ފަތުރުވެރިކަމުގެ ދާއިރާއިން އެއް އަހަރު ތެރޭގައި މި ސަރުކާރަށް ހާސިލް ކުރެވުނު ކަންކަން ފާހަގަ ކުރުމުގެ ގޮތުން މިދިޔަ އަންގާރަ ދުވަހުގެރޭ ސަރުކާރުން ބޭއްވި " ބުރަބި " ހަފްލާ ހުށަހަޅާ ދެއްވީ ބްރޯޑްކޮމްގެ މިހާރުގެ ރައީސާ މަރްޔަމް ވަހީދާ އެވެ.

ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޓާ އަދި ފަހަކަށް އައިސް ގިނަ ހަފްލާތައް ހުށަހަޅުއްވާ ދެއްވާ މަރީ މިނިވަން މުއައްސަސާއަކަށް އައްޔަން ވުމަށް ފަހު ވެސް ސަރުކާރުގެ އިވެންޓުތައް ހުށަހެޅުއްވުމުން އެކަމާ ގުޅިގެން އެމްޑީޕީ އާއި ސަރުކާރާއި ސަރުކާރަށްތާއީދުކުރާ އެއްވެސް ފަރާތަކުން ފާޑު ކިޔާފައެއް ނުވެ އެވެ.

Ad
rt

އެހެން ނަމަވެސް ކުރީ ސަރުކާރުން ބޭއްވި އިސް ރަށްވެހިންގެ ހަފްލާއެއް އިންތިޒާމް ކުރެއްވުމަށް އޭރު ބްރޯޑްކާސްޓިން ކޮމިޝަންގެ މެެންބަރެއް ކަމަށްވާ، ފާތުމަތު ޒޭނާ ބައިވެރިވުމުން އެކަމާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ކުރި އެވެ.

ޒޭނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް އެ މައްސަލާގައި ސުވާލު ކުރުމަށްފަހު، ބްރޯޑްކޮމްގެ މެންބަރު ކަމުން ވަކި ކުރީ އޭރުގެ ސަރުކާރަށް ތާއީދު ކުރުން ފަދަ މައްސަލަތަކާ ހެދި ކަމަށް ބުނެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، ޕީއެސްއެމްގެ ކުރީގެ ޑެޕިޔުޓީ މެނޭޖިން ޑައިރެކްޓަރު، މުހައްމަދު އިކްރާމް އަބްދުއްލަތީފް ވެސް ސަރުކާރުގެ ގިނަ އިވެންޓު ތަކަކާއި ސީދާ ސިޔާސީ އިވެންޓުތައް ވެސް ހުށަހަޅާފައި ވެއެވެ.

އެކަންކަމާ ގުޅިގެން އެމްޑީޕީއާއި އޭރުގެ އިދިކޮޅު ފަރާތްތައް ބޮޑެތި ފާޑުކިޔުންތައް ކުރީގެ ސަރުކާރަށް އަމާޒުވިއެވެ.

ޔާމީން ސަރުކާރުގައި ޤާނޫނު ތަކަށް ބަދަލުގެނެސް ކުންފުނި ތަކާއި އޮފީސްތަކުގެ އިދާރީ އޮނިގަނޑަށް ބަދަލުގެނެސް އަމާޒު ކުރެވުނު މީހުން ވަޒީފާ ގެއްލުވާލި ގޮތަށް މިއަދު އެކަން ވުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ.

ޖޭއެސްސީގެ ޤާނޫނަށް ބަދަލުގެނެސް ޤާނޫނީ ވަކީލު އަލްއުސްތާޛާ ލަޠީފާ ޤާސިމްގެ މަޤާމް ގެއްލުމާއި، ޖުޑީސަލް އެކަޑަމީގެ ވެރިއަކަށް ހުންނެވި އަޙްމަދު މާޖިދުގެ މަޤާމް ގެއްލުމާއި އަދި އެމްޕީއެލްގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުން ވެރިންގެ ފެންވަރުގެ ބައެއް މަޤާމްގެއްލުން ފަދަ ކަންކަމަކީ ވިސްނުން ހިންގާލެވިދާނެ ކަންކަމެވެ.

މިނިވަން ކޮމިޝަންތަކުގެ ވެރިން ޔާމީން ކޮނޑަށްލައިގެން ތިބިހެން، މިސަރުކާރުން އައްޔަނުކުރި މިނިވަން މުއައްސަސާއެއްގެ ވެރިއެއް މިނިސްޓަރެއްގެ ދިފާއުގައި ފޮޓޯނަގައި ޓުވީޓު ކުރާ ހިސާބަށް ދިއުމީ ހަމަ ޤަބޫލުކުރާ މީހުންގެ ހަމައިން ބޭރުކަމެއްކަމަށް ދެކެމެވެ.

ރައްޔިތުންގެ ތަފާތު ފިކުރުތައްއެއްވެ ގެނައި ބަދަލަކީ ސަރުކާރެއްގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ގެނެސްފައިވާ ބަދަލެއްކަމަށް ބަދަލަށް ވޯޓުލީ ގިނަ ރައްޔިތުން ބުނަމުން އެބަދެއެވެ.

ޙަޤީޤީ ހައްޤުބަސް ބުނާ މީހުންނަކީ ގޯސް ފެނުނީމާ އެއީ ގޯސް ކަމަށް ޤަބޫލު ކުރާމީހުންނެވެ. ތިމާ ނިސްބަތްވާ ފިކުރަކުން، ތިމާ ހިމެނޭ ޖަމާއަތަކުން ނުވަތަ ތިމާގެ އެކުވެރިއަކަށްވުމަކުން ހަދާ ގޯހެއް ވާންވާނީ ހަމަ ގޯހަކަށެވެ. އެގޯހުގެ ވާހަކަ ނުބުނެވޭ ނަމަ ގޯސް ރަނގަޅު ކުރާނެ ބަޔަކުވެސް ނުތިބޭނެއެވެ. އެއީ ދެކޮޅުވުމެއް ނޫނެވެ.