ޕްލާސްޓަރ ބެގްވޯމް ނުވަތަ ސައިންޓިފިކް ނަމުން ފެރިއޯކާ ޕްރީކޮކްސްއަކީ ގޭގެ ތެރޭގައި އާންމުކޮށް ފެންނަ ކުޑަ ފަނިފަކުސާއެކެވެ. މި ފަނިފަކުސާ ނިސްބަތްވަނީ ޓިނީޑޭ އާއިލާއަށެވެ. މިއީ ހައުސްހޯލްޑް ކޭސްބެއަރަރ ނުވަތަ ކޭސް-ބެއަރިންގ ކްލޯތްސް މޯތް ގެ ނަމުންވެސް މަޝްހޫރު ފަނިފަކުސާއެކެވެ.

މި ފަނިފަކުސާ އާންމުކޮށް ފެންނަނީ ހުޅަނގު އެފްރިކާ އަދި އޮސްޓްރޭލިއާއިންނެވެ. އަދި އެމެރިކާގެ ކެލިފޯނިއާގައިވެސް މި ފަނިފަކުސާ ވަރަށް އާންމެވެ. މިއީ ގޭގެ ތެރޭގައި އުޅޭ ފަނިފަކުސާއަކަށްވުމާއެކު، ދުނިޔޭގެ ގިނަ ހިސާބުތަކުގައި މި ފަނިފަކުސާ ފެނެއެވެ. މިފަހަކަށް އައިސް މާލެ އާއި ރާއްޖޭގެ ގިނަ ރަށްރަށުންވެސް މި ފަނިފަކުސާ ފެންނަ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

Ad
rt

ޕްލާސްޓަރ ބެގްވޯމްގެ ލާވާ އާންމުކޮށް ކާނީ މަރުވެފައި ހުންނަ ފަނިފަކުސާގެ ބައިތަކާއި، މަކުނުވާ، ދޫނީގެ ފަތްތަކާއި، އިންސާނުންނާއި ޖަނަވާރުންގެ އިސްތަށިތަކެވެ. މި ފަނިފަކުސާގެ ކެއުމުގެ އާދަތަކުގެ ސަބަބުން، މިއީ ގޭގެ ތެރެއަށާއި، ގުދަން އަދި ފިހާރަ އޮފީސް ފަދަ ތަންތަނުގައި އާލާވާ ފަނިފަކުސާއަކަށް ވެފައިވެއެވެ. މި ފަނިތައް އާންމުކޮށް ފެންނަނީ ތެތް، ހިރަފުސް ގިނަ، އަދި އަނދިރި ތަންތަނުންނެވެ. މިސާލަކަށް އަލަމާރިތަކާއި، ބޭސްމަންޓްތަކާއި، ފަރުނީޗަރު ދަށުގައާއި، ސީލިންގގެ މަތިންނެވެ. މި ފަނިތައް ގިނަވުމުގެ މައިގަނޑު ސަބަބަކީ އެތަނެއްގައި އެއަށް ކާނެ ތަކެތި (ހިރަފުސް، މަކުނުވާ، ފޮތި) ގިނަވެ ނުތާހިރު ވުމުންނެވެ.

ފަނިފަކުސާ ބޮޑެތިވުމުން އުދުހޭ ސުއިޕަކަށް ބަދަލުވެއެވެ. ބޮޑެތި ވުމުން ފިޔަގަނޑުގެ ދިގުމިނަކީ 12 މިލިމީޓަރެވެ. ފިޔަތަކުގެ ކައިރީގައި ދިގު، އިސްތަށިތަކެއް ހުރެއެވެ. އަންހެން ފަނިފަކުސާ ފިރިހެން ފަނިފަކުސާއަށްވުރެ ބޮޑެވެ.

އަންހެން ފަނިފަކުސާ އެއް 200 ބިސް އަޅާކަމަށް ވެއެވެ. ބިސްތައް އަޅާނީ ލާވާއަށް ކާނާ ލިބޭނެ ތަންތަނުގައެވެ. ލާވާ ވަގުތުން ސިލްކުން ކޭސްއެއް ހަދައި، ކާނާ ހޯދުމަށް ވަރަށް ހަރަކާތްތެރިވެ އުޅެއެވެ. ބިސް އަޅާ ހިސާބުން ފެށިގެން ބޮޑު ފަނިފަކުސާއަކަށް ވުމަށް ގާތްގަނޑަކަށް 2.5 މަސްދުވަސް ނަގާނެއެވެ.

ޕްލާސްޓަރ ބެގްވޯމް އަކީ ނުރައްކާތެރި އެއްޗެއްތަ؟

ޕްލާސްޓަރ ބެގްވޯމް އަކީ އިންސާނުންނަށާއި ޖަނަވާރުތަކަށް ގެއްލުން ދެނިވި ފަނިފަކުސާ އެއް ނޫނެވެ. މި ފަނިތަކަކީ ކަށި ޖަހާ ނުވަތަ ވިހައެއްވެސް ހުންނަ އެއްޗެއް ނޫނެވެ. އެއްވެސް ބައްޔެއް ނުވަތަ ޖަރާސީމެއް ފެތުރުމުގައި މި ފަނިތަކުގެ ދައުރެއް ނޯވެއެވެ. ނަމަވެސް ބައެއް މީހުން މިފަނި ޖެހުމުހުން ހިރުވާ ކަމަށް ބުނެއެވެ.

ގޭތެރޭގައި މި ފަނިތައް ގިނަވެއްޖެނަމަ، ހެދުންތަކަށާއި، ކާޕެޓްތަކަށާއި، ދޮރުފޮތިގަނޑު އަދި ރައްކާކޮށްފައި ހުންނަ ފޮތިތަކަށް ގެއްލުން ލިބޭނެއެވެ. ފާރުގެ އެކި ތަންތަނުގައި ހަރުކޮށްފައި މިފަނިތައް ހުންނައިރު އެހާ ސާފުތާހިރުކަމަކަށް ނުފެނެއެވެ.

ކޮންޓްރޯލް ކުރުމާއި ރައްކާތެރިވުން

މި ފަނިފަކުސާ ކޮންޓްރޯލް ކުރުމަށްޓަކައި، އެންމެ މުހިންމު ކަމަކީ އެ އުޅޭ ތަންތަން ދެނެގަތުމެވެ. ލާވާ އާންމުކޮށް އުޅެނީ ރައްކާތެރި ތަންތަނުގައި ކަމަށްވުމާއެކު، އިންސެކްޓިސައިޑް ސީދާ އެއަށް ނުފޯރާނެއެވެ. އެހެންކަމުން، އެ އުޅޭ ތަންތަން ހޯދައި، އެ ތަކެތި ނައްތާލުން ނުވަތަ ފަރުވާ ދިނުން މުހިންމެވެ. އަދި ވެކިއުމް ކުރުމަކީވެސް މި ފަނިފަކުސާ ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވިދާނެ ގޮތެކެވެ.

މި ފަނިތަކުން ސަލާމަތްވުމަށް އެންމެ މުހިންމު ކަމަކީ ގަވާއިދުން ވެކިއުމްކޮށް ސާފު ކުރުމެވެ. ޚާއްޞަކޮށް ކަންކަނާއި އަލަމާރިތައް ވެކިއުމް ކުރަންވާނެއެވެ. މަކުނުވާތައް ނައްތާލުމާއި، ހެދުންތައް ވައި ނުވަންނަ ގޮތަށް ރައްކާކުރުމާއި، ގޭތެރޭގެ ތެތްކަން ކުޑަކުރުމަށް ވައި ދައުރުވާގޮތަށް ބެހެއްޓުމާއި ޑީހިއުމިޑިފަޔަރ ބޭނުންކުރުމަކީ މުހިންމު ކަންކަމެވެ.

ޕްލާސްޓަރ ބެގްވޯމްއަކީ ޞިއްޙަތަށް ނުރައްކާތެރި ފަނިއެއް ނޫނެވެ. ނަމަވެސް ގޭތެރޭގައި އުނދަގޫވެ، ގޭގައި ބޭނުންކުރާ ފޮތިތަކަށް ގެއްލުން ދެނިވި ފަންޏެކެވެ. އެހެންކަމުން މި ފަނިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.