ފުޑް އެންޑް ބެވަރޭޖް (އެފް.އެންޑް.ބީ) ޝޯ 2026 ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ބިޒްނަސް އިން ހައިރައިޒް އާއެކު ސޮއިކޮށްފިއެވެ.

މިއީ ރާއްޖޭގެ ކާބޯތަކެތީގެ ސިނާއަތުގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތްކަމުގައިވާ ފުޑް އެންޑް ބެވަރޭޖް ޝޯގެ ނުވަ ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ 21 އިން 24 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ޝޯގައި މި ދާއިރާގެ އިސްވެރިންނާއި، ސަޕްލަޔަރުންނާއި، އަދި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.

Ad
rt

މި ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ ބިޒްނަސް އިން މުހިންމު ދައުރެއް އަދާކުރާނެއެވެ. އެގޮތުން ޑިޖިޓަލް ސޮލިއުޝަންތަކާއެކު މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ވިޔަފާރި ހިންގުމަށާއި، ކަސްޓަމަރުން އެންގޭޖްކޮށް، ވާދަވެރި މާކެޓެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތައް ކުރިއެރުވުމަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެގްޒިބިޝަންގައި އުރީދޫ ބިޒްނަސް އަށް ހާއްސަ ބޫތެއް ވެސް ހުންނާނެއެވެ. އުރީދޫ ބިޒްނަސް އިން ގެނެސްދޭ ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ އުފެއްދުންތެރިކަން އިތުރުކޮށް، ކަސްޓަމަރުންގެ ތަޖުރިބާ ފުޅާކޮށް، މުސްތަގުބަލަށް ތައްޔާރުވުމަށް އަމާޒުކޮށްގެން ވިޔަފާރިތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކެކެވެ.

އުރީދޫ ބިޒްނަސް އިން ވަނީ މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް އެ ކުންފުނީގެ ބޫތަށް ޒިޔާރަތްކޮށް، ވިޔަފާރިތަކަށް ހުރި ޑިޖިޓަލް ފުރުސަތުތަކާ ބެހޭ މައުލޫމާތު ހޯދުމަށް ދައުވަތު ދީފައެވެ.