ހދ. މަކުނުދޫއަށް ކުޑަކުދިންގެ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރުން ހަމަޖެއްސުމާއި ގުޅޭގޮތުން ހެލްތު މިނިސްޓަރު ޢަބުދު ﷲ އަމީން ގެންދަވަނީ ދޮގު މަށްޗަށް ދޮގު ހައްދަވަމުން ކަމަށް މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރާޢީ ވިދާޅު ވެއްޖެއެވެ.
މެމްބަރު ރާޢީ މިހެން ވިދާޅުވީ ހުސްވި ޖުލައި މަހުގެ 27 ވަނަ ދުވަހު އޭނާ ކުރަށްވާފައިވާ ޓުވީޓެއް ހިއްސާ ކުރަށް ވަމުން ކުރެއްވި ޓުވީޓެއްގައި އެވެ.
ރާޢީ ވިދާޅުވީ މަކުނުދޫގައި ކުޑަކުދިންގެ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ބެހެއްޓުމަށް ރައީސް ޞާލިޙް ވެވަޑައިގަންނަވާ ފައިވާ ވަޢުދަށް މިނިސްޓަރު އަމީން އިހްތިރާމް ނުކުރަށްވާ ކަމަށެވެ.
" އެކަމުގައި ދޮގު މަށްޗަށް ދޮގު ހައްދަވަމުން ގެންދަވަނީ " މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި، އެމްޑީޕީގެ ޕީޖީ ލީޑަރު ޢަލީ އާޒިމާއި އަދި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒު ޓެގް ކުރަށްވާ ރާޢީ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ޖުލައި 27 ވަނަ ދުވަހު ރާޢީ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ ރައީސް ޞާލިޙް، މަކުނުދޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ސިއްޙީ ދާއިރާގެ ވައުދުފުޅު ފުއްދުމަށް މިނިސްޓަރު އަމީން މަސައްކަތްޕުޅު ނުކުރަވާކަން ފާހަގަ ކުރައްވާ ކަމަށެވެ.
އެހެންކަމުން "މިކަމުގައި މަޖިލިސް ގެ ތެރެއިން ދެން ކުރަން ޖެހުނު ކަމެއް ކުރާނަން" ކަމަށް ވިދާޅުވެ، ރާޢީ ވަނީ މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަވާނެކަމަށް ދޭހަވާ އިބާރާތަކުން ހިތްހަމަނުޖެހުން ފާޅުކުރައްވާފައިއެވެ.
ހދ. މަކުނުދޫއަށް އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދުފުޅު، ވެރިކަމަށް 1 އަހަރު ފުރިގެން ދިޔައިރުވެސް ތަންފީޒުކުރެވިފައި ނުވާތީ އެއީ ކީތްވެގެންތޯ އާއި އަދި އެކިއެކި ތާރީޚްތައް ދެއްވައި އަދިވެސް އެކަން ނުވެ ވަނީ ކީތްވެގެންތޯ ސުވާލުކުރެއްވުމަށް، ރާޢީ ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު މިނިސްޓަރު މަޖިލީހަށް ވެސް ހާޒިރުކޮށްފައެވެ.
މަކުނުދޫގެ ޞިއްޙީ ނިޒާމުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން، މިނިސްޓަރާއި ރާއީ އެދުވަހު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ އެރަށަށް ޑޮކްޓަރެއް ނުގެނެވިގެން އުޅެނީ ސިއްހީ މަރުކަޒުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށެވެ.
އެދުވަހު ރާޢީ ވަނީ މަކުނުދޫއަށް އެކްސްރޭ މެޝިން ފޮނުވުން އަވަސްކޮށްދެވުމަށާއި، މަކުނުދޫ ދާއިރާގެ ޞިއްޙީ ހާލަތު ބައްލަވާލެއްވުމަށް މިނިސްޓަރުގެ އަވަސް ދަތުރުފުޅެއް އެ ދާއިރާއަށް ކޮށްދެއްވުމަށް އެދިވަޑައިގެން ފައެވެ.
މިނިސްޓަރު އަމީން މަޖިލިސް ތަޅުމަށް ހާޒިރުކުރުމުގެ އިތުރުން މިސަރުކާރުގެ ވަޢުދުތައް އަދި އެޖެންޑާ19ގެ މެނިފެސްޓޯ އިން މަކުނުދޫއަށް ވެފައިވާ ވަޢުދުތައް ތަަންފީޒުކުރުމުގައި މިނިސްޓަރު އަމީން އިސްކަން ދެއްވާތޯ ވެސް އެތައް ފަހަރަކު ރާޢީ އަންނަނީ ސުވާލު އުފައްދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!