ގާތްގަނޑަކަށް މިވީ ދެ އަހަރު ދުވަހަކީ، ފަލަސްތީނުގެ ތާރީޙުގައިވެސް ޔަހޫދީންގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔައްތުކަން ހައްދެއް ނެތް މިންވަރަށް އިތުރުވެގެން ދިޔަ ކަޅު ދުވަސްތަކެކެވެ. ޣައްޒާވަނީ ރުއިމާއި ބޮޑުމުގެ އަޑުން ގުގުމާލާފަ އެވެ. ދުމާއި ހިރަފުހުގެ ތެރެއިން އެހީތެރިކަމުގެ އަތަކަށް އެދި ގޮވާ އާދޭސްތަކަށް އަލި މަގެއް ފެންނާނެ ކަމުގެ އުންމީދުގައި ތިއްބައި އެތަކެއް އާއިލާތަކެއް ބިކަވެއްޖެ އަނެއް ބަޔަކު ޝަހީދުވެ ދުނިޔެ ދޫކޮށް ގޮސްފި އެވެ.
އެއްގަމުން ވަށައިލެވި، ވައިގެމަގުތައް ބަންދުކުރެވި، އަދި ކަނޑުން އެތެރެވެވޭނެ ގޮތާއި ބޭރު ވެވޭނު ހުރިހާ ގޮތެއް ބަންދުކުރެވިފައިވާ މި ސަރަޙައްދަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު "އޯޕަން ޕްރިޒަން" އެވެ. ދުނިޔޭގެ ކެމެރާތަކުގެ ކުރިމަތީގައި ކުޑަކުދިން ބަނޑުހައިހޫނުކަމުން މަރުވަމުންދާއިރު، ތެޔޮ ނެތުމުގެ ސަބަބުން ހޮސްޕިޓަލްތަކާއި ޒަރޫރީ ހުރިހާ ޚިދުމަތެއް ހުއްޓުމަކަށް އައިސްފައިވެއެވެ. އެހީއެއް އެހީތެރިކަމުގެ އަދެއް ދިއްކޮށްލާނެ އެއްވެސް ފަރާތަކަށް އެއްވެސް ކަމެއް ނުކުރެވި ދުނިޔެ އޮތީ ނުކުޅެދިފައެވެ.
ޒަޔަނިސްޓު އިޒްރޭލުގެ ހަނގުރާމައިގެ މެޝިނަރީއަށް ފައިސާ ދީ، ހަތިޔާރު ފޯރުކޮށްދީ، އަދި ރިޒޮލިއުޝަންތަކަށް ވީޓޯ ކުރުމުގެ އަޑީގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ވާގިވެރިޔަކީ ދުނިޔޭގެ މިވަގުތު އޮތް އެންމެ ނުފޫޒުގަދަ އަދި ސުޕަރޕަވަރ ކަމަށް ދައުވާކުރާ އެމެރިކާއެވެ. މިސަބަބާއި ހުރެ، މި ހިޞާރު ހުއްޓުވުމަށް އެއްވެސް ބައިނަލްއަޤްވާމީ އިދާރާއަކަށް ނުވަތަ ދުނިޔޭގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ބާރަކަށް ނުވަދެވެއެވެ. ޔަހޫދީންގެ ދަށުވެފައިވާ އެމެރިކާގެ ނުފޫޒުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާއި ޖެހުމުން "ސުލްހަ ގާއިމްކުރުމާއި އަމަން ބެލެހެއްޓުމުގެ ތާކިހާ ތުރުކޮށްގެން ތިބި" އެހުރިހާ ބާރެއްވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައެވެ.
މި ހުރިހާ ބާރަކާއި ނުފޫޒަކާއި ދެކޮޅަށް އެންމެ ބާރުގަދަ އަޑެއްގެ ގޮތުގައި އުފުލެމުން އަންނަނީ ރައްޔިތުންގެ އަޑެވެ. މިއަޑުތަކުގެ ސަބަބުން ޔޫރަޕާއި ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން އެމެރިކާއާއި އިޒްރޭލާއި ދެކޮޅަށް ތެދުވެ ބަސްބުނާން ފެށިއެވެ. ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަންނަ ގައުމުތައް އިތުރުވާންފެށީ އެގައުމުތަކުގެ ރައްޔިތުން ނިކުމެ ކުރި މުޒާހަރާތަކާއި ހިންގި ހަރަކާތްތަކުގެ ސަބަބުންނެވެ. އެގޮތުން މިހާރު ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ "ފްރީޑަމް ޓު ގުލޯބަލް ސުމޫޑް، ފްލޯޓިލާ ފޯ ޣައްޒާ" އެވެ.
