ކޯވިޑް19ގެ ޙާލަތު އިތުރަށް ގޯސްވެ ވަރަށް ބޮޑަށް ފެތުރެމުންދާތީ، ވަސީލަތްތައް ޤާއިމްކުރުމަށާއި، އީޖާބީ މަސައްކަތްތައް ހަލުވި ކުރުމަށް ސަރުކާރަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

Ad
rt

އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުން ނެވެ. އަދި ނުފެންނަ ކަމަށް 18 މެމްބަރަކު ވޯޓު ދެއްވި އެވެ. އެހެންވެ އެ މައްސަލަ ބަލައިގަންނަށް މަޖިލީހުގެ ތަޅުމުން ފާސްނުވެ، އެ މައްސަލަ ބޭރުވެފަ އެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މި މައްސަލާގައި ފާހަގަ ކުރަށްވާފައިވާ ކަންތައްތަކުގެ ތެރޭގައި، މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޯވިޑް19ގެ ޙާލަތު އިތުރަށް ގޯސްވެ، މީހުން މަރުވާ އަދަދާއި ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ކަރަންޓީން ކުރަންޖެހޭ މީހުންނާއި މޮނީޓަރިން ޙާލަތަށް ބަދަލުވާ ރަށްރަށުގެ އަދަދު އިތުރުވަމުންދާކަން ވަނީ ފާހަގަ ކުރަށްވާފައެވެ.

އަތޮޅުތަކުން ކޯވިޑް ޓެސްޓްކޮށް، ނަތީޖާ ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނުވާކަމަށް އެ އެމައްސަލާގައި އޭނާ ވިދާޅުވެފަ ވެެއެވެ. އަދި ޓެސްޓުތަކުގެ ނަތީޖާ ނުލިބި އިންތިޒާރުކުރަންޖެހޭ މުއްދަތު، ދުވަހެއް ދުވަހަށް އިތުރުވެފަ ވާކަމަށާއި، ޞިއްޙީ ދާއިރާއާއި ކޯވިޑް 19 ގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި އަދި ޞިއްޙީ ޚިދްމަތްތެރިން ވަރުބަލިވެ، ބަލިމީހުންނަށް ފަރުވާދިނުން ލަސްވާފަދަ ޙާލަތަށް ދިއުމުގެ ކަންބޮޑުވުން ފަންނީ ފަރާތްތަކުން ހާމަކުރަމުންދާ ކަމަށް ވެސް އެ މައްސަލާގައި ބުނެފަ ވެއެވެ.

އެ މައްސަލާގައި އިތުރަށް ވިދާޅުވެފައި ވަނީ، ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ކުރަންޖެހޭ މިންވަރު އިތުރުވެ، ހޮސްޕިޓަލްތަކާއި ކޯވިޑް ސެންޓަރުތަކުގެ ބެޑް ކެޕޭސިޓީއާއި އިންސާނީ ވަސީލަތް މަދުވެ، ބައްޔަށް ޕޮޒިޓިވްވަމުންދާ ފަރާތްތަކަށް އެޓެންޑް ނުކުރެވި، ފަރުވާ ލަސްވެ، ގިނަ ބައެއްގެ ފުރާނައަށް ނުރައްކާ ވެދާނެކަމަށް ބެލެވޭ ހާލަތުގައި ރާއްޖެ އޮތް ކަމަށެވެ.

ވެކްސިން ޕްރޮގްރާމް ރަނގަޅަށް ކުރިއަށް ނުދާކަމަށް ވެސް އެ މައްސަލާގައި ވަނީ ބުނެފައެވެ. އަދި ކޮވި ޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދެވަނަ ޑޯޒް ނުޖެހި އެތައް ހާސްބަޔަކުތިބި ކަމަށް އެމައްސަލާގައި ވަނީ ބުނެފަ އެވެ.

"ކޯވިޑް 19އާއި ގުޅިގެން ބަލިމީހުންނަށް ފަރުވާ ދިނުމަށް އިތުރު ވަސީލަތްތައް ޤާއިމްކުރުމަށާއި އިތުރަށް ބޭނުންވާ އިންސާނީ އިތުރު ވަސީލަތް ހޯދައިދީ، އަދި އީޖާބީ މަސައްކަތްތައް ހަލުވިކޮށް، ހަރުދަނާ ފިޔަވަޅުތައް އަޅައި، ކޯވިޑް 19 މެނޭޖްކުރުމާއި ވެކްސިން ޖެހުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރެވޭނެ ގޮތްތަކަކަށް އިންތިޒާމް ކުރުމަށާއި، މިކަންކަން އަވަސްކުރުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މިމައްސަލަ ހުށައަޅަމެވެ." އެ މައްސަލާގައި ބުނެފަ ވެއެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތާމެދު ކަންބޮޑުވެ މެންބަރު އާދަމް ޝަރީފް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު، ރާއްޖޭގެ ކޯވިޑް ހާލަތު އޮތީ ނާޒުކް ފައްތަރެއްގައެވެ. އެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަށްވައި، ބޮޑު ހޭދައެއް ވެސް ކުރަށްވަމުންނެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

ވަސީލަތާއި މީހުންގެ ގޮތުން ވެސް ތަނަވަސް ގިނަ ގައުމުތަކެއް ވެސް މިބަލީގެ ޝިކާރައަށްވެ، ގޯސް ހާލަތުތައް ވަނީ ތަޖުރިބާ ކޮށްފަ އެވެ.

ރާއްޖެއިން މިބަލީގައި ވަނީ 111 މީހަކު ނިޔާވެފައެވެ. ރާއްޖެއިން މިހާތަނަށް 47،421 މީހަކު މިބަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ ތިބީ 18،221 މީހުންނެވެ. އަދި މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 268 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.