މިފަހަރުގެ ވޯލްޑް ކަޕްގައި ކޭޕް ވާޑްގެ ގައުމީ ޓީމާއެކު ތާރީޚީ ކާމިޔާބީތަކެއް ހޯދި އުމުރުން 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ، ޗިލީގެ ކޮލޯ ކޮލޯއާ ގުޅުމަށް އާދީއްތަ ދުވަހު އެގައުމަށް ގޮސްފިއެވެ.
އޭނާ ޗިލީއަށް މިދިޔައީ އޭނާގެ ޓްރާންސްފާއާ މެދު ސުވާލު އުފެދުނު އެތައް ދަތިތަކަކަށް ފަހުގައެވެ.
ސެންޓިއާގޯގެ އެއާޕޯޓަށް އޭނާ އައުމުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދުންމާރި އާއި ދިދަތަކާއެކު އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ޗިލީގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ކޮލޯ ކޮލޯއިން ވޮޒީނިއާ ސޮއިކުރިކަން ޖުލައި 24 ގައި އިއުލާން ކުރި ނަމަވެސް، ލިޔެކިޔުންތަކުގެ މައްސަލަތަކާއި އަމިއްލަ ސަބަބުތަކާ ހުރެ އޭނާ އައުން ތިން ފަހަރެއްގެ މަތިން ލަސްވިއެވެ.
ޗިލީއަށް ދިއުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ވޮޒީނިއާ ބުނީ ޗިލީގައި ހުރެވުމުން ވަރަށް އުފާވާ ކަމަށާއި، އޭނާގެ އިންތިޒާރުގައި ސަޕޯޓަރުން ބެހެއްޓި ކެތްތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
"އަހަރެން ވަރަށް އުފާވޭ މިތަނުގައި ހުރެވުމުން. މޮނިއުމެންޓަލް ސްޓޭޑިއަމްއިން ބައްދަލުވާނެ،" އޭނާ ބުންޏެވެ.
Locura en la llegada de Vozinha a Chile!!
El nuevo arquero de Colo Colo ya está en Santiago y mañana se someterá a los exámenes médicos. @Cooperativa pic.twitter.com/FeHZ1lI38C
— Rodrigo Gomez Flores (@rodrigogomezf) August 3, 2026
ވޯލްޑް ކަޕްގައި ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި އެއްވެސް ލަނޑެއް ވައްދާނުލައި ހިފެހެއްޓުމުން މަޝްހޫރުވި ވޮޒީނިއާ އަކީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. އޭނާގެ މި ކާމިޔާބީއާއެކު އޭނާގެ މަގުބޫލުކަން އިންތިހާއަށް އިތުރުވެ، އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 50،000 އިން 29.5 މިލިއަނަށް ވަނީ އަރާފައެވެ.
ޗިލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އޭނާގެ ޖާޒީގައި ޕޯޗުގީޒް ބަހުން "މާމަ" އަށް ނިސްބަތްވާ "ވޮޒީނިއާ" މި ނަން ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ގަވާއިދަށް ބަދަލު ގެނެސްފައެވެ. މިއީ އާންމުކޮށް ކުޅުންތެރިންގެ ފަހަތު ނަން ބޭނުންކުރަން ޖެހޭ ގަވާއިދަށް ގެނައި އިސްތިސްނާ ބަދަލެކެވެ.
ވޮޒީނިއާ ހޯމަ ދުވަހު މެޑިކަލް ޓެސްޓުތައް ފުރިހަމަކުރުމަށްފަހު ރަސްމީކޮށް ކޮންޓްރެކްޓްގައި ސޮއިކުރާނެއެވެ. ފުރަތަމަ މަރުހަލާގައި ހަ މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އިތުރު 12 މަހަށް އެއްބަސްވުން އާކުރުމުގެ ފުރުސަތު އޮންނާނެއެވެ. އޭނާ އަންގާރަ ދުވަހު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށް ކްލަބުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!