2025 ވަނަ އަހަރުގެ ޖޫން މަހު، މަޑްލީން ނަމަކަށް ކިޔާ އުޅަނދެއްގައި ކުޑަކުދިންގެ ކާނާ، ފުށް، ހަނޑޫ، ޑައިޕަރ އަދި މުހިންމު ބޭސްތައް ހިފައިގެން ސިސިލީން ފުރީ ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ ދަށުންނެވެ. ނަމަވެސް ބައިނަލްއަޤްވާމީ ކަނޑުގައި އިޒްރޭލުގެ ބާރުތަކުން އެ އުޅަނދު ހުއްޓުވައި، އޭގައި ހުރި މުދާ އަތުލައި، ފަޅުވެރިން ހައްޔަރުކޮށް، އެއްވެސް އެހީއެއް ޣައްޒާއަށް ވަނުމުގެ ކުރިން އެ މިޝަން ނިމުމަކަށް ގެނެވުނެވެ. މީގެ ފަހުން އައި ހުރިހާ މިޝަންތަކަށްވެސް ވީ މިގޮތެވެ.
ޣައްޒާގެ ޖިއޮގްރަފީއަށް ބަލާއިރު މި މަސައްކަތްތަކުގެ މުހިންމުކަން އިތުރަށް ފާހަގަކުރެވެއެވެ. މެޑިޓެރޭނިއަން ކަނޑާ ގުޅިފައިވާ 40 ކިލޯމީޓަރުގެ ޣައްޒާގެ ކަނޑުގެ ސަރަޙައްދަކީ، ވިޔަފާރިއާއި، ދަތުރުފަތުރާއި، ދުނިޔެއާ ގުޅުން ބޭއްވުމަށް އޮތް ޤުދުރަތީ މަގު ކަމުގައި ވާންޖެހެއެވެ. އެހެންނަމަވެސް އިޒްރޭލުން އެމެރިކާގެ އެހީގައި މި ސަރަޙައްދު ބޭނުންކުރަނީ ގޭސް ނެގުމާއި ބަނދަރުތަކުގެ ކޮންޓްރޯލް ހޯދައި، ފަލަސްޠީނުގެ ކަނޑު އިޤްތިޞާދީ ބާރަކަށް ހެދުމަށެވެ. މިއީ އެހީގެ އުޅަނދުފަހަރުގެ މުހިންމުކަން އިތުރުވާ ސަބަބެވެ. އެއީ ހަމައެކަނި އުޅަނދުފަހަރެއް ނޫނެވެ. އެއީ ކަނޑަކީ އަޅުވެރިކޮށްގެން އުޅޭ ޔަހޫދީންގެ ހައްގެއް ނޫންކަމާއި، އިންސާނިއްޔަތުކަމަށް ނިސްބަތްވާ އެއްޗެއްކަން ދައްކުވައިދޭ ދަލީލެވެ.
