ފޮޓޯ: ކުޑަ އީދު ދުވަހު ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތަކުގެ މަންޒަރުތައް

މި އަދަކީ 1444 ވަނަ އަހަރުގެ ބަރަކާތްތެރި ފިތުރު އީދު (ކުޑަ އީދު) ދުވަހެވެ.

ރާއްޖޭގެ އިތުރުން ސައޫދީ އަރަބިއްޔާއާއި އެހެނިހެން ގިނަ އިސްލާމީޤައުމުތަކަށް މިއަދަކީ މިއަހަރުގެ ކުޑަ ޢީދު ދުވަހެވެ.

އީދު ނަމާދުގެ ކުރިން ފަތިސް ނަމާދަށް ފަހުގައި ބައެއް ރަށްތަކުގައި ވަނީ އީދުގެ އުފާ ފަށާފައެވެ. މިގޮތުން ބައެއް ރަށްތަކުގައި ވަނީ ''އީދު ހުޅު'' ޖަހާފައެވެ. ބައެއް ރަށްރަށުގައި މިކަމަށް ''ގަސްބުޑު ރޯކުރުން'' ވެސް ކިޔާ އުޅެތެވެ.

ބާރަށުގައި އީދު ހުޅު ޖެހުމުގެ ތެރެއިން، ފޮޓޯ: ނަޒީހް/ބާރަށް

ކުޑަ ޢީދުގެ އުފާ ރާއްޖޭގެ ކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނައިރު، ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްގޮތައް ބޮޑު ތިލަދުންމަތީގެ ގިނަ ރަށްތަކެއްގައި ވެސް އީދު ނަމާދު ވަނީ ބޮޑު ޖަމާއަތުގައި ކޮށްފައެވެ.

ކުޅުދުއްފުށީ ސިޓީގައި ބޮޑު ޖަމާއަތުގައި މިއަދު ކުރި އީދު ނަމާދުގެ ތެރެއިން

ކުޅުދުއްފުށި ސިޓީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ، ފޮޓޯ: ސިޓީ ކައުންސިލް

މިއަދުގެ ޢީދު ނަމާދުގެ ހުތުބާގައި ވަނީ އެއްބައިވަންތަކަމާއި ވަތަނުގެ އަމާންކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. މިގޮތުން ދިވެހި ވަތަންގެ ކުރިއަށް އޮތް ޖީލުތަކަށް އިސްލާމް ދީނުގެ މަތިވެރި އަގީދާ ފޯރުކޮށް ދިނުމަށް، ގައުމުގެ އިސްލާމީ ސަހުސިއްޔަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް މިއަދު އަޒުމް ކަނޑައަޅަންޖެހޭނެ ކަމަށް ހުތުބާގައި ބުނެފަވެއެވެ.

ށ. ފުނަދޫގައި ބޮޑު ޖަމާއަތުގައި މިއަދު ކުރި އީދު ނަމާދުގެ ތެރެއިން

ފުނަދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ، ފޮޓޯ: ޖަވާޓްސް

"ގައުމު ތަރައްގީ ކުރެވޭނީ އަމާންކަން ލިބިގެންނެވެ. ގައުމުގެ ހުރިހާ ދަރިން މި އަމާންކަން ހިމާޔަތްކުރުމަށް ގަދައަޅައި މަސައްކަތް ކުރާންވާނެ އެވެ،" ހުތުބާގައި ގޮވާލާފަވެއެވެ.

ދިއްދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ނިމުމުން އެރަށު މިޑްލް ސްޕޯޓްސް ކްލަބުން އީދު ހަދިޔާ ބަހަނީ، ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް

ހުތުބާގައި ބުނެފައި ވަނީ ޤައުމުގެ އިސްލާމީ ސަހުސިއްޔަތަކީ، އިސްލާމް ދީނާއި، އެކުވެރިކަމާއި، މިނިވަންކަމާއި އަދި އިސްތިގްލާލު ކަމަށެވެ. އަދި ކުރިއަށް އޮތް ޖީލުތަކަށް މި މަތިވެރި އަގީދާ ފޯރުކޮށްދީ، ގައުމުގެ އިސްލާމީ ސަހުސިއްޔަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް މިއަދު އަޒުމް ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ހއ. ބާރަށުގައި ބޮޑު ޖަމާއަތުގައި މިއަދު ކުރި އީދު ނަމާދުގެ ތެރެއިން

ބާރަށުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ، ފޮޓޯ: ނަޒީހް/ބާރަށް

އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުގެ އިތުރުން، ގިނަ ރަށްތަކެއް ގައި ވަނީ އީދު ސައި ވެސް ކުރިއަށް ގެންގޮސްފައެވެ. މި ދެ ހަރަކާތަކީ ވެސް ރަށްތަކުގެ އިޖުތިމާއީ ގުޅުން ބަދަހިވެ، ދޭދޭ ފަރުދުންގެ މެދުގައި އޮތް ދުރުމިން ގާތްކޮށްލަދިނުމަށް ހުޅުވިގެންދާ ފަހި ފުރުސަތެކެވެ.

ހދ. ނޮޅިވަރަމްގައި މިއަދު ކުރިއަށް ގެންދިޔަ އީދު ސައިގެ ތެރެއިން

ނޮޅިވަރަމްގައި އީދު ސައި ކުރިއަށް ގެންދަނީ، ފޮޓޯ: އަޒޭ ފޮޓޯ

މީގެ އިތުރުން މި ނޫންވެސް ގިނަ ހަރަކާތްތަކެއް އީދު ދުވަހާއި ގުޅުވައިގެން ބޮޑު ތިލަދުންމަތީގެ ރަށްތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އީދު ވެދުމާއި ދިއުމާއި، ފުޓްބޯޅަ، ވޮލީ، ފުޓްސަލް ފަދަ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހއ. މޮޅަދޫގައި އީދު ވެދުމާއި ހިނގަނީ، މީގެ އިތުރުން އަންހެން،ފިރިހެން ފުޓްޝަލް މެޗުތައް ވެސް ކުޅެފައި

ކުޑަ އީދަށްފަހު އަޅުގަނޑުމެންނާ ކުރިމަތިވެފައި މިވަނީ ހަ ރޯދައިން ބަރަކާތާއި ސަވާބު ހޯދުމުގެ ފުރުސަތެވެ. އަޅަމެންނީ މި ފުރުސަތުގެ ބޭނުން ހިފުމުގެ މަގު ތަނަވަސްވެގެންވާ ބަޔަކު ކަމުގައި ލައްވާށި! އާމީން.

ފޮޓޯ ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *