރިޤްގެ ފަރާތުން ނޫންކަމަށާއި، އެއީ ސަރުކާރުގެ ފަރާތުން ހުށަހަޅަންޖެހޭ އިސްލާޙެއް ކަމަށެވެ. ހެޔޮ ނިޔަތެއް އޮތްނަމަ އެކަން ކުރީހީ ސަރުކާރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.