އެހީގެ ފްލޮޓިލާތަކަކީ މިއަދު ފެށުނު ކަމެއް ނޫނެވެ. މީގެ ތާރީޚު ފެށެނީ 2008 ވަނަ އަހަރުންނެވެ. އެއީ ފްރީ ޣައްޒާ މޫވްމަންޓުން "ފްރީ ޣައްޒާ" އާއި "ލިބަރޓީ" ފަދަ އުޅަނދުތައް ބްލޮކޭޑް ކުރެވިފައިވާ ސަރަހައްދަށް ވައްދައި، ސިއްހީ އެހީ އާއި އެކްޓިވިސްޓުން ގެންދިޔަ ދަތުރުތަކެވެ. މި ކުދި ދަތުރުތަކުން ސާބިތުކޮށްދިނީ ބަންދު ކުރެވިފައިވާ ސަރަހައްދަށް އެހީގެ އުޅަނދުތަކަށް ވަދެވޭނެކަމެވެ. 2010 ގައި މާވީ މަރްމަރާ އުޅަނދަށް ބައިނަލްއަޤްވާމީ ކަނޑުގައި އިސްރާއީލީ ކޮމާންޑޯއިން އަރައި 9 އެކްޓިވިސްޓުން މެރި ހާދިސާއިން ދައްކުވައިދިނީ އިސްރާއީލުން އެމީހުންގެ އަޅުވެތިކަން ދެމެހެއްޓުމަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްްފާނެކަމެވެ. އޭގެ ފަހުން ރޭޗަލް ކޮރީ އާއި 2016 ގެ ވިމެންސް ބޯޓް ޣައްޒާ، އަދި 2018 ގެ ފްރީޑަމް ފްލޮޓިލާ ފަދަ ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އެއިން އެއްވެސް ދަތުރެއް ކާމިޔާބެއް ނުވިއެވެ. އެހެންނަމަވެސް ކޮންމެ ދަތުރަކުންވެސް ދެއްކީ ދެކޮޅުވެރިކަމުގެ ރޫހެވެ. އަނިޔާވެރިކަމަށް ބޯނުލަނބާނެކަމުގެ ހިތްވަރެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި އިދާރާތައް ނިދާފައި ނުފެންނަކަމަށް ހަދައިގެން ތިއްބަސް އެކްޓިވިސްޓުން ނުތިބޭނެކަމެވެ.
Global Sumud Flotilla is nearing Gaza! For added security, live streams from the boats’ cameras are now running. pic.twitter.com/aaPnXL2RPR
— Global Sumud Flotilla Commentary (@GlobalSumudF) September 30, 2025
މިގޮތުން މިހާރު ފެށިގެން ކުރިއަށްދާ ޣައްޒާ އާއި ދާދިގާތުގައިވާ "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަކީ އާދައިގެ ދަތުރެއް ނޫނެވެ. ކަނޑުމަގުން ދައްކަމުން އަންނަ އެއްބައިވަންތަކަމުގެ އިންސާނިއްޔަތާއި އަނިޔާވެރިކަމާއި ދެކޮޅަށް ކުރަމުން އަންނަ ދިގު ތާރީޚެއްގެ އާ ބާބެކެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާގެ ޚާއްޞަ މުހިންމުކަމަކީ އޭގެ ސަބަބުން ކުރަމުންއަންނަ ޑިޕްލޮމެޓިކް އަސަރެވެ. 45 އަށްވުރެ ގިނަ އުޅަނދު، ތަފާތު ގައުމުތަކުން، އެކްޓިވިސްޓުންނާއި، ސިޔާސީ ވެރިންނާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިސްވެރިންނާއި، ގްރެޓާ ތުންބަރގް ފަދަ މަޝްހޫރު ޝަޚްޞިއްޔަތުތައް އެއް މަޤްޞަދެއްގައި ބައިވެރިވެފައިވެއެވެ. އިސްރާއީލާއި އެގައުމުގެ ބައިވެރިންގެ ފިއްތުންތަކާ ދެކޮޅަށް، ސްޕެއިނާއި އިޓަލީން ފްލޮޓިލާ އާއި އެކު ދަތުރުކޮށް ރައްކާތެރިކަން ދިނުމަށް މަނަވަރުތައް ފޮނުވާފައިވެއެވެ. މިއީ ފުރަތަމަ ފަހަރަށް ޣައްޒާއަށް ދާ ކަނޑުމަގުގެ މިފަދަ ބޮޑު މިޝަން އެވެ. ހަމައެކަނި އެންޖީއޯތަކާއި އެކްޓިވިސްޓުންގެ ރަމްޒީ ޢަމަލެއްގެ ބަދަލުގައި، ވިލަރެސްކުރެވިފައިވާ ބައިނަލްއަޤްވާމީ ބޮޑު ހަރަކާތެކެވެ.
Greta Thunberg told CNN she’s joining the flotilla to deliver food and baby formula to Gaza, despite Israeli threats to stop the aid.
