ރާއްޖޭގައި ހަކުރު ބަލީގެ މީހުންނަށް މޭވާގެ ބާވަތްތައް ބޭނުން ކުރެވިދާނެތޯ ނުވަތަ ބޭނުން ކުރާނަމަ، ކުރެވޭނީ ކިހާވަރަކަށްތޯ އެއީ ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. އަދި މޭވާގެ ތެރެއިން ކެވޭނީ ކޮން އެއްޗެއްތޯ އާއި ނުކެވޭނެ މޭވާއެއް ހުރިތޯ ވެސް މިއީ ސުވާލު އުފެދޭ ކަމެކެވެ.
މި ސުވާލުތަކަށް ޖަވާބު ބޭނުންވެފައިވާއިރު، ފިޒީޝަން ޑރ. މުހައްމަދު އަލީ މިކަމުގައި ވިދާޅުވަނީ ކީކޭތޯ ބަލައިލަމާ ހެއްޔެވެ.
ޓިކްޓޮކް ގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ ހަކުރު ބަލީގެ މީހުންނަށް ވެސް މޭވާ ކެވޭނެ ކަމަށެވެ. އެކަމަކު ވަކި ހަމައެއްގެ މަތީން ކަމަށެވެ.
އެގޮތުން އެ ބަލި ހުންނަ މީހުުންނަށް ދޮންކެޔޮ ވެސް އަދި ހުރިހައި ވައްތަރެއްގެ މޭވާ ވެސް ކެވޭނެ ކަމަށެވެ. އެކަމަކު ވިސްނަންޖެހޭ ވަރަށް މުހިންމު ކަންކަން ވަނީ ފާހަގަކުރައްވާފަ އެވެ.
ކޮންމެ މޭވާ އެއްވެސް ކާން ޖެހޭނީ ވަކި ވަރަކަށްކަން ފާހަގަކުރައްވައި، އޭނާ ކިޔާފައިވާ ގައިޑްލައިން ތަކުގެ ތެރެއިން އޭގެތެރެއިން ބަލިމީހުންނާ ހަމައަށް ދޭ މައުލޫތު ވަނީ ހިއްސާ ކުރައްވާފަ އެވެ.
"މިސާލަކަށް ދޮންކެޔޮ ކާ ކަމަށްވާނަމަ، ދިވެހިން ގެންގުޅޭ ދޮންކޭލުގެ ދެވަށް ބޭނުން ކުރެވިދާނެ. އެކަމަކު ދެވަށް ދޮންކެޔޮ އެދަވު ކައިފިއްޔާމު، އެދުވަހުގެ ފުރުޓު ލިމިޓް ހަމަވީކަމަށް ބަލަމާ. މިސާލަކަށް ކުދިކޮށް މިހުންނަ ގްރޭޕްސް ކަހަލަ ބްލޫބެރީ ކަހަލަ ނޫނިއްޔާ ގްރީން ގްރޭޕްސް ވެސް ސްޓޯބެރީވިޔަސް އޯކޭ، އަތަށް ލެވޭ ވަރަށް ގާތްގަޑަކަށް ހަ އެތި ނުވަތަ ނުވަ އެތި ދުވާލަކަށް ބޭނުން ކުރެވިދާނެ. ސްޓޯބެރީގަ ވެސް ދޭތި ނުވަތަ ތިނެތި ބޭނުންކުރެވިދާނެ ދުވާލަކަށް" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އެ ވަރަށް މޭވާ ބޭނުން ކުރެވުމުން އެދުވަހެއްގެ ލިމިޓް ހަމަވީ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ދޮންކެޔޮ ވަކަކާއި ސްޓޯބެރީއެއް ނުވަތަ ދޮންކެޔޮ ވަކަކާއި މޭބިސްކަދުރު ކޮޅެއް ކާން ބޭނުންނަމަ، އެއީ ވެސް އެންމެ ރަނގަޅު ގޮތެއް ކަމަށެވެ. އެއްފަހަރާ ފުރުޓު ތައްޓެއް ކެޔަސް އެއިން ލިބޭ ހަކުރުގެ އަދަދު ނޫނީ ކެލޮރީ ގެ އަދަދު ގިނަވެދާނެ ކަމަށް ވިސްނަންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އާފަލެއް ކާން ބޭނުންނަމަ، ދުވާލަކު އެކަތި ކެވިދާނެ ކަމަށާއި މެންޑަރިން އާއި ފޭރުގައި ވެސް އޮންނާނީ ހަމަ އެ އުސޫލުކަން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ކަށިކެޔޮ ވެސް ކެވިދާނެ ކަމަށާއި އޭގަވެސް ދުވާލަކަށް އެންމެ ވަކެއް ކެއުން ބުއްދިވެރިކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ ކަރާ، މެލަން، ފަޅޯ ފަދަ އެއްޗެއް ވިއްޔާ ކެވޭނީ އެއްއިއްޗި ނުވަތަ ފަސް ސެންޓިމީޓަރުގެެ ފޮއްޗެއް ކަމަށާއި އަދި އެއީ ލިމިޓް ކަމަށް ބެލުން ވެސް ބުއްދިވެރިކަމަށް ވިދާޅުވި އެވެ.
ޕޮއިންޓަކީ ހަކުރުބަލީގެ މީހުންނަށް ހުރިހައި މޭވާއެއް ވެސް ކެވޭނެ ކަމަށާއި އެކަމަކު ކާއިރު މާގިނައިން ނުކެއުމަށް ވަނީ އެދިލައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!