އާންމު ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސް ޕލކ އިން ހުޅުވާލައިފިއެވެ.

މި މަގާމަށް އިންތިޚާބު ކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކުންފުނީގެ އަހަރީ އާންމު ޖަލްސާ (AGM) ގައެވެ.

Ad
rt

އުރީދޫއިން ވަނީ ބޯޑުގައި ޖެންޑަރ ޑައިވަރސިޓީ ހިމެނުމަށް ބާރުއަޅާފައެވެ. އެގޮތުން، ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަކީ ކުންފުނިން ވަރަށް ބޮޑަށް މަރުހަބާ ކިޔައި ހިތްވަރުދޭ ކަމެއް ކަމަށް އިއުލާނުކޮށްފައިވެއެވެ. ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމުތައް، ކުންފުނީގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީއިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެއެވެ.

ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކު ހިއްސާދާރުންނަށް އާންމުކޮށް އިއުލާނު ކުރާނެއެވެ. ކުންފުނީގެ ހިންގާ ގަވާއިދުގެ 102 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެ މަގާމުގައި ދެމިހުންނާނީ އިންތިޚާބުކުރެވޭ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ އާންމު ޖަލްސާގެ ނިމުމާ ހަމައަށެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ މާރިޗު މަހުގައި އިންތިޚާބުކުރާ ޑިރެކްޓަރުގެ ދައުރު ހަމަވާނީ 2028 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ ނިމުމުންނެވެ.

މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ލިބޭނެއެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 4 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އެވެ. ފޯމު ހުށަހަޅާނީ ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއަރޓަރސް (ގްރައުންޑް ފްލޯ) އަށެވެ. ނުވަތަ investor.relations@ooredoo.mv އަށް އީމެއިލްކުރެވިދާނެއެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

  1. އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށްވެ، އެފަރާތުގެ ނަމުގައި މަދުވެގެން 50 ހިއްސާ ހުރުން ނުވަތަ ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާ ފަރާތެއްނަމަ، އެ ގާނޫނީ ޝަޚްސުގެ ނަމުގައި މަދުވެގެން 50 ހިއްސާ ހުރުން (ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާނަމަ ބޯޑުގެ ޤަރާރު ހުށަހަޅަންވާނެ).
  2. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ކުރިން މަދުވެގެން 3 (ތިނެއް) މަސް ދުވަސް ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ފަރާތެއްކަމުގައިވުން.
  3. ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2023/7) އަދި މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން އާންމުކޮށްފައިވާ "ކޯޕަރަޓް ގަވަރނަންސް ކޯޑް" ("ސީ.ޖީ. ކޯޑް") ގައި ބަޔާންކުރެވިފައިވާ ފެންވަރުތަކާއި ޝަރުތުތައް (އިންޑިޕެންޑެންޓް ޑިރެކްޓަރުގެ ޝަރުތު ހިމެނޭގޮތަށް) ހަމަވާ ފަރާތެއް ކަމުގައި ވުން.
  4. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނި ތަކުގެ ބޯޑު ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން.
  5. ބައިނަލްއަޤްވާމީގޮތުން ބަލައިގަންނަ ޔުނިވަރސިޓީ އަކުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  6. ދިވެހިރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓަރގައި، އިސް މަގާމެއްގައި މަދުވެގެން 10 (ދިހަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  7. މަދުވެގެން 1 (އެކެއް) އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ޚިދުމަތުގެ ރިކޯޑު ފެންނަން އޮތުން.
  8. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، 2 (ދޭއް) ލިސްޓެޑް ކުންފުންޏަށްވުރެ ގިނަ ކުންފުނީގައި ބޯޑު ޑިރެކްޓަރުގެ މަގާމު މިވަގުތު އަދާކުރަމުންދާ ފަރާތަކަށް ނުވުން.
  9. އުރީދޫ މޯލްޑިވްސްގެ ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން. ނަމަވެސް މި ފަދަ މަގާމެއްގައި ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއަކާއެކު މަސައްކަތްކޮށްފައިވާ ނަމަ، އެ މަގާމުން ވަކިވެފައިވާތާ މަދުވެގެން 12 (ބާރަ) މަސް ދުވަސްވުން.
  10. އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއެއްގެ މުވައްޒަފެއްގެ ގޮތުގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތަކަށް ނުވުން.
  11. އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއެއްގެ މުވައްޒަފެއްގެ ގޮތުގައި ފާއިތުވީ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން.
  12. އާއިލާ (ކައިވެނިކޮށްގެން އުޅޭ ފަރާތް އަދި ދަރިން) ގައި ހިމެނޭ އެއްވެސް ފަރާތެއް އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރއެއްގެ ވަޒީފާ މިވަގުތު އަދާކުރަމުން ނުދިއުން.
  13. އެއްވެސް ކަހަލަ ކޮންފްލިކްޓް އޮފް އިންޓަރެސްޓެއް ނެތުން. އަދި ކަންކަމުގައި އިންޑިޕެންޑެންޓް އަދި އިމްޕާޝަލް ނިންމުންތައް ނިންމުމުގެ ގާބިލުކަން ހުރި ފަރާތަކަށްވުން.
  14. އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީގެ ނަޒަރުގައި، ބޯޑު ޑިރެކްޓަރެއްގެ މަގާމު ފުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތަކަށް ވުން. މީގެ ތެރޭގައި ތިރީގައިވާ ބަޔާންކުރެވިފައިވާ ކަންކަން ހިމެނޭނެ.