— @CNN pic.twitter.com/Rx6xiJRMZ8
— Global Sumud Flotilla Commentary (@GlobalSumudF) September 30, 2025
ފްލޮޓިލާތަކުގެ ޙަޤީޤީ ބާރަކީ އެއީ ހަމައެކަނި އެހީ ގެންދާ އުޅަނދުތަކެއް ކަމުގައި ނުވެ، ސިޔާސީ ވަރުގަދަ މެސެޖެއް އުފުލާ އުޅަނދުތަކަކަށް ވުމެވެ. މިކަމުން އިސްރާއީލް އޮތީ ބަނޑުކައްކާ މޭ ނުބައިކުރާ ހާލަތެއްގައި ސައިވެފައެވެ. ހަތަރުއނގޮޅި ކަންމަތީގައި ދެން ހަދާނޭގޮތެއް ނޭންގި ފައެވެ. ފްލޮޓިލާތައް ވައްދަން ހުއްދަދިނުމަކީ ބްލޮކޭޑްގެ ނުޙައްޤުކަން ޤަބޫލުކުރުމެވެ. އަދި މި އުޅަނދުތަކާއި ދެކޮޅަށް އަނިޔާވެރިކަން އިސްކޮށް ހަތިޔާރުގެ ބޭނުންކޮށްގެން ހުއްޓުވުމަކީ އެމީހުންގެ އަނިޔާވެރިކަން ދުނިޔެއަށް އިތުރަށް ފަލީހަތްވެ ހާމަވެގެންދާނެކަމެކެވެ. ދެގޮތުންކުރެ ކޮންމެ ގޮތެއްގައިވެސް، ފްލޮޓިލާތަކުން އިސްރާއީލްގެ ޑިޕްލޮމެޓިކް މަޤާމު އިތުރަށް ނިކަމެތިކޮށް، އެގައުމުގެ ބައިވެރިންގެ އަޚްލާޤީ ދަށް ފެންވަރު ފާޅުކޮށްދެއެވެ. ގްލޯބަލް ސުމޫދު މަސައްކަތުގައި ގިނަ ގައުމުތަކުގެ ބައިވެރިވުމުން ދައްކުވައިދެނީ ބްލޮކޭޑް ދެމެހެއްޓުމުގެ އެއްބަސްވުން ނެތިގެން ދާކަމެވެ.
ޣައްޒާގެ ރައްޔިތުންނަށް މިވަގުތު ބޭނުންވަނީ ހަމައެކަނި ނަމެއްގައި ކުއްވެރިކުރުމެއް ނޫނެވެ. އެމީހުންނަށް ކާނާއާއި، ބޯފެނާއި، ބޭސްފަރުވާއާއި، ކަރަންޓާއި، ބޮންއެޅުމުން ރައްކާތެރިކަން ބޭނުންވެއެވެ. އެމީހުންގެ ސަރަޙައްދު ހުޅުވާލެވިފައިވާ ޖަލަކަށް ހަދާފައިވާ ބްލޮކޭޑުން މިނިވަންވާން ޖެހެއެވެ. ފްލޮޓިލާތަކުން މި ބޭނުންތައް ފާހަގަކުރި ނަމަވެސް، އެކަންކަން ދާއިމީކޮށް ހައްލެއް ނުކުރެވޭނެއެވެ. އިސްރާއީލު ޖަވާބުދާރީ ކުރުވުމަށާއި އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ނިޒާމު ނާކާމިޔާބުވެފައިވާކަން މިއިން ދައްކުވައިދިނުމަކީވެސް ވަރަށް ބޮޑު ކަމެކެވެ.
އިސްރާއީލުން އެހީ ހުއްޓުވައި، އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދިނުން ކުރިއަށް ގެންދާނަމަ، އިތުރު ނަސްލު ހަލާކުކުރުން ހުއްޓުވުމަށް ހަމައެކަނި އިހުތިޖާޖުކުރުމުގެ ބަދަލުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުން އަސްކަރީ ގޮތުން ނަމަވެސް މެދުވެރިވާން ޖެހެއެވެ.
