އުތުރު ތިލަފަޅު (ޔޫޓީއެފް)އާއި ގުޅޭ އެއްބަސްވުން ހާމަކުރުމަކީ އުފެދިފައިވާ ކަންބޮޑުވުމުގެ ހައްލުކަމަށާއި، އޭރުން ކަންބޮޑުވާކަށް ވެސް، މީހުންގެ ދަތްދޮޅިއާ ދިމާއަށް ދާކަށް ވެސް ނުޖެހޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީޖީ ލީޑަރު ކަންވެސް ކުރަށްވާ އާދަމް ޝަރީފް މިހެން ވިދާޅުވީ، އުތުރު ތިލަފަޅާއި ގުޅޭ އެއްބަސްވުމެއްކަމަށް ބުނެ ޑޮކިއުމަންޓްތަކެއް ލީކްކޮށްލި މައްސަލައާއި ގުޅިގެން އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އާދަމް ޝަރީފް ވިދާޅުވީ، އެއްބަސްވުމެއް ހަދައިގެން ވާހަކަ ދައްކާތީ ކަންބޮޑުވަނީ އެ އެއްބަސްވުމުގައި އޮންނަ ގޮތުން މި ޤައުމުގައި ބޭރުގެ އަސްކަރިއްޔާއަކުން ތިބޭނެ ކަމަށް ދޭހަވާތީ ކަމަށެވެ. އަދި ޔަގީންކުރަން ބޭނުންވަނީ، ބޭރުގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި ނުތިބޭނެކަން ކަމަށެވެ.

''ޚާއްޞަ ގޮތެއްގައި މި ފެސިލިޓީޒް ހިންގުމުގައި ބޭރުގެ ބަޔަކު ބައިވެރިނުވާނެކަން. އެ ކަންކަން ކަށަވަރުކުރީމާ އިއްޒަތްތެރި ރައީސް، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޒިންމާ އަދާކުރެވުނީ. އެނޫން ކޮންމެ ހާލަތެއްގައި އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން މި ވަންނަނީ ނުރައްކާ ގޮޅިއަކަށް. އަޅުގަނޑުމެން ދެއްކީމާ ކަންބޮޑުވާކަށްނުޖެހޭ. މި ވާހަކަތައް ދައްކަނީ، އަޅުގަނޑުމެން މި ޤައުމު ދެކެ ލޯބިވާތީ. އަޅުގަނޑުމެން މިތާ
ތިބި ކޮންމެ ބޭފުޅަކު ވެސް އަސްކަރިއްޔާ ތަރައްޤީކުރުމުގެ ވާހަކަ ދައްކާ ފަދައިން، މި ޤައުމަށް ސިޔާދަތީ ނުފޫޒެއް އެހެން ދިމާއަކުން އައިސްދާނެ ކަމަށް ބެލެވޭ ވާހަކަ ދެއްކުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކުރަންޖެހޭ ކަމެއް، ޤައުމު ދެކެ ލޯބިވާ ކޮންމެ މީހަކު މިކަމާ ދޭތެރޭގައި ކަންބޮޑުވާނެ.'' ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަމުގައި ޙައްލު ފެންނަން އެބަ އޮތް ކަމަށެވެ. އަދި އެއްބަސްވުން މަޖިލިސްގައި ތެރޭގައި ހާމަކޮށްލެވުނީމާ މައްސަލަ ޙައްލުވީ ކަމަށް އޭނާ ވިދާޅުވިއެވެ.

''އެއީ އަޅުގަނޑު ދެކޭ ގޮތުގައި މީގައި އަޅުގަނޑުމެންނަށް އޮތް ހައްލަކީ. އެ ހާމަކުރުމާ ހަމައިން އަޅުގަނޑު ހިތުން ދެން އޭރުން ކަންބޮޑުވާކަށް ވެސް ނުޖެހޭނެ. މީހުންގެ ދަތްދޮޅިއާ ދިމާއަށް ދާކަށް ވެސް ނުޖެހޭނެ.'' އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއާއި އިންޑިއާއަކީ ވަކި ކުރެވޭނެ ދެގައުމު ނޫންކަން ގަބޫލު ކުރަންޖެހޭނެ ކަމަށެވެ. އަދި އިންޑިއާއަށް ވުރެ ރާއްޖެއަކީ ''ތާރީޚީގޮތުން ދޮށީ ގައުމެއް'' ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާއާއި ގުޅިގެން ރާއްޖޭގައި މަސައްކަތްތަކެއް ކުރިނަމަވެސް، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރުމަށް އެންމެ އިސްކަންދޭންޖެހޭނެ ބަޔަކީ ދިވެހިން ކަމަށް އޭނާ ވިދާޅުވިއެވެ.