ހ) ފަންނީ ގޮތުންނާއި އަމިއްލަ ހައިޞިއްޔަތުން ކުރާ މުޢާމަލާތްތައް ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ކުރާ ފަރާތަކަށްވުން.

ށ) އެކަށީގެންވާ ނިންމުންތައް ނިންމުމުގެ ހިކުމަތްތެރިކަމާއި ގާބިލުކަން ހުރުން.

ނ) މާލީ ރިޕޯޓުތަކާއި އެހެނިހެން ރިޕޯޓުތައް ކިޔައި ދޭހަވުމުގެ ގާބިލުކަން ހުރުން.

ރ) ކުންފުނި ހިންގުމާއި ބެލެހެއްޓުމުގައި އެކަށީގެންވާ ގޮތެއްގައި އެހީތެރިވެދެވޭނެ ފަރާތަކަށްވުން. މިގޮތުން ވިޔަފާރީގެ ދާއިރާގައި ހޯދާފައިވާ ތަޖުރިބާއާއި ހާސިލުކޮށްފައިވާ ނަތީޖާ/ކުރިއެރުންތަކުގެ ރިކޯޑު ފެންނަން އޮތުން.

ބ) އެހެނިހެން ފަރާތްތަކާއެކު މަސައްކަތްކުރުމުގައި ޒިންމާދާރުކަމާއި ހަރުދަނާކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ހުރުން.

ޅ) ކުންފުނީގެ ހިންގުމުގެ ސްޓެންޑަރޑް މަތީ ފެންވަރެއްގައި ހިފަހައްޓައި ހާސިލުކުރުމަށްޓަކައި ކުންފުނީގެ މުވައްޒަފުންނާ މުޢާމަލާތްކޮށް މަޝްވަރާކުރުމުގެ ގާބިލުކަން ހުރުން.

ކ) ތަފާތު އެކި ދާއިރާތަކުގެ ހުނަރުވެރިކަމާއި ތަޖުރިބާގެ ރިކޯޑު ފެންނަން އޮތުމާއެކު ކުންފުނީގެ ކުރިމަގާމެދު ސްޓްރެޓީޖިކްކޮށް މުސްތަޤްބަލަށް ވިސްނުން ބެހެއްޓުމުގެ ގާބިލުކަން ހުރުން.