Life aboard the flotilla is built on small acts of care — sharing coffee, offering a coat, translating a voice. There are 500+ people from 40+ countries, united by one language: answering Palestine’s call. Fear is met with songs, stories, and collective courage. Here, they are… pic.twitter.com/TGYs5esaF1
— Global Sumud Flotilla Commentary (@GlobalSumudF) September 30, 2025
ޣައްޒާގެ ފްލޮޓިލާތަކުގެ ތާރީޚުން އަޅުގަނޑުމެންނަށް ދަސްވަނީ، އުޅަނދުފަހަރު މެދުވެރިކޮށް، ގާފިލާތައް މެދުވެރިކޮށް، އަދި ކެތްތެރިކަމާއެކު ދިރިހުރުމުގެ ޢަމަލުތައް މެދުވެރިކޮށް ނަމަވެސް، އިދިކޮޅު މަސައްކަތްތައް ކުރިއަށްދާނެކަމެވެ. ކުދި ފްރީ ޣައްޒާ އުޅަނދުފަހަރުން ފެށިގެން ބޮޑެތި ގްލޯބަލް ސުމޫދު ފްލޮޓިލާއާ ހަމައަށް، މިއީ ބާރުގަދަ ބާރުތަކާ ކުރިމަތިލައިގެން ދެމިތިބުމުގެ ވާހަކައެކެވެ. އިސްރާއީލުގެ ހަނގުރާމަ އުޅަނދުފަހަރާއި ޑްރޯންތަކާ އަޅާބަލާއިރު ކުދި އަދި ބަލިކަށި އުޅަނދުފަހަރުން އިންސާނިއްޔަތުކަމުގެ ހިތްވަރު ދައްކުވައިދެއެވެ.
ޣައްޒާގެ ހިސާރު ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ފްލޮޓީލާ މޫވްމަންޓްގެ ޔޮޓްތައް، އިސްރާއީލުން ދިން އިންޒާރުތަކަށް ނުބަލައި، މިހާރުވަނީ ޔެލޯ ލައިން ހުރަސްކޮށްފައެވެ. މީގެ ކުރިން އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ މި ޔޮޓްތަކަށް ޑްރޯން ފޮނުވައި ހަމަލާދީ، މުއާސަލާތީ ހިދުމަތްތައް ކަނޑާލަން މަސައްކަތްކޮށް، އެ ސަރަހައްދަށް ނުވަނުމަށް އިންޒާރުދީފައެވެ. ނަމަވެސް ފްލޮޓީލާގެ ބައިވެރިން ބުނެފައިވަނީ، ޣައްޒާގެ ރައްޔިތުންގެ ހިސާރު ނައްތާލުން މާ މުހިންމު ކަމަށާއި، ދަތުރު ކުރިއަށް ގެންދާނެ ކަމަށެވެ.
ފްލޮޓީލާ މޫވްމަންޓުން ބުނާ ގޮތުގައި، އަންނަ ބްރާސްފަތި ހިސާބުގައި ރެޑް ލައިން ހުރަސްކުރެވޭނެއެވެ. މި ހަރަކާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންވެސް ވަނީ ޔޮޓްތައް ޔެލޯލައިން ހުރަސްކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.
ޣައްޒާއަށް އެހީގެ ބޯޓުފަހަރު ފޮނުވުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ވަރަށް މުހިންމު ޑިޕްލޮމެޓިކް އަދި ތާރީޚީ މާނައެއް އޮތް ކަމެކެވެ. މި މަސައްކަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްވެ، އިންސާނިއްޔަތަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ. މިމަސައްކަތުގައި ދިވެހި ދަރިއެއްކަމުގައިވާ އިބްރާހިމް ސާޒް ބައިވެރިވާކަމީ ދިވެއްސެއްގެ ހައިސިއްޔަތުން އުފާކުރާކަމެކެވެ.
މި އެހީގެ ބޯޓުފަހަރުތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ހާލަތަށް ދުނިޔޭގެ ސަމާލުކަން ހޯދައި، އެ ރައްޔިތުންނަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ވަނީ ލިބިފައެވެ. މިއީ ހަމައެކަނި އެހީގެ ގޮތުގައި ނޫން، ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު މަސައްކަތެކެވެ.
މި މަސައްކަތުގެ ތެރެއިން ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން އިތުރުވެގެންދެއެވެ. މިއީ ހަމައެކަނި އެހީގެ ބޯޓުފަހަރެއް ނޫނެވެ. މިއީ އިންސާނިއްޔަތާއި އަނިޔާވެރިކަން ނިންމަން ގޮވާލާ އަޑެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!